Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އާނަސްތު ޓީވީއެމުން ވަކިވެއްޖެ

މުވައްޒަފުންނާ ދޭތެރޭ ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށާއި މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ އިސްވެރިންގެ ފަރާތުން ޕްރެޝަރުތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ޓީވީއެމްގެ ނިއުސްކާސްޓަރު ހަދީޖާ އާނަސްތު ވަޒީފާ އިން އަމިއްލަ އަށް ވަކިވެއްޖެ އެވެ.

މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން ނިއުސްކާސްޓަރެއްގެ ގޮތުގައި ޓީވީއެމްގައި މަސައްކަތް ކުރަން ފެށި ފޭދު އަށް ނިސްބަތްވާ އާނަސްތު ބުނީ އެމްބީސީން ވަކި ވިޔަސް އެހެން ޗެނެލަކުން އޭނާ ފެންނާނެ ކަމަށެވެ.

އާނަސްތަކީ ޓީވީއެމުން ނިއުސްކާސްޓަރުން ތަމްރީނު ކުރަން ހިންގި ކޯސްތަކުގައި ބައިވެރިވެ، ކޯސް ފުރިހަމަކޮށް މިހާތަނަށް ވަޒީފާގައި ދެމިތިބި މަދު ޒުވާން އަންހެން ކުދިންގެ ތެރެއިން އެކެކެވެ.

ގދ. ތިނަދޫގައި މަސައްކަތް ކުރަމުން ދިޔަ އާނަސްތު ޓީވީއެމް ވަޒީފާ އިން ވަކިވެފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ވަޒީފާ އިން ވަކިވި ސިޓީ އާނަސްތު ވަނީ އޭނާގެ ފޭސްބުކް ޕޭޖަށް ވެސް ޕޯސްޓްކޮށްފަ އެވެ.

HJKJHK (1)

ދާދި ފަހުން އެމްބީސީން ވަނީ އައްޑޫގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ނިއުސްކާސްޓަރު ނަސްރުﷲ އަބްދުލް ހާދީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ "އަމިއްލަ ހަރަދުގައި ޓީވީއެމް ބިއުރޯ ނުހިންގޭނެ" ކަމަށް ބުނެ މާލެ ބަދަލުވާން އެދި ސިޓީ ވެސް ލައިފައި ވަނިކޮށެވެ.

އެއާ ގުޅިގެން އެމްބީސީން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ނަސްރުﷲ އިތުރަށް ވަޒީފާގައި ބަހައްޓައިފި ނަމަ ކޯޕަރޭޝަނަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް ބުނެފަ އެވެ.

އަދި ކުރި ޓްވީޓްތަކަކާ ގުޅިގެން ޓީވީއެމްގެ ޕްރެޒެންޓަރު/ނިއުސްކާސްޓަރު އަލީ ޝާމިން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތްތަކުން އެކަހެރިކޮށްފަ އެވެ.