Last Updated: April 20, 18:15
Saturday, April 20, 2024
މުނިފޫހިފިލުވުން

ރިތިކްގެ ކަނދުރާ އަށް އަނިޔާވެއްޖެ

ރިތިކް ރޯޝަން މިހާރު ޝޫޓް ކުރަމުން އަންނަ "މޮހެންޖޮ ދާރޯ" ގެ އެކްޝަން މަންޒަރެއް ނަގަމުން ދަނިކޮށް ކަނދުރާ އަށް އަނިޔާވެގެން ފިލްމުގެ ޝޫޓިން އަށް ބުރޫ އަރައި އެވެ.

ބޫޖްގައި މި ފިލްމުގެ ޝޫޓިން ކުރިއަށްދާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިތިކްގެ ކަނދުރާ އަށް އަނިޔާވީ އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައި ބަޔަކު ކޮނޑުމައްޗަށް އުފުލައިގެން އުޅުމުގެ ތެރޭގަ އެވެ.

އެހެން ނަމަވެސް ކަނދުރާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ކުރުމަށް ފަހު، ރިތިކް ވަނީ އިއްޔެ އަލުން ޝޫޓިން ފަށައިފަ އެވެ.

އިންޑަސް ވެލީ ސިވިލައިޒޭޝަންގެ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ "މޮހެންޖޮ ދާރޯ" ގެ އެކްޝަން ޑައިރެކްޓަަކީ ހޮލީވުޑްގެ އެކްސްޕާޓެއް ކަމަށްވާ ގްލެން ބޮސްވެލް އެވެ. އޭނާ އާ އެކު މި ފިލްމުގެ އެސިސްޓެންޓަކީ ވެސް ހުދު ރިތިކެވެ.

ރިތިކް ބޭނުން ވަނީ މީގެ ކުރިން ހިންދީ ފިލްމަކުން ފެނިފައި ނުވާ ފަދަ އެކްޝަން މަންޒަރުތަކެއް "މޮހެންޖޮ ދާރޯ" އިން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ރިތިކާއި އައިޝްވާރިއާ ރާއީ ލީޑް ރޯލް ކުޅުނު "ޖޯދާ އަކްބަރު" ގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ އެވެ.

ރިތިކާ އެކު ބަތަލާއެއްގެ ގޮތުގައި މި ފިލްމުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ނިކުންނަ ޕޫޖާ ހެގްޅޭ އެވެ.