Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އާ ހޮސްޕިޓަލްގެ ކޮންޓްރެކްޓަށް ނުވަ ފަރާތެއް

ޑރ. ހަބީބު (ވާތް ފަރާތުން ދެވަނަ) ހޮސްޕިޓަލްގެ ކުރެހުމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރައްވަނީ. ފޮޓޯ/ ކައުންސިލް

އައްޑޫގައި އިމާރާތް ކުރަން ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލުމުން ނުވަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އައްޑޫހެ ސިއްހީ ކަންކަން ވިލަރެސް ކުރައްވަން ހަވާލު ކުރައްވާފައިވާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހަބީބް ވިދާޅުވީ ކުރިމަތިލި ނުވަ ފަރާތުގެ ޕްރޮޕޯސަލްތައް މިހާރު އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކުގެ ތަފުސީލެއް ނުދެ އެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން 100 އެނދުގެ އާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ އެވެ.

ހޮސްޕިޓަލް އަޅަން ހިތަދޫ މާމެންދޫ ސަރަހައްދުން ކަނޑައަޅާފައިވާ ބިން މިދިޔަ ޖެނުއަރީ މަހު ވަނީ ސާވޭ ވެސް ކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާ އަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.

NKKM

ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލްގެ މަސައްކަތް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މި ހޮސްޕިޓަލަކީ ސައުދީ ފަންޑްގެ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) ގެ 8.5 މިލިއަން ޑޮލަރުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ.

ޑރ. ހަބީބު ވިދާޅުވީ އާ ހޮސްޕިޓަލްގެ އަމަލީ މަަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.