Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދައުލަތުގެ ހެކިން ދޮގު ހެކި ދިންކަން ހާމަވެއްޖެ

ކްރިމިނަލް ކޯޓްގައި ކުރިއަށްދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ޝަރީޢަތުގައި ނާޒިމްގެ އެޕާޓްމެންޓް ބަލާ ފާސްކުރުމަށް ދިޔަ ހަތަރު ފުލުހަކު ދޮގު ހެކި ދިންކަން ހާމަވެއްޖެ އެވެ.

މި ގޮތުން ހާދިސާ ހިނގި ތަނަށް ދިޔަ ކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހެޅި 4 ހެކިން ވެސް މީގެ ކުރިން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހުރިހާ ތަކެތި ، އެ ތަކެތި ފެނުނު ދަބަހަށް ލައި، އެ ހުރިހާ ތަކެތި ލާފައި ވަނީ އެންމެ އެވިޑެންސް ބޭގަކަށެވެ.

އަދި އެ އެވިޑެންސް ބޭގަށް ލުމަށް ފަހު އޭތި ސީލްކޮށް ހަމަ އެކޮޓަރި ތެރެއިން އިންވެސްޓިގޭޝަން އޮފިސަރާއި ހަވާލު ކުރިކަމަށް ތިން ފުލުހަކު ކޯޓުގައި ހެކި ބަސް ދީފައިވާއިރު އިންވެސްޓިގޭޝަން އޮފިސަރު ވެސް ވަނީ ހަމަ އެގޮތަށް ހެކި ބަސް ދީފަ އެވެ.

ނަމަވެސް މިރޭގެ އަޑު އެހުމުގައި ހާމަވެފައިވާ ގޮތުން ފުލުހުން ފުރިހަމަކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމްގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް އިން ފެނުނު ޕެންޑްރައިވް އާއި ވަޒަންތަކާއި ފިސްތޯލައިގެ އިތުރުން މެގަޒިން ވެސް އިންވެސްޓިގޭޝަން އޮފިސަރާއި ހަވާލުކޮށްފައި ވަނީ ތަފާތު އެކި ގަޑިތަކުގައި ކަން ވަނީ ހާމަވެފަ އެވެ.

އަދި މިގޮތުން ހުރިހާ ތަކެއްޗަކާއި އިންވެސްޓިގޭޝަން އޮފިސަރު ހަވާލު ވެފައި ވަނީ އެއްކޮށް ކަމަށް ކުރިން ހުރިހާ ފުލުހުން ހެކިބަސް ދީފައި ވީ ނަމަވެސް ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ލިޔެފައިވާ ގޮތުން ބައެއް ތަކެތި އެކޮޓަރިން ފެނުނު ކަމަށް ބުނާ ގަޑިއަށް ވުރެ 2 ގަޑި އިރު ފަހުން ވެސް އިންވެސްޓިގޭޝަން އޮފިސަރާއި ހަވާލުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ނާޒިމްގެ ޤާނޫނީ ވަކީލުން ވަނީ މިރޭގެ ޝަރީއަތުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ގަޞިއްޔާ އަކާއި ހަވާލާދީ ޝަފަހީ ހެއްކަށް ވުރެ ކިތާބީ ހެކި ވަރުގަދަވާނެ ކަމަށާއި އެހެން ކަމުން ޗެއިން އޮފް ކަސްޓަޑީ ފޯމަށް ބަލާއިރު ދައުލަތުގެ ހުރިހާ ހެކިން ވެސް މިމައްސަލައިގައި ދޮގު ހަދާފައިވާ ކަން ސާބިތުވާކަމަށް ބުނެފަ އެވެ.

ދޮގު ހެކި ދިނުމަކީ މިހާރު ވެސް އަމަލު ކުރަމުންދާ ދިވެހިރާއްޖޭ ޤާނޫނުލް އުޤޫބާތުގެ 62 ވަނަ މާއްދާގެ ދަށުން ކުށެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ދޮގު ހެކި ދިން ބައެއްގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުން ހުކުމް ކޮށްފާނެ ތޯ އެވެ.