Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

"ހުސްދޯރި" އަކުން ވެސް ފިސްތޯލައެއްގެ ސީރިއަލް ނަމްބަރު ހޯދިދާނެ!

ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލަ.

މާލޭގައި ދާދި ފަހުން ހިނގި ހާދިސާއެއްގައި ގެއެއްގެ ތެރެއިން ބައެއްކަހަލަ ހަތިޔާރުތަކެއް ފެނިގެން، މައްސަލަ ތަހުގީގުކޮށް ނިންމައި ޝަރީޢަތް މިވަނީ ފެށިފައެވެ. އަދި ޝަރީޢަތުގައި ދައުލަތުން ދެއްކި ވާހަކަތަކުން އެނގުނުގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތުގެ ގެއިން ފެނިފައިވާ ހަތިޔާރު ތަކުގެ ތެރޭގައި ނުވައެއް އެމްއެމްގެ ބްރައުނިން ފިސްތޯލައެއް އޮތެވެ.

ނުވައެއް އެމްއެމްގެ ބްރައުނިން ފިސްތޯލައަކީ އެމެރިކާގެ ހަތިޔާރު އީޖާދު ކުރާ މީހެއް ކަމުގައިވާ ޖޯން ބްރައުނިން ކޮށްފައިވާ ފަރުމާއެއްގެ މައްޗަށް ބިނާކޮށް، ބެލްޖިއަމްގެ ހާސްޓަލްގައި ގާއިމްކުރެވިފައިވާ މަޝްހޫރު ހަތިޔާރު އުފައްދާ ނެޝަނަލް ފެކްޓަރީ އޮފް ހާސްޓަލްގައި މަސައްކަތްކުރި ޖޯސެފް ސައިވް މޮޑިފައި ކޮށްފައިވާ ހަތިޔާރެކެވެ.

މިއީ ދުނިޔޭގެ ފަންސާހަށްވުރެ ގިނަ އަސްކަރިއްޔާ ތަކުގައި ވަރަށް މަޤްބޫލު ކަމާއި އެކު ބޭނުންކުރަމުން އަންނަ ފިސްތޯލައެކެވެ.އަދި ރާއްޖޭގެ ދިފާއީ ބާރު، އެމް.އެން.ޑީ.އެފް ގައިވެސް މި ވައްތަރުގެ ފިސްތޯލަ ބޭނުންކުރާކަމަށް ވެއެވެ.

މާލޭގައި މިހިނގި ހާދިސާއާއި ގުޅިގެން ކުރެވޭ ޝަރީޢަތުގައި ހަތިޔާރާއި ބެހޭގޮތުން ފޮރެންސިކް އެނަލިސިސް ރިޕޯރޓް ހެދި ބޭފުޅާ ފާހަނގަކުރި ކަންތައްތަކުގެ ތެރޭގައި ފެނިފައިވާ ފިސްތޯލައިގެ ސީރިއަލް ނަމްބަރ ފެންނަން ނެތުން ހިމެނެއެވެ. އެހެންކަމަށް ވަނީނަމަ އެއީ ބަޔަކު އެ ފިސްތޯލައިގެ ސީރިއަލް ނަމްބަރު ނުފެންނާނެހެން ނައްތާލާފައި ވަނީކަމަށްވެސް ވެދާނެއެވެ. މިހެން މިދެންނެވީ ދެންނެވުނު ކުންފުނިން އުފައްދާ މިފަދަ ހަތިޔާރު ތަކުގައި ޢާންމުކޮށް ސީރިއަލް ނަމްބަރާއި އެހެންވެސް " ޕްރޫފް މާރކްސް " ހުންނާތީއެވެ. ސުވާލަކީ އެއީ ދެން ސީރިއަލް ނަމްބަރު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރުމެއް ނެތީތޯ އެވެ ؟

ކުށުގެވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފިސްތޯލައެއް ނުވަތަ އެހެންވެސް ވައްތަރެއްގެ ބަޑިއެއް ފަދަ ހަތިޔާރެއްގައި ސީރިއަލް ނަމްބަރު ނެތުމަކީ، ނުވަތަ ސީރިއަލް ނަމްބަރ ހޯދޭނެ އެއްވެސް ގޮތެއް ނެތުމަކީ އެފަދަ މައްސަލައެއްގެ ތަހުގީގުގައި މުހިންމު މައުލޫމާތު ތަކެއް ހޯދުމަށް ހުރަސް އެޅިގެންދާނެ ކަމެކެވެ.

އެހެންކަމުން ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމު ތަކުގައި މިފަދަ ހުރަސްތަކަށް ހައްލު ހޯދުމަށް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު މިވަނީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އެފަދަ މަޢުލޫމާތު ހޯދޭނެ އިންތިޒާމް ހަމަޖެހިފައެވެ. އަދި މިގޮތުން ކުށެއް ކުރުމުގައި ބޭނުންކޮށްފައިވާ ހަތިޔާރު ދެނެގަތުމަށާއި، އެހަތިޔާރު އުފެއްދި ފަރާތް ހޯދުމަށް ތަފާތު ގޮތްތަކަށް މަސައްކަތްކުރެވެއެވެ.

ހަތިޔާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ އެ އުފެއްދި ހިސާބުން ފެށިގެން ހުއްދަގޮތުގައި ރީޓެއިލްކޮށް އެ ގަންނަ ފަރާތާއި ހަމައަށް "ޓްރޭސް" ކުރެވޭނެ އިންތިޒާމް ގިނަ ގައުމުތަކުގައި ހަމަޖެހިފައިވެއެވެ. މިގޮތުން ފެންނަ ފިސްތޯލު ފަދަ ހަތިޔާރުތަކުގައި ސީރިއަލް ނަމްބަރ އެނގެން ހުރިނަމަ،އަދި ހޯދިއްޖެ ނަމަ އެމެރިކާގައި ޢަމަލު ކުރެވެމުންދާ ގޮތަކީ އެތާގެ ބިއުރޯ އޮފް އަލްކޮހޮލް ޓޮބާކޯ ފާރމްސް އެންޑް އެކްސްޕްލޯސިވްސް (އޭ.ޓީ.އެފް)ގެ ދަށުން ހިންގާ ނެޝަނަލް ޓްރޭސިން ސެންޓަރަށް އެ ހަތިޔާރާއި ބެހޭ މަޢުލޫމާތު ޙިއްޞާކޮށްގެން އެ ހަތިޔާރެއްގެ "ސޭލްސް ހިސްޓްރީ" ހޯދަނީއެވެ.

މިގޮތުން ނެޝަނަލް ޓްރޭސިން ސެންޓަރަށް މައުލޫމާތު ހިއްސާކުރުމުން އެ އިދާރާގެ ފަރާތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ހަތިޔާރެއް އުފެއްދި ކުންފުންޏަކަށް ނުވަތަ މެނުފެކްޗަރާރ އާއި ގުޅައިގެން ހޯދިފައިވާ ސީރިއަލް ނަމްބަރުގެ ހަތިޔާރު ކުންފުނިން ވިއްކި ފަރާތް ނުވަތަ "ޑިސްޓްރިބިއުޓަރ" އަކީ ކޮބާތޯ ސާފުކުރާނެއެވެ.

މިފަދަ މަޢުލޫމާތު ތަކަކީ މެނުފެކްޗަރާރ އަށް ޤާނޫނީ ގޮތުން ބަލަހައްޓަންޖެހޭ މަޢުލޫމާތު ތަކެއް ކަމުން ވަރަށް ސާފުކޮށް ބުނެދެވެން ހުންނާނެއެވެ. އެއަށްފަހު އެ ޑިސްޓްރިބިއުޓަރަކު ހޯދައިގެން، އެފަރާތުން ހަތިޔާރު ވިއްކި ލައިސަންސް ލިބިފައިވާ ރީޓެއިލާގެ މަޢުލޫމާތު ހޯދޭނެއެވެ. އަދި ރީޓެއިލްކޮށް ވިއްކި ފަރާތެއްގެ މައުލޫމާތު ރީޓެއިލާގެ ފަރާތުން ލިބެން ހުންނާނެއެވެ. މިހިސާބަށް މައުލޫމާތު އެއްކުރެވޭއިރު އެ ހަތިޔާރެއް އުފެއްދި ދުވަހުން ފެށިގެން ހުއްދަގޮތުގައި ނުވަތަ "ލެޖިޓިމޭޓް" ކޮށް އެ ހަތިޔާރާއި ގުޅިގެން ކުރެވިފައިވާ އެންމެހައި މުޢާމަލާތް އެނގެން ހުންނާނެއެވެ.
މިފަދަ މައުލޫމާތު ތަކަކީ ރައްކާތެރިކަމާއި އެކު ބަލަހައްޓަންޖެހޭ މައުލޫމާތު ތަކެއް ކަމުން ދެންނެވުނު ހައިރާކީގައި ހިމެނޭ ހުރިހާ ފަރާތަކުންވެސް އެ މައުލޫމާތުތައް ބެލެހެއްހެއްޓުމަކީ ޤާނޫނީގޮތުން ލާޒިމްކަމެކެވެ.
images (4)
ދެންއޮތީ ސީރިއަލް ނަމްބަރު ނެތިއްޖެ ޙާލަތެއްގައި ކުރިންދެންނެވުނު ގޮތަށް ޓްރޭސް ކުރަން ހަދަން ޖެހޭ ގޮތެވެ. ހަލާކުކޮށްފައިވާ ސީރިއަލް ނަމްބަރ ނުވަތަ ސާފުނުވާ ސީރިއަލް ނަމްބަރެއް ހޯދުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެއް "ޓެކްނިކް" އަކީ ތަފާތު އެކި ވައްތަރުގެ ކެމިކަލްތައް ބޭނުންކޮށްގެން އެފަދަ ސީރިއަލް ނަމްބަރުތައް ހޯދުމެވެ. މިއީ ހަތިޔާރު ނޫނަސް ދަގަނޑު އެއްޗިހީގައި ޖަހާފައި ހުންނަ ސީރިއަލް ނަމްބަރުތައް "ރިކަވާރ" ކުރެވޭ ގޮތެކެވެ. މިގޮތުން ސައިކަލް ފަދަ ތަކެތި ވަގަށް ނެގުމަށްފަހު އިންޖީނުގައި ހުންނަ ސީރިއަލް ނަމްބަރުތައް ނުވަތަ އެހެންވެސް އައިޑެންޓިފިކޭޝަން ނަމްބަރުތައް ނައްތާލާފައިވާނަމަ މި އުކުޅު ބޭނުންކުރެވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައިވެސް ފުލުހުން މިގޮތަށް ސައިކަލް އިންޖީނު ފަދަ ތަކެތިން ހަލާކުކޮށްފައިވާ ސީރިއަލް ނަމްބަރުތައް ދެނެގަނެވިފައި ވެއެވެ. އެހެންކަމުން މިއީ ފިސްތޯލައިގެވެސް ސީރިއަލް ނަމްބަރ ހޯދުމަށް މަސައްކަތް ކުރެވިދާނެ ގޮތެކެވެ.

ސީރިއަލް ނަމްބަރ އެނގެން ނުހުންނަ ފިސްތޯލަ ފަދަ ހަތިޔާރު ތަކުން ސީރިއަލް ނަމްބަރ ހޯދާ އެންމެ ޒަމާނީ ގޮތަކީ "މައިކްރޯ ސްޓޭމްޕިންގ" ޓެކްނޮލޮޖީ ބޭނުން ކޮށްގެނެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސީރިއަލް ނަމްބަރ ހޯދުމަށް ބޭނުންވާ ފިސްތޯލަ ނުވަތަ ބަޑި ފުލުހުންގެ ބެލުމުގެ ދަށުގައި ނެތްކަމުގައި ވިޔަސް އޭގެ ސީރިއަލް ނަމްބަރ ހޯދިދާނެއެވެ. މިކަމަށް ބޭނުންވަނީ ހަމައެކަނި ސީރިއަލް ނަމްބަރު ހޯދުމަށް ބޭނުންވާ ހަތިޔާރުން ޖަހާފައިވާ ވަޒަނެއްގެ ހުސް ދޯރިއެއް، ނުވަތަ ވަޒަނުގެ "ކޭސިން" އެކަނި ކަމުގައި ވެއެވެ.

މި ޓެކްނޮލޮޖީ އީޖާދު ކުރުމަށް އެންމެ ހިތްވަރު ލިބިގެން ދިޔަކަމަކަށް ވަނީ ހަތިޔާރު ބޭނުންކޮށްގެން ހިންގޭ ގިނަ ޖިނާއީ ކުށްތަކުގައި ހެކީގެ ގޮތުގައި ހޯދިފައިވަނީ ހަމައެކަނި ހުސްދޯރިތަކާއި ވަޒަން ކަމުން ބޭނުންކޮށްފައިވާ ހަތިޔާރަށް ރުޖޫޢަވުމަށް ކުރެވުނު މަސައްކަތެވެ.

އަދި މިއީ ދުނިޔޭގައި ކުށްކުރުމަށް ބަޑިފަދަ ހަތިޔާރުތައް ބޭނުންކުރުމަށް ހުރަސްއެޅުމަށް ފަހިވެގެން ދިޔަ ވަރަށް މުހިންމު މަގެކެވެ. އެއީ ފިސްތޯލަ ފަދަ ހަތިޔާރު ބޭނުންކުރުމުން އެފަދަ ހަތިޔާރުތައް ކުށުގެ ވެއްޓަށް ދޫކުރާ ހެކިތައް ގިނަކަމުން ކުށް ކުރި މީހާ ހޯދުމަށް ތަހުގީގަށް ފަސޭހަވެގެން ދާތީއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދަޢުވާ ލިބޭ ފަރާތުން ފުލުހުންނަށް ހަތިޔާރާއި ގުޅޭ ފޮރެންސިކް އެނަލިސިސް މިނިވަންކޮށް ހެދުމަށް އެދިފައިވަނީ މިބާވަތުގެ ކަންކަން ވަރަށް ފުރިހަމައަށް ބޭރުގެ ގައުމުތަކުން ބެލެންހުރުމުން ކަމަށް ވެދާނެއެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ހަތިޔާރު ޓްރޭސް ކުރަން ކުރެވިފައި ހުރި މަސައްކަތާއި މެދު އެބޭފުޅުން ހިތްހަމަ ނުޖެހޭތީވެ ކަމަށްވެސް ވެދާނެއެވެ.

ޔަގީނުންވެސް އިސްވެ ދަންނަވާފައިވާ ގޮތަށް ހަތިޔާރު ޓްރޭސް ކޮށްފި ނަމަ ހުއްދަގޮތުގައި އެންމެ ފަހު ފަރާތެއްގެ ގޮތުން އެ ހަތިޔާރު ލިބުނު ފަރާތް އެނގެން އޮންނާނެއެވެ. އެއީ ރާއްޖޭގެ އަސްކަރިއްޔާ ވިޔަސް އެކަން އެނގެން އޮންނާނެއެވެ.