Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އެޗްޕީއެލުން ވެއާހައުސްތަކެއް ހަދަނީ

ހިތަދޫ ސަރަހައްދީ ބަނދަރަށް އެތެރެ ކުރާ މުދާ ރައްކާ ކުރާނެ ވެއާހައުސްތަކެއް ގާއިމު ކުރަން އެ ބަނދަރު ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ނިންމައިފި އެވެ.

އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަޝްހޫދް އިއްޔެ ވިދާޅުވި ވިޔަފާވެރިން ހިތަދޫ ސަރަހައްދީ ބަނދަރުން އެތެރެ ކުރާ މުދާ ރައްކާކުރަން ދެ ގޮތެއް އެބަ އޮތް ކަމަށެވެ.

އެއް ގޮތަކީ އެޗްޕީއެލް އިން ގާއިމު ކުރާ ވެއާހައުސްތަކުގައި މުދާ ރައްކާ ކުރުމެވެ. ނުވަތަ ވިޔަފާވެރިން އަމިއްލަ އަށް އެޗްޕީއެލް އިން ދައްކާ ތަނެއްގައި އަމިއްލަ އަށް ގުދަން ހަދައިގެން މުދާ ރައްކާ ކުރުމެވެ.

މިކަމަށް ބޭނުންވާ ބިން ހޯދަން އެޗްޕީީއެލް އިން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވެސް ހުށަހަޅައިފަ އެވެ. ބިން ހޯދަން އެދިފައި ވަނީ ބަނދަރާ ދިމާލުން ހިއްކާފައިވާ ސަރަހައްދުންނެވެ.

މަޝްހޫދް ވިދާޅުވީ ބިން ހަމަޖައްސައި ދޭން ކައުންސިލްގައި އެދުމުން، އެޗްޕީއެލް އިން ބޭނުންވާ ބިމުގެ ސައިޒާއި ބިމާ ބެހޭ އިތުރު ތަފުސީލްތައް ހުށަހެޅުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.

bnbm (1)

އެހެންވެ ބިން ހަމަޖެހުނުހާ އަވަކަށް މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއެލް އިން ބުނީ މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ހިންގާ ހިތަދޫ ސަރަހައްދީ ބަނދަރަށް އެތެރެ ކުރާ މުދާ ރައްކާ ކުރެވޭނެ ގުދަންތަކެއް ހެދުމަށް ނިންމީ ވިޔަފާވެރިން ވެސް އެކަމަށް ވަރަށް ބޮޑަށް އެދެމުންދާތީ އެވެ.

"ގިނަ އަދަދަކަށް މުދާ އެތެރެ ކުރާ ފަރާތްތަކުން މިފަދަ ފެސިލިޓީއެއް ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވެ އެކަން ފަހިކޮށްދިނުން މީގެ މައިގަނޑު މަގުސަދަކީ. މީގެ ބަނދަރަށް ވެސް ވިޔަފާވެރިންނަށް ވެސް މަންފާތަކެއް ލިބިގެން ދާނެ،" މަޝްހޫދް ވިދާޅުވި އެވެ.