Last Updated: April 18, 13:36
Thursday, April 18, 2024
ރިޕޯޓް

އައްޑޫގައި އެމްޑީޕީ "ވައި" ވީތަ ؟

އެމްޑީޕީ އިން ހިތަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅުއްވާ ހުރިހާ ބޭފުޅުން ވެސް ޤަބޫލު ކުރައްވާ ހަޤީޤަތެއް އޮވެ އެވެ. އެއީ އައްޑޫ ސިޓީ އަކީ "އެމްޑީޕީ ސިޓީ" އެއް ކަމެވެ.

ސަބަބުތަކެއް ނެތި އެއް ނޫނެވެ. އައްޑޫ ސިޓީގައި ބޭއްވުނު ކޮންމެ އިންތިޙާބެއްގައި ވެސް އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އެމީހުންނަކީ ރައީސް ނަޝީދު އަދި އެމްޑީޕީ އަށް ތާޢީދު ކުރާ ބައެއް ކަން ހާމަކޮށްދީފައެވެ. އައްޑޫ ސިޓީ ކައުންސިލަށް ބަލާލަމާ ތޯ އެވެ. ހުރިހާ ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހަށް ބަލާލި ކަމުގައި ވިޔަސް ގިނައީ އެމްޑީޕީ މެންބަރުންނެވެ.

އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި 'އަފިރިންގެ އުއްމީދަކީ ރައީސް ނަޝީދު' އެވެ. އެމީހުން އެންމެ ފުރަތަމަ އުފަލާއި އެކު ފާހަގަ ކުރާ ކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ އަށް ސިޓީ އެއްގެ ލަޤަބު ދެއްވި ކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސާކު ސަމިޓެއް އައްޑޫގައި ބޭއްވުމުގެ ތެރެއިން ލާފައި އައްޑޫ އަށް ތަރައްޤީ ގެނެސްދެއްވި ކަމަށާއި ކުރިން ދުވަހަކުވެސް އެތަރައްޤީ ތިމަންނަމެން ހުވަފެނުން ވެސް ނުދެކޭ ކަމަށް ނަޝީދު އަށް ތާޢީދު ކުރާ އައްޑޫގެ ރައްޔިތުން ބުނެއެވެ.

އައްޑޫ ސިޓީގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެމަނިކުފާނުގެ ޝަރީޢަތަކީ ބޭއިންސާފުން ހިންގުނު ޝަރީޢަތެއް ކަމަށް ބުނެ މުޅި ރާއްޖޭގައި އެމްޑީޕީ މެންބަރުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ. ނަމަވެސް އައްޑޫ ސިޓީގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި ބާއްވާ އެއްވުންތައް ދަނީ ވަރަށް 'ވައި' ކޮށް ކަމަށް އެމްޑީޕީ ގިނަ މެންބަރުން ފާހަގަކުރެއެވެ. ނަމަވެސް އެމީހުން ފާހަގަ ކުރާގޮތުގައި އައްޑޫގައި އެމްޑީޕީ ތާއީދު އަދިވެސް އެބައޮތެވެ. ނަމަވެސް ލީޑް ކުރައްވާނެ ބޭފުޅުން ނެތީއެވެ.

ފެބްރުއަރީ 27 ގައި ކައުންސިލަރުން 'ފިލުން'

އައްޑޫ ސިޓީގެ އެމްޑީޕީ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލަ އަކީ 27 ފެބްރުއަރީގައި " "ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" ނަމުގައި އައްޑޫ ގައި ވެސް ހަރަކާތް ތަކެއް ހިންގަން ނިންމާފައި ވަނިކޮށް ފުވައްމުލަކުގައި ބޭއްވި 'ދެކުނު މަހާސިންތާ' ގައި ބައިވެރި ވުމަށް ކައުންސިލަރުން ފުރުމެވެ. އެބޭފުޅުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލުމަށް ވުރެ އެދުވަހު ކައުންސިލަރުންނަށް މަހާސިންތާ މުހިއްމު ވުމުން އެބޭފުޅުންގެ އިޚްލާސްތެރިކަމެއް ނެތް ކަން ހާމަވާކަމަށެވެ.

"ނަޝީދުގެ ތާޢީދު މިތަނުގައި ބޮޑީ. އޭނަ ވޯޓު ލާށޭ ބުނީމަ އަހަރުން އެމީހުންނަށް ވޯޓް ދިނީ. އެމްޑީޕީ ޓިކެޓްގައި ކުރިމަތިލީމަ އެމީހުން ހޮވުނީ. ދެން އެކަމަކު ނަޝީދު ހައްޔަރު ކުރީމަ އެކަމާ އަޑުއުފުލަން ވީމަ ފިލާ ރައްކާވެ ތިބެފަ ތިބެ މޮޅެތި ޓްވީޓް ކުރަނީ "، އައްޑޫ ސިޓީގެ އެމްޑީޕީ އެކްޓިވިސްޓަކު ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބުނެފައި ވަނީ އެބޭފުޅުން 'ދެކުނު މަހާސިންތާ' ގައި ބައިވެރިވުމަށް ފުރާފައިވަނީ އެއީ ކުރިން ވެސް ހަމަޖެހިފައިވާ ދަތުރަކަށް ވާތީ ކަމަށެވެ.

ރޭވުންތެރިކަމެއް ނުފެނޭ

އެމްޑީޕީ އައްޑޫ ސިޓީގެ ހަރަކާތްތައް 'ވައި' ވުމުގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެއްވެސް ރޭވުންތެރިކަމެއް ނެތުން ކަން ފާހަގަ ކުރެވެއެވެ. ދޭތެރެ އަކުން ފޭސްބުކް ގްރޫޕެއްގައި އެއްވާން ގޮވާލަނީ އެވެ. އިސް ނަގައިގެން އެކަމާ އެމްޑީޕީގެ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން އުޅުއްވާ ތަނެއް ނުފެނެއެވެ. ނަޝީދު ދޫކޮށްލުމަށް ގޮވާލައި މަރަދޫ އަދި ފޭދޫ ރައްޔިތުން އިސް ނަގައިގެން ހަރަކާތްތައް ކޮންމެވެސް ވަރަކަށް ހިންގަމުން ދާއިރު ހިތަދޫގެ އެމްޑީޕީ މެންބަރުންގެ ފަރާތުން އެއްވެސް ކަހަލަ އިސްނެންގެވުމެއް ނުފެނެއެވެ. ކުރީގައި އައްޑޫގައި އެމްޑީޕީ އެއްވުމެކޭ ބުނާއިރަށް ހުރިހާ ކަންތައް ދޫކޮށްފައި އެމްޑީޕީ މެންބަރުން ދާ ކަމަށް ވެއެވެ.

އިސް ބޭފުޅުންގެ 'ދެއްކުންތެރިކަން'

އައްޑޫ ސިޓީގެ އެމްޑީޕީ ގިނަ މެންބަރުން ފާހަގަ ކުރާ ގޮތުގައި އައްޑޫގެ ގޮފިތަކުގެ އިސްވެރިންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީ ބޭފުޅުންގެ ފަރާތުން ފެންނަނީ ކަން ދެއްކުމުގެ އުސޫލު ކަމަށެވެ. ޓްވީޓް ކުރައްވާ މޮޅެތި ބަސްތައް ވިދާޅުވެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރޭތޯ އެބޭފުޅުން މަސައްކަތް ކުރައްވާ ކަމަށާއި އާންމު މެންބަރުން އިހްތިޖާޖެއް ބާއްވަން ވެގެން އެހީ އަކަށް އެދުނަސް މަދު ފަހަރަކު ނޫނީ އެހީތެރިކަން ވެސް ފޯރުކޮށް ނުދޭ ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރެއެވެ.

" އަހަރުމެން އާދައިގެ މެންބަރުން އެއްވެ ވާހަކަ ދެއްކި އަސް ނުހުންނާނެ ފޯރިއެއް. އެބޭފުޅުން މާލޭގައި ނުތިބެ ހަމަ މިކޮޅަށް އައިސް އަޅުގަނޑުމެން އެންމެން ވެގެން އަޑުއުފުލާ އެބަ ޖެހޭ ވެރިކަން ވައްޓާލަން " ނަން ހާމަކުރަން ބޭނުން ނުވާ އެމްޑީޕީ މެންބަރަކު ބުންޏެވެ.

އެމްޑީޕީ އައްޑޫ މެންބަރުން ހާމަ ކުރާ އެއްކަމެއް އެބައޮތެވެ. އެމީހުންގެ ހަރަކާތްތައް 'ވައި' ވެދާނެއެވެ. ނަމަވެސް އަދިވެސް އައްޑޫ ސިޓީގައި އޮތީ އެމްޑީޕީ ފިކުރެވެ.