Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އަބުރުގެ ދައުވާކުރަން ނަޝީދު ނިންމަވައިފި

ނަޝީދު އީސީސީ ހުޅުވައިދެއްވަނީ . .

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާން ހުކުމްކުރި ތިން ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް އަބުރުގެ ދައުވާކުރަން ނަޝީދު ނިންމަވައިފި އެވެ.

ނަޝީދުގެ ފަރާތުން އެ ހަތަރު ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ނިންމީ އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ހަގީގަތާ ޚިލާފް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެއެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން ރިޕޯޓް ދޫނުކޮށް އޮތީ ނަޝީދުގެ ފަރާތުން ސޮއިނުކޮށްގެން ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް އެ ރިޕޯޓުގައި ނަޝީދު ލައްވައި ސޮއިކުރުވަން ކޯޓުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އޭގެފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އެ ރިޕޯޓުގައި ނަޝީދުގެ ފަރާތުން ސޮއިކޮށްފި ކަމަށް ބުނެ ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިގެން ހަގީގަތާ ޚިލާފަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ވީމާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު އާއި ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މައްސަލަ، އަބުރުގެ ދަޢުވާއެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ރައީސް ނަޝީދު ނިންމަވައިފިއެވެ." ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ބެލި ތިން ފަނޑިޔާރުންނަކީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ގާޒީ ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ އަބްދުﷲ ދީދީ އެވެ.

ނަޝީދުގެ ވަކީލުންގެ ބަޔާނުގައި އިތުރަށް ވަނީ ނަޝީދު ޖަލަށްލާން ހުކުމްކުރި ރޭ އެމަނިކުފާނު ލައްވައި، ލިޔުމެއްގައި ސޮއިކުރަން ކޯޓުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކީލުން ނެތީސް އެކަން ކުރަން ނަޝީދު ދެކޮޅު ހެއްދެވި ކަމަށް އެ ބަޔާނުގައިވެ އެވެ
.
އަދި އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވި ދުވަހު ވެސް، އެދުވަހު ނަޝީދު ކޯޓުގައި ދެއްކެވި ވާހަކަ ކަމަށް ބުނާ ލިޔުމެއްގައި އެމަނިކުފާނު ލައްވައި، ސޮއިކުރުވަން ވެސް ކޯޓުން މަސައްކަތްކޮށްފައިވާ ކަން ވެސް ނަޝީދުގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.