Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

"ނުޖޫމީ" ޕެންޑްރައިވް

ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރާއި ޕެންޑްރައިވް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދް ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެންޑްރައިވް އަކީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހަކު ތައްޔާރު ކުރި ޕްލޭން ތަކެއް އެކުލެވޭ އެއްޗެއް ކަން ހާމަވެގެން ހިނގައްޖެއެވެ.

ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެންޑްރައިވް ގައި ހުރި ކަމަށް ބުނާ ލިޔުންތަކެއްގެ ސޯޝަލް މީޑިޔާގައި ދައުރު ވެފައިވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލިޔުމަކީ ސަރުކާރުގެ އިސްބޭފުޅުން “ދެޓީމަކަށް” ބައްސަވައިގެން ކުރަހާފައިވާ "ސިނޭރިއޯ" ޖަހާފައިވާ ޗާޓެވެ.މި ލިޔުމުގައި ސަރުކާރު ދެޓީމަކަށް ބަހާފައި ވާއިރު އެއްޓީމްގެ އިސް ބޭފުޅަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. އަނެއް ޓީމްގެ އިސް ބޭފުޅަކަށް ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއެވެ.

61f1a4e44b061154b579a57546c6b5e43b260eface9a4b2af547d378759003291

މީގެ ތެރެއިން ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ޓީމުގެ ޗާޓުން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ މިހާރުގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ފޮޓޯ އެއް ހިމަނާފައި ވުމެވެ. މިކަން ހައިރާންކުރުވަނިވި ކަމަކަށް ވަނީ ހަމައެކަނި އެ ޑޮކިއުމެންޓްގެ މަތީގައި ތާރީޚަކަށް 24 އޮގަސްޓް 2014 ލިޔެފައިވުމެއް ނޫނެވެ. ނަމަވެސް ޕެންޑްރައިވްގައި ހުރި ލިޔުންތައް ތައްޔާރުކޮށްފައިވާ ތާރީޚް (ފައިލް ކްރިއޭޓެޑް ޑޭޓް) އަކީ 7 ފެބްރުއަރީ 2014 ކަމަށް ވުމެވެ.މިކަން އެ ޕެންޑްރައިވް އެނަލައިޒް ކުރި ފަރާތުގެ ރިޕޯޓުގައި ހިމަނާފައިވާކަން "އައްޑޫލައިވް" އަށް ވަނީ ކަށަވަރުވެފައެވެ.

 24 ނޮވެމްބަރ 2014 ގައި އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގެ ލިޔުން ހަސަން ޒިޔަތާއި ރައީސް ޔާމީން ހަވާލުކޮށްދެއްވަނީ.
24 ނޮވެމްބަރ 2014 ގައި އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގެ ލިޔުން ހަސަން ޒިޔަތާއި ރައީސް ޔާމީން ހަވާލުކޮށްދެއްވަނީ.

ލީކުވިކަމަށް ބުނާ ލިޔުންތަކަށް ގިނަ ބަޔަކު ޖޯކު ޖަހަމުން ދާއިރު އޮޑިޓަރ ޖެނެރަލް ކަމަށް ޙަސަން ޒިޔަތު ކުރިމަތިލައްވާފައި ވަނީ ވެސް 2014 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ކުރީކޮޅުގައެވެ. އަދި އޭނާ އޮޑިޓަރ ޖެނެރަލް ކަމަށް މަޖިލީހުން ނަން ފާސްކޮށް އައްޔަންކޮށްފައިވަނީ 24 ނޮވެމްބަރ 2014 ގައެވެ. އެހެން ކަމުން ޑޮކިއުމެންޓް ލިޔުނީ 24 އޯގަސްޓް 2014 ގައި ކަމަށް ބެލި ނަމަވެސް އެދުވަސް ވަރު އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ނިޔާޒް އިބްރާހިމް ކަމަށް ވުމުން ޕެންޑްރައިވް ގައި ހުރި ވާހަކަ ތަކަކީ ފްލޯކް ވާހަކަ ތަކެއް ކަމުގައި ބުނަމުންދާ ފަރާތްތަކުގެ ވާހަކަތަކަށް އިތުރު ބާރެއް މިވަނީ ލިބިފައެވެ.

ހަވީރު އޮންލައިން އިން ކެޕްޗައ ކޮށްފައިވާ ސްނެޕްޝޮޓެް.
ހަވީރު އޮންލައިން އިން ކެޕްޗައ ކޮށްފައިވާ ސްނެޕްޝޮޓެް.

ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނު ޕެންޑްރައިވް އާއި އެބޭފުޅާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުންގެ ފަރާތުން ޕެންޑްރައިވެ އެލަނައިޒް ރިޕޯޓް ތައްޔާރުކުރި އަމީން ޢަބްދުލް ޤައްޔޫމްވެސް ވަނީ ހެކި ބަސްދީފައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ޕެންޑްރައިވަށް "ނުޖޫމީ ޕެންޑްރައިވް" ގެ ލަޤަބު ނުދެއްވަންވީ ސަބަބެއް އެބައޮތް ތޯ އެވެ ؟