Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ޖޭމު ދޮންކަމަނަ: މީދޫގެ ހިތްދަތި ތަޖުރިބާ

މީގެ 70 ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ. ހަގީގީ ވާހަކައެކެވެ. މާލޭގެ ވަރަށް ނަން ހިނގާ ޒަމާނީ އަންހެން ކުއްޖަކު އައްޑޫ މީދު އަށް ހިނގާއްޖެ އެވެ.

މި އަންހެން ކުއްޖާ އަށް މީހުން ކިޔައި އުޅެނީ ޖޭމު ދޮންކަމަނަ އެވެ. ޅެންވެރިކަމަށް ވަރަށް ކުޅަދާނަ އަދި އަޑުރީތި ވިސްނުން ތޫނު އަންހެން ކުއްޖެއްމެ އެވެ.

މިހާރު ވެސް ޖޭމު ދޮންކަމަނައޭ ބުނެފިއްޔާ ރާއްޖޭގެ ވަރަށް ގިނަ މީހުންނަށް އެނގޭނެ އެވެ. ވަރަށް ގިނަ ލަވަ ރިކޯޑްކޮށްފައިވެ އެވެ. ދޮންކަމަނަ އާއްމުކޮށް ލަވަ ކިޔާނީ އަމިއްލަ މިއުޒިކާއެކުގަ އެވެ. އެ މިއުޒިކަކީ އޭނާ އަމިއްލައަށް ނަރުކޮށްޓިއަކުން ކުޅޭ މިއުޒިކެކެވެ.

ޖޭމު ދޮންކަމަނަގެ އަމިއްލަ މިއުޒިކާ އެކު އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "މި ކުޑަކުޑަ ލޯބި ނާނާޔަށް، ރިވެތި މުސްތަގުބަލަކަށް އެދެމޭ" މިލަވަ ހިމެނެ އެވެ.

އަދި ހިތްވަނީ އަބަދު ސުވާލެއްގެ ތެރެއަށް ގެއްލިފައޭ، ހިތް އޮތީ އޭގެ ޖަވާބަށް އެދިގެން ގޮވަގޮވައޭ" މިލަވަ މިހާރު ވެސް ސްޓެޓިކް ހާޑްވެއާ ފިހާރައިގެ އިޝްތިހާރަކާ އެކު ޓީވީ މޯލްޑިވްސް އިން ދޭތެރެ ދޭތެރެއިން ދައްކަ އެވެ. ޖޭމު ދޮންކަމަނަ މަރުވީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ.

ހުސްހަށިބައި އަންހެން ކުއްޖަކު ބީރައްޓެހި ރަށެއްގައި ހުންނައިރު އެރަށެއްގެ ޒުވާންފުރައިގެ ފިރިހެން ކުދިން ގޮތްގޮތަށް ފޮށޭނެތާ އެވެ. އެއީ ތަބައީކަމެކެވެ.

މިގޮތުން ޖޭމު ދޮންކަމަނަ މީދޫގައި އުޅުނު ދުވަސްކޮޅުގެ ތެރޭގައި އޭނާއާ ފޮށެން ކެރުނު ހަތަރު ފަސް ޒުވާނަކު މީދޫގައި އުޅުނެވެ.

މީގެ ތެރެއިން ނަގާ ކިޔަން އުޅުނީ އެއްގެއްގެ ދެބެއިންނެވެ. އެއީ ހަސަންކާރި އިބްރާހިމްދީދީ އާއި އެގޭ މުހުއްމައިދީ އެވެ.

ޖޭމު ދޮންކަމަނައަކީ ފިރިހެނުން ފެނި ކުރިމަގުގެ ދުރުމިން އޭނާގެ އަމިއްލަ ކުރިމަގު ނިކަން ރަނގަޅަށް ބަލައި ވަކި ގޮތަކަށް އުޅެން އާދަކޮށްފައި ހުރި ކުއްޖަކަށްވާތީ މީދޫ ޒުވާނުންގެ އުއްމީދުތަކުގައި ކުލަ ޖެހޭ ގޮތެއް ނުވި އެވެ. އެ މީހުންގެ ކޮންމެ އެތި ފަހަރެއް ދަނީ ތޮޅިއަށެވެ.

ދޮންކަމަނަ އަށް މީދޫ ޒުވާނުންގެ ފަރާތުން ކުރިމަތިވި ދުއްތުރާތައް އިތުރުވަމުން ގޮސް އެއްރެއަކަށް އިރު އޮއްސިފައި އަނެއް ދުވަހުގެ އަލި ވިލުނު އިރު ގިފިލީގެ ރޯނެއްގައި ހުރި ދޮންކަމަނަގެ އަންނައުނުގެ ތެރެއިން ބައެއްތަކެތި އިރައި ހަލާކުކޮށްފި އެވެ. މީގެ ތެރެއިން ވެސް ދޮންކަމަނަ އެންމެ ހިތުގައި ޖެހި ދެރަވީ އޭނާގެ ޖަނގިޔާތަކެއް ހަލާކު ކުރުމުންނެވެ.

އަސްތާ ޖަނގިޔަލަކީ އޭރު މީދޫ މީހުން ދަންނަ އެއްޗެއް ނޫނެވެ. ހެދުމުގެ އަޑިން އެއްޗެއް ލައި އުޅޭކަން އެ މީހުންނަށް އަލަށް ދަސްވީ ވެސް ދޮންކަމަނަގެ ފަރާތުންނެވެ. ޖަނގިޔަލަކީ އެ ދުވަސްވަރު މާލޭގެ ގިނަ ބަޔަކު ބޭނުން ވެސް ކުރި އެއްޗެއް ނޫނެވެ.

ދޮންކަމަނަ މީދޫގައި ދިރިއުޅުނީ ދެށިނާގޭގަ އެވެ. ޖެއްސުން ކުރުމުގެ ހަރަކާތްތައް މި ހިސާބަށް ދިޔުމުން ގޭގެ މީހުންގެ ލަފަޔާ ވެސް އެކީގައި ދޮންކަމަނަ މާލެ ފުރުން އަވަސްކޮށްފި އެވެ.

އެންމެ އަވަހަށް މާލެދާ އެތިގަނޑަކުން އަބަދުގެ އަބަދަށް މީދު އަށް ސަލާމް ބުނެފައި މާލެ ދާން ނިންމައިފި އެވެ. މި ގޮތަށް ނިންމައިގެން ހުރެ ދޮންކަމަނަ ލަވައެއް ހަދައިގެން އެލަވަ އޭނާގެ ރީތި އަޑުން ދެށިނާގެ އުނދޯލީގައި އިނދެގެން ކިޔަން ފަށައިފި އެވެ.

މި ލަވަ ތަންގަނޑުގެ ޒުވާން އަންހެންކުދިން އިސާހިތަކު ދަސްކޮށްފި އެވެ. މިގޮތަށް މި ލަވަ ދަސްކުރި މީހުންގެ ތެރެއިން އެކަކު އޭނާގެ މުސްކުޅި އުމުރުގައި އަހުރެންނަށް އެ ލަވަ ކިޔައި ދިނެވެ.

ކުރީގައި މުޅި ލަވަ ހަނދާން ހުއްޓެވެ. އެކަމަކު މިހާރު ހަނދާނުގައި ހަރުލާފައި ހުރީ އެލަވަ ފެށުނު ތަންކޮޅު އެކަންޏެވެ.

ލަވަ ފެށެނީ މި ގޮތަށެވެ. "ހަސަންކަވެރީ ފަރާތުގެ އެންމެ ބެއިންނަށް، މަ ހަތްތަރި ހާސް ފަށުން ބުނަމޭ ސަލާމޭ" މިގޮތަށެވެ.

ނޯޓް: މިއީ މީދޫ.ކޮމްގައި ހަސަންމަލާ ލިޔެފައިވާ އާޓީކަލެކެވެ. ކިއުންތެރިނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.