Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ކަރާޓޭ ކްލާސްތަކެއް ހިންގަނީ

ޖަޕާން ޝޮޓޮކަން ކަރާޓޭ އެސޯސިއޭޝަން ސްރީލަންކާ-މޯލްޑިވްސް އާއި އީކުއޭޓާރ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ކަރާޓޭ ކޯހުގެ އާ ބުރުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫގައި މެއި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަރާޓޭ ދަސްކޮށްދޭ ކޯހުގައި ގްރޭޑް 1 ފެށިގެން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށާއި ޢާންމު މީހުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ނަމަވެސް ކޯހުގައި ބައިވެރިވެވޭނީ ކުށުގެ ރިކޯޑެއް ނެތް ސިއްޙީ ގޮތުން ދުޅަހެޔޮ ފަރާތްތަކަށް އެކަނި ކަމަށް މި ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

'އައްޑޫ ލައިވް' އަށް މައުލޫމާތު ދެއްވަމުން އީކުއޭޓާރ އިންސްޓިޓިއުޓްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި މިފަހަރު އޮތީ 40 ޖާގަ ކަމަށާއި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށައަޅާ ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 15 ކަމަށެވެ.

14715_964465946927193_3270985350182843777_n

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ކަރާޓޭ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ އަހަރަކު އެއްފަހަރު ރާއްޖެއިން ބޭރުގައި ބޭއްވޭ ބައިނަލް އަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ދާނެ ދަރިވަރުން ކަމަށާއި މިގޮތުން ފުރަތަމަ ފަހަރަށް ބައިނަލް އަޤްވާމީ ކަރާޓޭ މުބާރާތެއްގައި ބައިވެރިވުމަށް މިއެސޯސިއޭޝަނުގެ ދަރިވަރުންތަކެއް މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު ލަންކާއަށް ދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަރާޓޭ އަކީ އަންހެން ފިރިހެން ތަފާތުކުރުމެއް ނެތް ކުޅިވަރެއްކަމަށާއި މިކުޅިވަރު މައިގަނޑު ގޮތެއްގައި ފަރުމާ ކުރެވިފައިވަނީ ޑިސިޕްލިންއަށް ސަމާލުކަން ދެވޭ ކުޅިވަރެއްގެ ގޮތުގައިކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.

ކޯހުގެ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އިންނަމަ އީކުއޭޓާރ އިންސްޓިޓުއުޓް އަދި މަރަދޫ އިންނަމަ ދޮންދީނާ ބުކްޝޮޕް އިންނެވެ.

ކޯހުގެ ފީއެއްގެ ގޮތުގައި ޖުމްލަ -/1500 ރުފިޔާ ދައްކަން ޖެހޭ މި ކޯހާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ނަމްބަރު 7761080 ފޯނާއި ގުޅުމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން އެދެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުންފެށިގެން ހިތަދޫގައި ހުންނަ ކެންގަރޫ ސްކޫލުގައ ކަރާޓޭ ދަސްކޮށްދޭ ކޯސް ހިންގަން ފަށާފައި ވާއިރު އެ ކޯހަށް ވެސް ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.