Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނާޒިމަށް ބޭސް ފޯރުކޮށް ދޭން ދެކޮޅު ހަދައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަށް ބޭސް ފޯރުކޮށް ދިނުމަށް ކަރެކްޝަނަލް ސާރވިސް އިން ދެކޮޅު ހަދައިފި އެވެ.

ކާނަލް ނާޒިމްގެ ޤާނޫނީ ޓީމުގެ ފަރާތުން ޓްވިޓާގައި ބުނެފައިވާ ގޮތުން ކާނަލް ނާޒިމްގެ މެޑިކަލް ރިކޯޑްތައް މީގެ 15 ގަޑި އިރު ކުރިން ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ. އަދި ނާޒިމަށް ބޭސް ފޯރުކޮށް ދޭން ކަރެކްޝަނަލް ސާރވިސް އިން ދެކޮޅު ހަދާފައި ވަނީ ފުލުހުންގެ ފަރާތުން މެޑިކަލް ރިކޯޑް ތައް ފޯރުކޮށް ނުދީގެން ކަމަށް ވެސް ނާޒިމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް ނާޒިމް މިވަގުތު ބަހައްޓާފައި ހުރީ ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ސްޓާފުން ބޭނުންކުރާ ކޮޓަރިއެއްގަ އެވެ.

ނާޒިމްގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ރޭ ހުކުމް ކުރުމާއި އެކު އޭނާގެ މަންމަގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. ނާޒިމް ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމަކީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ނާޒިމްގެ ޤާނޫނީ ވަކީލުން ވަނީ ހުކުމުގައި ބޮޑެތި މައްސަލަތެކެއް އެބަހުރި ކަމަށާއި އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފައެވެ.