Last Updated: April 19, 13:47
Friday, April 19, 2024
ސިޔާސީ

ސަލާމަތީ ބާރުތަކުގެ އެހީއަށް އިމްރާން އެދިއްޖެ

އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ސަލާމަތީ ބާރުތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އެދިވަޑައިގެންފިއެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ގައުމީ ހަރަކާތުން ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ރާއްޖޭގައި ގާއިމު ވެއްޖެ ނަމަ އެކަމުގެ ހިތާމައާއި ކެކުޅުން އެންމެ ބޮޑަށް އުފުލަން ޖެހޭނީ ސަލާމަތީ ބާރުތަކުން ކަމަށާއި ރައްޔިތުންނަށް ލިބޭ އަނިޔާގެ އެންމެ ބޮޑު ޒިންމާއެއް ވެސް އުފުލަން ޖެހޭނީ ސަލާމަތީ ބާރުތަކުން ކަމަށެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުގެ ހިމާޔަތުގައި ސަލާމަތީ ބާރުތައް ތިބެން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އިމްރާން އެދިވަޑައިގެންފައި ވާއިރު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ބައެއް ގްރޫޕްތަކުން ހަމަލާދޭކަން ވަނީ ފާހަގަ ކުރެވިފައެވެ.