Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

"އޮސްކާއެއް ހާސިލް ކުރުމަކީ ހުވަފެނެއް"

ކޮންމެވެސް ދުވަހަކުން އޮސްކާއެއް ހާސިލް ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް "މޭރީ ކޮމް" އިން ބޮލީވުޑަށް ނިކުތް އެކްޓަރު ދަރްޝަން ކުމާރު ބުނެފި އެވެ.

ހުނަރުވެރި އެކްޓަރު ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާގެ ރޯލުން މިދިޔަ އަހަރު ރިލީޒް ކުރި "މޭރީ ކޮމް" އިން ބޮލީވުޑަށް ތައާރަފުވި ދަރްޝަން އަހަރުގެ ގިނަ އެވޯޑް ހަފުލާތަކުގައި އެންމެ މޮޅު އާ އެކްޓަރުގެ ރޯލަށް ނޮމިނޭޓް ވެސް ވި އެވެ.

އެކަމަކު އަހަރުގެ އެއްވެސް އެވޯޑް ހަފުލާއެއްގައި އޭނާ އަށް އެއްވެސް އެވޯޑެއް ހިއްލާލެވޭ ގޮތެއް ނުވި އެވެ. އެކަމަކު އުންމީދުތައް އޮތީ ކުރިއަށެވެ.

"އެކްޓަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުން ހުރިހާ އެވޯޑްތަކެއް ހާސިލް ކުރަން. އެކަމަކު މޭރީ ކޮމްއިން އަހަންނަށް އެ ފުރުސަތު ފަހިވާ ގޮތެއް ނުވި. އެކަަމަކު މައްސަލައެއް. ކުރިއަށް އޮތް ތަނުގައި ވެސް ބުރަކޮށް މަސައްކަތް ކުރާނަން،" ދަރްޝަން ބުންޏެވެ. "ވަރަށް ބޮޑު ހުވަފެނެއް ކޮންމެވެސް ދުވަހަކުން އޮސްކާ އެވޯޑެއް ހޯދުމަކީ."

އޭނާ އަދި ބުނީ "މޭރީ ކޮމް"ގައި އޭނާ ކުޅުނު ރޯލަށް ބޮލީވުޑްގެ މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ވަރަށް ބޮޑަށް ތައުރީފް ކުރި ކަމަށެވެ.

"އަހަރެންގެ ޕާފޯމަންސް ވަރަށް ރަނގަޅު ކަމަށް ނަސީރު އެ ފިލްމް ބަލާފައި ބުނި. އެއީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް،" ދަރްޝަން ބުންޏެވެ.

ei-217420

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކޮށްފައިވާ "އެންއެޗް 10" އެވެ. މި ފިލްމުގެ ތަރިންނަކީ ދަރްޝަންގެ އިތުރުން އަނުޝްކާ އާއި ނޫލް ބޫޕަލަން އެވެ.

މި ފިލްމުގައި ދަރްްޝަން ފެނިގެން ދާނީ ކުރީ ފިލްމާ ހިލާފަށް ނެގަޓިވް ރޯލަކުންނެވެ.

"ވަރަށް ތަފާތު ރޯލަކުން އަހަރެން ފެނިގެން ދާނީ. އުންމީދު ކުރަން ބެލުންތެރިންނަށް އަހަރެންގެ ރޯލް ކަމުދާނެ ކަމަށް." ދަރްޝަން ބުންޏެވެ.

ބޮލީވުޑަަށް ނިކުތުމުގެ ކުރިން އޭނާ ވަނީ ޓީވީގައި މަސައްކަތްކޮށްފަ އެވެ.

އެގޮތުން ލައިފް އޯކޭ ޗެނަލްގެ "ދޭވޯން ކާ ދޭވް" ގެ މުހިއްމު ރޯލެއް ދަރްޝަން ކުޅެފައިވެ އެވެ.