Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

މިނިވަން 50: ކޮން މިނިވަން ކަމެއްބާ؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު އެންމެ ގަދަޔަށް އިވޭ އެއް އަޑަކީ ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް 50 އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަނގަ ކުރަން އުޅޭ ވާހަކަ އެވެ.

އެގޮތުން މިމުނާސަބު ރަމްޒު ކޮށްދޭ ރީތި ލޯގޯއެއްވަނީ ފަރުމާކުރެވިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ތަފާތު ހަރަކާތްތައް ފެށިފައެވެ. އަދި މިހަރަކާތްތައް މުޅިއަހަރު ދުވަހަށް ދެމިގެން ދާނެކަމަށް ސަރުކާރުން ވަނީ އިއުލާން ކުރައްވައިފަ އެވެ.

މިހުރިހާކަމެއް މިހެން ހިނގަމުން ދާއިރު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގައި ފާހަނގަ ކުރަން މިއުޅެނީ ކޮން މިނިވަން ކަމެއް ބާވައެވެ؟

ރަނގަޅު ވާހަކައެކެވެ. ރާއްޖޭގައި އޮންނަނީ ދިވެހިންގެ ވެރިކަމެކެވެ. ޖައްވުގައި ވިހުރެނީ އަމިއްލަ ދިދައެކެވެ. ވާހަކަ ދައްކަނީ އަމިއްލަ ބަހަކުންނެވެ. އަމަލު ކުރަނީ އަމިއްލަ ގާނޫނަކަށެވެ. ވީމާ މިނިވަނުންނޭ ނުބުނެވެން ވީ ސަބަބެއް ނެތެވެ. ނަމަވެސް ކޮށްލަންޖެހޭ ސުވާލަކީ މިނިވަންކަން އިހުސާސް ކުރެވެނީ ކިތައް ރައްޔިތުންނަށް ބާވައެވެ؟

އެންމެ މަތިން ފަށަމާ ހިނގާށެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުންނާ ހިސާބުންނެވެ. މި ބޭފުޅުންނަށް އޮތީ ކޮން މިނިވަން ކަމެއްބާވައެވެ؟ ކޮން ރައްކާތެރި ކަމެއް ބާވައެވެ؟ އެންމެ މަދުވެގެން ތިން ހަތަރު ފާރަވެރިޔަކު ނެތި މަގުމައްޗަށް ނިކުތުން ވަނީ ބޮޑު ބިރަކަށެވެ. ރެއާއި ދުވާލު އެތައް މަރުގެ އިންޒާރެއް ލިބެއެވެ. ރައްޓެއްސަކާއި ބައްދަލުކޮށްލަން ހާމަ ތަނަކަށް ދެވޭކަށް ނޯވެއެވެ. އަނބި ދަރިންނާއި އެކު ވިޔަފާރިކޮށްލަން ބާޒާރަށް ދާކަށް ނުކެރެއެވެ. ރޭގަނޑު ގޭގެ ބިއްލޫރި ތަޅާނުލާނެ ކަމުގެ ނުވަތަ ގެ ރޯކޮށް ނުލާނެކަމުގެ ޔަގީންކަމެއް ނޯވެއެވެ.

ވީމާ މިބޭފުޅުން ކިތަންމެ ބޮޑު މުސާރައެއް ނަންގަވައިގެން ކިތަންމެ ރީތި ގެއްގައި ދިރިއުޅުއްވިޔަސް އެއްވެސް ކަހަލަ މިނިވަން ކަމެއް ނެތެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާ ތަކާއި އިދާރާތަކުގެ އިސްވެރިންގެ ހާލަތު ހުރިގޮތެވެ.
ދެން އޮތީ ރާއްޖޭގައި ތަފާތު ވަޒީފާތައް އަދާކުރައްވާ ފަރާތްތައް ނޫނީ މަދަނީ އެކި އެކި ހިދުމަތް ދެއްވާ ފަރާތްތަކުގެ ވާހަކައެވެ.

މިބޭފުޅުންނަށް ވެސް އެއްވެސް ކަހަލަ އަމާން ކަމެއް ނެތެވެ. ހިދުމަތް ލިބިގަންނަ ފަރާތް ހިތްހަމަ ނުޖެހިއްޖެ ނަމަ ކޮންމެވެސް ކަހަލަ އިންޒާރަކާއި ކުރިމަތިލާން ނުޖެހެނީ މަދު ފަހަރެއްގަ އެވެ. ފަރުވާދެމުންދާ ބަލިމީހެއްގެ ހާލުދެރަ ވެއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުން ތިބެންޖެހެނީ އަތުވެދާނެ ހަމަލާއެއްގެ ބިރުވެރިކަމުގައެވެ. ދަރިވަރަކު ހިތްހަމަ ނުޖެހޭފަދަ އެއްޗެއް މުދައްރިސަކަށް ބުނެވިއްޖެނަމަ އެމުދައްރިސަކު އުޅެން ޖެހޭނީ އެ ހަފްތާގައި ނުނިދާ ހޭލައެވެ.

ލިބެމުންދާ އިންޒާރުތަކާއި ގޭގެ ފުރާޅަށް އޮހެމުންދާ އޮއްގާ ވާރޭގެ ސަބަބުންނެވެ. ކޮފީ ތަށި ތަންކޮޅެއް ލަސް ވެއްޖެއްޔާ ނޫނީ ކޮއްތުރޮށީގެ ކުޅިމަޑު ވެއްޖެއްޔާ އެހިސާބުން ވޭޓަރުމީހާ އެންމެ ފަހުގެ ވަސިއްޔަތްކޮށް ޝަހާދަތް ކިޔާލިޔަސް އެންމެރަނގަޅެވެ. ކުށްވެރިޔަކު ހުއްޓުވައި ސުވާލު ކޮށްފިއްޔާ ފުލުސްމީހާގެ ސައިކަލު އަނެއްދުވަހު ހެނދުނު ވާއިރު ސަލާމަތުން ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. މިދަރަޖައަށް ކަންތައް ގޮސްފައި ވުމުން ވަޒީފާތަކުގައި އުޅޭފަރާތްތަކަށް އޮތީކޮން މިނިވަން ކަމެއް ބާވައޭ ސުވާލު އުފެދެއެވެ.

ދެން އޮތީ އާއްމުރައްޔިތުންގެ ވާހަކަ އެވެ. ތާއަބަދު ތިބެން ޖެހެނީ އަމިއްލައަށް ބަނދުވެގެންނެވެ. ގޭގެ ހުރިހާ ދޮރުތަކެއްގައި ދަގަނޑު ތޭރިޖަހާ، އެތޭރިތަކުގެ ފަހަތުގައެވެ. ގެއިން ބޭރަށް ނިކުމެއްޖެއްޔާ ސަލާމަތުން އެނބުރި ގެއަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ. ކުޑަކުއްޖަކު ތަނަކަށް ފޮނުވައިފިއްޔާ ތަފާތު ގޯނާ ތަކާއި ކުރިމަތިލާން ނުޖެހި ސަލާމަތް ވާނެކަމަށް އުއްމީދު ކުރުމަކީ މޮޔަކަމެކެވެ.

އާއިލާއާއި އެކު މަގުމައްޗަށް ނިކުމެއްޖެއްޔާ ނުވަތަ ކެފޭ އަކަށް ވަދެފިއްޔާ އިވިދާނެ ހުތުރު ބަހުރުވައިން ސަލާމަތް ވާން ތިބެން ޖެހެނީ ގޭގައެވެ. މުޒާހަރާ ކުރާ ދުވަސްވަރެއްނަމަ އަމުދުން ގެއިން ބޭރަށް ނިކުންނަން ހިތަށް އަރުވާނެކަމެއްވެސް ނެތެވެ. ވީމާ އާއްމު ރައްޔިތުން ވެސް އުޅެނީ މިނިވަން ކަމާއެކީގައޭ ދެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ރާއްޖޭގެ އާންމު ހާލަތު މިހާހިސާބަށް ދިއުމަކީ ކޮންމެ ދިވެއްސަކުވެސް އެކަމާއިމެދު ހިތާމަކޮށް ފުންކޮށް ވިސްނަން ޖެހޭކަމެކެވެ. މިހާލަތު ބަދަލުކުރުމަށްޓަކައި ތިމާއަށް ފަރުދީގޮތުން ކުރެވޭނީ ކޮންކަމެއްތޯ ހޯދައިބަލަން އެބަޖެހެއެވެ. ހައްދެއްނެތް މިނިވަން ކަމަށް ވަކާލާތު ކުރުމުގެ ބަދަލުގައި އިންފާރު ވަކިވެފައިވާ މިނިވަންކަމާ ދިމާލަށް މިސްރާބު ޖަހަން އެބަޖެހެއެވެ.

މި ކުޑަކުޑަ ރާއްޖެއަކީ ހަމައެކަނި ކުށްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ، ކުށްވެރިންނަށް މިނިވަން ބިމެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށްގެން މެނުވީ މިނިވަން ފަންސާހެއް ފާހަނގަކުރުމަކުން ލިބޭނޭ ފަހުރެއް، ހިތްހަމަޖެހުމެއް އަދި އުފަލެއް ނެތެވެ.