Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ބަނޑު ހިންދުމަކީ ފަސޭހަ ކަމެއް ނޫން

ހަށިގަނޑުގެ ބަރުދަން މީހާ އާއި ނުކުޅަދާނަ ވަރަށް އިތުރުވެ ބަނޑުލުމަކީ އަޅުގަނޑުމެންގެ ދިވެހީންގެ ތެރޭގައި ވެސް ފަހަކަށް އައިސް ވަރަށް ޢާއްމުވެފައިވާ، ނުރައްކާތެރި ވަބާއަކަށް ވަނީވެފަ އެވެ.

ރާއްޖޭގެ ސިއްޙީ ޙާލަތާއި ގުޅޭ ގޮތުން، އދ. ގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާގެ އިން މިދިޔަ މަހު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާފަދައިން ދިވެހީން އެންމެ ގިނައިން ދުނިޔެ ދޫކުރަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމުގައިވާ، ހިތުގެ ބަލި، ސްޓްރޯކް، އަކި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގައެވެ.

ވިމާ، މިކަމުން ވެސް ދިވެހިން ސިއްޙައްތައް އަޙައްމިއްޔަތުކަން ދޭން ޖެހިފައިވާ މިންވަރު ކިތަންމެހާ ވަރަކަށް ވެސް ހާމަވެގެން ދެއެވެ.

ސިއްޙައްތަށް އަޙައްމިޔަތުކަން ދިނުމަކީ ކޮބާތޯ އެނގި ހަނދާނުގައި ބަހައްޓަން އެބަ ޖެހެއެވެ. ސިއަޙަތަށް އަޙައްމިޔަތުކަން ދިނުމަކީ، ފެންވަރު ރަނގަޅު ކާނާ ކެއުން، ނޫނީ ގަޑިން ގަޑިއަށް ކެއުން ކަމުގައި އެއްގޮތަކަށް ވެސް ބަލައިގެން ނުވާނެއެވެ.

ނަމަވެސް ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމާއި، ހަށިގަނޑުގެ ބަރުދަން ވަކި މިންވަރެއްގައި ހިފެހެއްޓުމާއި ވަރަށް ބޮޑު ގުޅުމެއްވާކަން ތަފާތު ގިނަ ހޯދުންތަކުންނާއި ސިއްޙީ މާހިރުންގެ ބަސްފުޅުތަކުން ކަށަވަރުވެ އިއްތިފާގުވެއެވެ.

hk-yachting-couples-fitness-challenge3

ބޮޑީ މާސް އިންޑެކްސް ނުވަތަ "ބީއެމްއައި" އައި އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ ހަށިގަނޑުގެ ސައިޒު ދެނެގަތުމަށް ފަހު، ނިސްބަތުން ހުންނަން އެންމެ އެކަށީގެންވާ ބަރުދެނެގަތުމަށް ބޭނުންކުރާ ފޯމިއުލާއެކެވެ. މިފޯމިއުލާއަށް ރިޢާޔަތް ކުރުމަށް ފަހު، ދިވެހިރާއްޖޭގައި އެވްރެޖްކޮށް މިހެއްގެ އިސްކޮޅުގައި 5.6 ފޫޓު ހުންނަކަމުގައި ވާނަމަ، 60 ނުވަތަ 65 ކިލޯ އާއި ދޭތެރޭ ހުންނަ ވަރަށް ބަރުދަން ބެހެއްޓުމުން ފުދޭނެއެވެ.

ދިވެހިރާއްޖޭގައި އުމުރުން 25 އަހަރުން މަތީގެ ގިނަ މީހުންނަކީ، މިމިންގަޑުން ބަލާނަމަ ހުންނަންޖެހޭ ބަރުދަނަށް ވުރެ ބަރުދަން އިތުރުމީހުންނެވެ. ގައުމީ މިންގަޑުތަކުން ވެސް މިއީ އިންތިހާއަށް ކަން ބޮޑު ވާންޖެހޭ ހަގީގަތެކެވެ.

ނަމަވެސް މިކަމުގައި ފަރުދީ ޒިންމާ ބޮޑުކަމުގައި ދަންނަވަން ޖެހެއެވެ. އެހެނީ އެމީހަކު ކުރި މަސައްކަތަކާއި ހިތްވަރަކުން ނޫނީ މީހާގެ ބަރުދަނަށް ބަދަލެއް ނާންނާކަން އެންމެނަށް ވެސް ރަނގަޅަށް އެނގޭތީއެވެ. ކަސްރަތުކުރުމާއި، ރަނގަޅު ފައިދާ ލިބޭ ކަނާ ކެއުމާއި، ހެދިކާ ފަދަ ގެއްލުން ހުރި "ޖަންކް" ކާނާ އިން ދުރުހެލި ވުމަކީ އެމީހެއް އަމިއްލަ އިޚްތިޔާރުން ކޮންޓްރޯލް ކުރެވިގެން މެނުވީ ކުރި ހޯދޭނެ ކަންކަމެއް ނޫނެވެ.

ގިނަ މީހުންނަކީ، އަވަދިނެތި ޢާއިލީ ޒިންމާތަކުގައި އާއި، ވަޒީފާތަކުގައި ހޭބޯނާރައި މަސައްކަތް ކުރަމުންދާ ފަރާތްތަކަކަށް ވެފައި، ކަސްރަތުކުރުން އެއީ ކިތަންމެފައިދާ ބޮޑު ކަމެއްކަން އެނގޭއިރު ވެސް އެކަމަށް އެންމެ ހިނދުކޮޅެއް ވެސް ހުސްކޮށްލެވޭކަށް ނޯވެއެވެ. އަދި ހެދިކާފަދަ ޖަންކް ކާނާ އަށް ދެވި ހިފާފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން، އެތަކެއްޗާއި ދުރުވެވޭކަށް ވެސް ނެތެވެ. އަދި ބަދަލުގައި މޭވާ އާއި ތަރުކާރީ އިސްކުރަން ވެސް ބޭނުން ނުވެއެވެ.

އެހެނެއް ކަމަކު އެންމެން ވެސް ބޭނުން ވަނީ އަވަސް ގޮތަކަށް ބަރުދަން ލުއިކޮށް ބަނޑު ހިންދާލުމަށެވެ.

ބަރުދަން ލުއިކުރުމުގައި އާއި ބަނޑު ހިންދުމުގައި އުކުޅުތަކެއް (ނުވަތަ ޝޯޓްކަޓް) ހުންނަކަމަށް ތުންތުންމަތިން އަބަދުވެސް އަޑުއިވެއެވެ. އަދި އިންޓަނެޓްގައި ވެސް ތަފާތު ނަންނަމުގައި އެކި އެކި ކަންކަމަށް ދަޢުވާކޮށްފައި ހުންނަ އެއްޗިހީގެ ޢަދަދު އެތަކެއް ލައްކައިން ގުނާލެވެއެވެ.

މީގެ ތެރޭގައި 12 ހަފްތާ ނޫނީ 30 ދުވަސްތެރޭ އެވެނި މިވެނި ވަރަކަށް ބަނޑު ހިންދާލަދޭނެ ކަމަށް ދައުވާކޮށްފައި އެބަހުއްޓެވެ. ނޫނީ، އެއްވެސް މަސައްކަތަކާއި ނުލާ ކޮންމެ ދުވަހަކު 8 މިނެޓް ޔޯގާ ހަދާ ދީގެން ކާމިޔާވާނެކަމަށް ގެރެންޓީ ދީފައި ހުރެދާނެއެވެ. ނޫނީ ވަކި ކަހަލަ ސައިފަތެއް ނޫނީ ބޭހެއް ބޭނުން ކުރުމުން ވެގެންދާނެ ގޮތުގެ ވާހަކައެވެ. ދެން މިވާހަކަތަކަށް އިތުބާރުކޮށް، ބަދަލެއް ނުފެނުނީމާ މާޔޫސް ނުވާމީހަކުނެތޭ ބުންޏަސް ދޮގަކަށް ނުވާނެކަންނޭގެއެވެ.

ދިވެހިންގެ ތެރޭގައި ވެސް ޒަމާނުއްސުރެ މިފަދަ އާދަ ކާދަތަކާއި ގަބޫލުކުރުންތައް އޮވެއެވެ. ކޮންމެ ވެސް ކަހަލަ ފަތެއް ނޫނީ މާމެލާމެލިގެ ބާވަތެއް ބޭނުންކުރުން، މާކާމިޔާބުކަމުގައި ބުނެފާނެއެވެ.

މިސާލަކަށް މާބަނޑު އަންހެނުން ގެރި ކިރު، އެއްކުރެވޭ އެހެނިހެން ދިވެހި ބޭސްވެރިކަމުގެ ބާވަތްތަކާއި އެކު ކޮންމެ ދުވަހަކު ގިނަޢަދަދަކަށް ބޯނަމަ، ދަރިފުޅު ވިހެއުމަށް ފަހު ބަޑުނުލާނެ ކަމުގެ ޔަގީންކަން މާމަމެން އަރުވައެވެ.

a61

އިސާހިތަކު ބޭއިޚްތިޔާރުގައި ނަމަވެސް، މިކަންތައްތައް އަޅުގަނޑުމެންނަށް ގަބޫލުކުރެވެން ފަށައެވެ. އެއީ، ބަނޑުލައިފިނަމަ އޮންނަ ބިރުވެރިކަން ކަމުގައި ވެދާނެއެވެ. ނޫނި އެހެނިހެން ޙާލަތްތަކުގައި، މިވާހަކަތައް ފަސޭހައިން ގަބޫލުކުރެވެނީ، އެއީ އަޅުގަނޑުމެން އަޑުއަހަން ބޭނުންވެފައި، ޒަމީރު އެދޭ ކަންކަން ކަމުގައި ވާތީ އެވެ. އަޅުގަނޑުމެން އެންމެން ވެސް އެދެނީ މާބޮޑު މަސައްކަތާކާއި ނުލާ، ދާހިއްލުމެއްނެތި ބަރުދަން ލުއިކޮށް، ބަނޑު ހިންދުމެވެ.

ކުރީގައި ދެންނެވުނު މިސާލަށް އެނބުރިޖެހިލާއިރު، ޢާއްމުގޮތެއްގައި ދިވެހިން އާދަކޮށް ބޭނުންކުރާ ގެރިކިރުގެ ބާވަތްތަކަކީ އެހެން ޤައުމުތަކުގައި ޢާއްމުގޮތެއްގައި ބޭނުންކުރާ ގެރިކިރާއި ޚިލާފަށް މަތީ މިންވަރަކަށް ހަކުރު އެކުލެވިގެންވާ (ސުވީޓެންޑް) ގެރިކުރެވެ. އެހެން ކަމުން އޭގައި ހިމެނޭ ހަކުރަށް އެކަނި ބެލިކަމުގައި ވީނަމަވެސް، އެއީ މުޅި ސިއްޙަތަށާއި ދުޅަހެޔޮކަމަށް އޭގެން ނޭދެވޭ އަސަރުކުރާނެ އެއްޗެކެވެ.

ވުމާއި އެކު، މިވަގުތަކީ އަޅުގަނޑުމެން މިފަދަކަންކަމަށް ހޭލާ ތިބެން ވެއްޖެ ވަގުތުކަމުގައި ދެކެމެވެ. ފަސޭހައިން ބަނޑު ހިންދައި ލުއިކޮށްދޭ ވާހަކަ ޤަބޫލު ނުކުރަންވީއެވެ. އެކަމަކު މީގެ މާނައަކީ ބަރުދަން ލުއިކުރަން މަސައްކަތް ނުކުރަންވީ ވާހަކައެއް ނޫނެވެ.

މިހާރަށް ނަމަވެސް، އެންމެ ފުރަތަމަ ކަމަކަށް ބަރުދަން ލުއިކުރުން ހަނދާން ނައްތާލަމާ ހިނގާށެވެ. ބޭނުމަކީ، ބަރުދަން ލުއިކުރުމަކީ ފަސޭހަކެމެއް، އަދި އުކުޅެއް ބޭނުންކޮށް ކުޑަދުވަސް ކޮޅަކުން ޙާސިލުކުރވޭނެކަމެއް ނޫންކަން ދަނެގަތުމެވެ. ވަރަށް ގިނަ ފަހަރަށް، ބޮޑަށް ބަރުދަން ލުއިކުރަން ފޯކަސް ބަހައްޓަން ހަދައިގެން، ހަޤީޤީ މަގްސަދު ކަމުގައިވާ، "ދާއިމަށް ބޭނުންވާ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅީ" މަތިން ހަނދާން ނުހުރެއެވެ.

މިއީ ވަރަށް މުހިއްމު ބަޔަކަށްވެފައި މިބައި އަދި އެއްފަހަރު ރިޕީޓްކޮށްލާނަމެވެ. ދުޅަހެޔޮ ސިއްޙަތެއް ހޯދުމަށްޓަކައި ދާއިމީގޮތެއްގައި ދިރިއުޅުގެ ކަންކަން ވަކި ބައްޓަމަކަށް ބަދަލުކުރުން އެއީ، ކުރަންޖެހިފައިވާ ޙަޤީޤީ މަސައްކަތެވެ. އެއަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާހާ ހިނދަކު، ފާލުން ނުނެއްޓޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އިސާހިތަކު ބަރުދަން ވެސް ލުއިވެ ބަނޑު ވެސް ހިނދޭނެއެވެ.

ތިބާ ޒަމާންތަކެއް ވަންދެން ކެއިހާތަކެއްޗަކާއި، ބުއިހާ ތަކެތިން، ގައިގައި ވަކި ހިއްޕާފައިވާ ސަރުބީގަޑު، މަހެއް ދެމަހެއްގެ ތެރޭ ހިންދާލުމަކީ ބުއްދި ގަބޫލުކުރާނޭ ގޮތެއް ނޫނެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ.

"އަރާ ބޮންތީގައި ނިހިފޭނެ އެވެ." ބޮޑެތިކަންކަމަށް ގިނަ ވަގުތު ބޭނުންވާފަދައިން މިކަމަށް ވެސް މަސައްކަތާއި ވަގުތު ބޭނުން ވެއެވެ. ކުދި ކުދި ފިޔަވަޅުތަކަކުންް ފަށަމާ ހިނގާށެވެ. ކުދި ފިޔަވަޅުތަކަކުން، ލަހުން ނަަމަވެސް، އެހާ ހިސާބަށް ދެވޭނެކަން ޔަޤީނެވެ.

ކަސްރަތު ކުރުން އާދަ އަކަށް ހަދައި، ބަރުދަން ލުއި ކުރުމާއި ބަނޑުހިންދުމާއި ދޭތެރޭ ނުވިސްނަމާ ތޯއެވެ.