Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ވެހިކަލް ދުއްވުން މަނާ ކުރަން މަޝްވަރާއެއް ނުކުރޭ

މިރޭ އާތު އަވާ ފާހަގަ ކުރުމަށްޓަކައި އައްޑޫ ސިޓީގައި ވެހިކަލް ދުއްވުން މަނާކުރުމާއި ބެހޭގޮތުން ފުލުހުން ވެސް އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެ ފަރާތާ މަޝްވަރާކޮށްފައި ނުވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރާ ހަވާލާދީ ކައުންސިލްގެ އޮފިޝަލަކު ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މިރޭ ހިނގާފައި އުޅޭގޮތަށް ހަމަޖެއްސިކަން ފުލުހުންގެ ފަރާތުން ވެސް އަދި ޓްރާންސްޕޯޓް މިނިސްޓްރީ އިން ވެސް އައްޑޫ ސިޓީ ކައުންސިލަށް އަންގާފައި ނުވާކަމަށާއި ކައުންސިލާއި މަޝްވަރާ ނުކޮށް އެފަދަ ނިންމުމެއް ނިންމޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ކައުންސިލްގެ އޮފިޝަލް ވިދާޅުވިގޮތުގައި ކައުންސިލްގެ ފަރާތުން އައްޑޫ ސިޓީގެ މަގުތަކުގައި ދުއްވާތަކެތި ދުއްވުން މަނާކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން މިރޭ 8 އިން 10 އަށް އެއްގަމު އުޅަނދުފަހަރު ދުއްވައިގެން އެއްވެސް މީހަކު ޖުރުމާނާ ކުރެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން 'އައްޑު ލައިވް' އަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ މިރޭ 8 އިން 10 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ގޮތަށް ނިންމާފައިވާނެ ކަމަށާއި އެގަޑީގައި ޚާއްސަ ހުއްދައެއް ނެތި ދުއްވާ އުޅަނދު ފަހަރާއި މެދު ފިޔަވަޅު އަޅާނެ ކަމަށެެވެ.އަދި އެކަން އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

ޓެކްސީ ސެންޓަރ ތަކަށް ވެސް ހުއްދައެއް ނެތް

އާތު އަވާ ފާހަގަކުރުމުގެ ގޮތުން މިރޭ ދެގަޑިއިރު ހިނގާފައި އުޅޭގޮތަށް ހަމަޖައްސާފައިވާއިރު އެގަޑިތަކުގައި ވެހިކަލް ދުއްވުމަށް ބޭނުންވާ ޚާއްސަ ހުއްދަ ކައުންސިލްގެ ފަރާތުން ދޫކޮށްފައެއް ނުވެއެވެ.

'އައްޑޫ ލައިވް' އާޢި ވާހަކަ ދެއްކި ހިތަދޫ ޕްލަސް ޓެކްސީ ސެންޓަރުގެ ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި އާތު އަވާ ފާހަގަ ކުރުމަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމާއި ބެހޭގޮތުން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް ކައުންސިލުން ވަނީ އެބޭފުޅުންނަށް އަންގާފައެވެ.އެހެންކަމުން ޓެކްސީ ޙިދުމަތް ދިނުމަށް އެހެން ފަހަރުތަކުގައި ހުއްދަ ދޫކުރި ނަމަވެސް މިފަހަރު އެފަދަ ހުއްދައެއް ދޫކޮށްފައި ނުވާ ކަމަށެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ފުލުހުން އަންގާފައި ވަނީ ހުއްދަ ދޫ ނުކުރުމަކީ އެބޭފުޅުންގެ މައްސަލައެއް ނޫން ކަމަށާއި އެގަޑި ތަކުގައި އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތައް ޖޫރިމާނާ ކުރާނެ ކަމަށެވެ.

" އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ޓެކްސީ ޑްރައިވަރަކު ޖޫރިމައިނާ ވާކަށް. އެހެން ކަމުން އަޅުގަނޑުމެން ނިންމާފައި އޮތީ މިރޭ 2 ގަޑިއިރަށް ޓެކްސީ ޚިދުމަތް މެދު ކަނޑާލުމަށް. " އޭނާ ބުންޏެވެ.

'އައްޑޫ ލައިވް' އާއި ވާހަކަ ދެއްކި އައްޑޫގެ ގިނަ މީހުން ބުނެފައިވާ ގޮތުގައި މާލެ ފަދަ ކުޑަ ތަނެއްގައި ހިނގާފައި އުޅެން ޖެހުނަސް އުނދަގޫ ކަމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް އައްޑޫ ސިޓީ ގައި އެކަން އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އަދި ކައުންސިލާއި މަޝްވަރާނުކޮށް މިފަދަ ނިންމުމެއް ނިންމުމަކީ 'އަޅުވެތިކުރުން' ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.