Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ހުޅުމީދޫގައި ކަރަންޓެއް، ބޯ ފެނެއް ނެތް!

ހުޅުމީދޫގެ ރައްޔިތުން މިއަދު މެންދުރުން ފެށިގެން ކަރަންޓްގެ ހިދްމަތުން މަހްރޫމްވެއްޖެ އެވެ.

ހުޅުމީދޫ އިންޖީނުގޭގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އަށް ބުނީ ކަރަންޓް ކަޑައިގެން ދިޔައީ ކުއްލިއަކަށް ކަމަށާއި، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ހުޅުމީދޫގެ ރައްޔިތުންނަށް ކަރަންޓްގެ ހިދްމަތް ލިބޭނެ އިރެއް އަދި ނޭނގޭ ކަމަށް އިންޖީނުގެ އިން ބުނެފަިއވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭން ހުރި ތިން ޖަނަރޭޓަރު ވެސް މިހާރު ވަނީ ނިއްވާލައިފަ އެވެ.

ހުޅުމީދޫ ރައްޔިތުން ކަރަންޓް ނުލިބި ތިބި އިރު ރަށުގެ ގިނަ ރައްޔިތުން ދަނީ ބޯފެން ނުލިބުމުގެ ދަތިކަން ވެސް އިހްސާސް ކުރަމުންނެވެ.

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވީ، ބޯފެން ހުސް ވުމާއި ގުޅިގެން ކައިރީގައި އޮންނަ ހަރެތެރޭގެ އެހީއަށް އެދިފައިވާ ކަމަށާއި، ހުޅުދޫގެ ބައެއް ޕަބްލިކް ތަނގީތަކަށް ހެރެތެރެއިން ފެން ފޯރުކޮށް ދީފައިވާ ކަމަށެވެ.

ނަމަވެސް ހެރެތެރޭގެ ފެން ޕްލާންޓަށް މައްސަލަ ތަކެއް ދިމާވުމާއި ގުޅިގެން މީދޫއަށް ފެން އަދި ފޯރުކޮށް ނުދެވޭ ކަމަށެވެ.

ހުޅުމީދޫގެ ރައްޔިތުން ފެނާއި ކަރަންޓާއި ނުލާ އުޅެމުން އަންނަ އިރު، ހުޅުމީދު އަށް ފެން ފޯރުކޮށް ދިނުމަށް ފެން ޕްލާންޓެއް ވަނީ ގާއިމްކޮށްފަ އެވެ.

ދާދި ފަހުން ރައްޔިތުންނަށް ސާފު ބޯފެން ދޫކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ.

ނަމަވެސް ރަސްމީކޮށް އަދިވެސް ގޭގެއަށް ފެން ފޯރުކޮށްދޭން މަސައްކަތް ފަށައިފައެއް ނުވެ އެވެ.