Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

މުއްދަތު އިތުރު ކުރުމުން ކަންބޮޑުވުންތަކެއް!

ހުޅުމީދޫގެ މަތިން ގަފާފައިވާ ފޮޓޯއެއް: ގެސްޓް ހައުސް ހަދަން ބިން ދޫކުރަން ވަނީ ނިންމާފައި. ފޮޓޯ/ އައްޑޫ ލައިވް

ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓް ހައުސް ތަރައްގީކޮށް ހިންގުމަށް އައްޑޫގެ ހަތަރު އަވަށަކުން ބިން ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުވާލުމުން ބުރާސްފަތި ދުވަހު ގިނަ ބަޔަކު ޕްރޮޕޯސަލްތައް ހުށަހަޅަން ދިއުމުން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އައްޑޫ ސިޓި ކައުންސިލުން ބުނެފި އެވެ.

ބިން ދޫކުރަން ނިންމީ ފޭދު އާއި މަރަދޫފޭދޫގެ އިތުރުން ހުޅުދު އާއި މީދުންނެވެ.

މިއިން ކޮންމެ އަވަށަކުން ދޫކުރަން ނިންމާފައި ވނީ 20،000 އަކަފޫޓްގެ ބިމެވެ.

އެގޮތުން ގެސްޓް ހައުސް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ދިއުމުން ކައުންސިލުން ބުނެފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށް މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަަމަށެވެ. އިއްޔެއަކީ ކުރިން ދިން މުއަދަތު ހަމަވި ދުވަހެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މުއްދަތު އިތުރު ކުރަން ޖެހުނީ މި މަޝްރޫއަށް ކުރިން އިއުލާން ކުރި އިރު، ދޫކުރި މައުލޫމާތު ޝީޓާ އެކު ދޫކުރެވުނު ޗާޓްތަކުގެ ތެރެއިން ހުޅުދޫ ޗާޓްގައި މައްސަލަތަކެއް ހުރެގެން އެ ޗާޓް އަލުން އިސްލާހު ކުރަން ޖެހުމުންނެވެ.

އެހެންވެ ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ދެން ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ 11:00 އަށް ކަމަށް ކައުންސިލުން ބުންޏެވެ.

HGJH

މިކަމާ ގުޅިގެން އިއްޔެ ޕްރޮޕޯސަލް ހުށަހަޅަން ދިޔަ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި މިކަން މިގިތަށް ދިމާވުމުން، މި މަޝްރޫއު ދެފުށް ފެންނަ ގޮތަކަށް ހިނގައިދާނެ ކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މި މަޝްރޫ އަށް ކުރިމަތިލާން ޕްރޮޕޯސަލް ހުށަހަޅަން އިއްޔެ ދިޔަ ފޭދޫގެ އިންވެސްޓަރަކު "އައްޑޫ ލައިވް" އަށް ބުނީ އިއްޔެ ކަންތައް ދިމާވި ގޮތުން ސުވާލުތަކެއް އުފެދޭ ކަމަށެވެ.

"ބުުނެފައި އޮތް ގަޑިއަށް ޕްރޮޕޯސަލް ލާން ދިއުމުން މުއްދަތު އިތުރު ކުރި ވާހަކަ ކައުންސިލުން ބުނީ. އަޅުގަނޑުމެން މިކަމަށް ކުރިމަތިލާން ނިންމީ ކައުންސިލުން ވިއްކި މައުލޫމާތު ޝީޓް ވެސް 1،500ރ. ދީފައި ގަނެގެން. އެހެން ކަމަށްވާ ނަމަ މިވަރުގެ ޑިލޭއެއް އަންނަ ކަމަށް ވަންޏާ ޝީޓްގެ ފަރާތްތަކަށް އެކަން އަންގަން ޖެހޭނެ،" އޭނާ ބުންޏެވެ.

މުއްދަތު އިތުރު ކުރިކަން އަންގައި ކައުންސިލުން އިއުލާން ނެރުނީ ބުދަ ދުވަހު އެވެ.

"އެ އިއުލާން އިން އަޅުގަނޑުމެން ދިޔަ ޢިރު ކައުންސިލްގެ ނޯޓިސް ބޯޑްގައި. އެ ނޫން ތަނަކުން މީގެ ކުރިއަކުން އެ އިއުލާނެއް އަޅުގަނޑުމެން ނުދެކެން،. ކައުންސިލްގެ ވެބްސައިޓަކު ވެސް އަދި އެފްބީ ޕޭޖަކަށް ވެސް އި އިއުލާނެއް ނެތް،" އޭނާ އިތުރަށް ބުންޏެވެ. "ރަނގަޅަށް ސުވާލު ނުއުފެދޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަންޏާ ކޮމިއުނިކޭޓް ކުރެވެން ޖެހޭނެ. އެކަމެއް ކައުންސިލަކުން ނުކުރެވޭ."

އިއްޔެ ޕްރޮޕޯސަލް ހުށަހަޅަން ދިޔަ ބައެއް އެހެން ފަރާތްތަކުން ބުނީ ކައުންސިލުން މިކަން ލަސްކުރީ، ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

"ކޮންމެވެސް ބަހަނާއެއް ދައްކާފައި މީގެ ތެރެއިން ވަކި ބަޔަކަށް ފުރުސަތުތަކެއް ފަހިކޮށް ދޭން އެ އުޅެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލް ކުރެވޭ ގޮތަކީ. އެހެން ނޫން ކަމަށް ވަންޏާ އެންމެ ފަހު ވަގުތު ނޫން ދެއްތޯ މުއްދަތު އިތުރުކުރިކަން އަޅުގަނޑުމެންނަށް އެނގެން ޖެހޭނީ،" އިންވެސްޓަރަކު ބުންޏެވެ.

1472900_10152041017210610_125905343_n

އެ މީހުން އަދި ބުނީ މި މަޝްރޫއަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާ އިވެލުއޭޝަން ކޮމިޓީގައި ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ދާއިރާ ކައުންސިލަރު އަބަދުﷲ ތޮއްޔިބް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ އެ ކޮމިޓީގައި އުޅުއްވާ ނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ މީހުން ބުންޏެވެ.

"ތޮއްޔިބަކީ މިހާރު ވެސް އަމިއްލަ ގޮތުން ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރީގެ ތެރޭގައި އުޅުއްވާ ބޭފުޅެއް. އެހެންވީމާ އޭނަ އިވެލުއޭޝަން ކޮމިޓީގައި އިނުމަކީ އަޅުގަނޑުމެންނަށް ގަބޫލް ކުރެވޭނެ ކަމެއް ނޫން." އިންވެސްޓަރަކު ބުންޏެވެ. "އެކަން ވެސް ޖެހޭނެ ކައުންސިލާހު ކުރަން މިކަން ޓްރާންސްޕޭރަންޓްކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަންޏާ."