Last Updated: April 25, 09:23
Thursday, April 25, 2024
ވިޔަފާރި

ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ!

އައްޑު އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކިބައިން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އެދިވަޑައިގެންފި އެވެ.

ފުލުހުންގެ 81 ވަނަ އަހަރަީ ދުވަސް ފާހަގަކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައިސޯބެ ވިދާޅުވީ އައްޑޫފަދަ ބޮޑު ސަރަހައްދުތަކުގައި ފަތުރުވެރިން އެކަހެރި ތަންތަނުގައި އުޅެމުން އަންނަ އިރު އެ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ބޭނުންވާ ކަމަށެވެ.

"އައްޑޫ ކަހަލަ ބޮޑު ތަނެއްގައި ފަތުރުވެރިން އެބަފެނޭ ސައިކަލް އަދި ބައިސިކަލް ފަދަ ވަސީލަތްތަކުގައި، އެހަކަހެރި ދުރު ސަރަހައްދުތަކުގައި އުޅޭތަން، އެފަރާތްތަކަށް ހަގީގީ ރައްކާތެރިކަމެއް މިހާރަކު ނެތް، އަޅުގަނޑުމެން އެބަ ޖެހޭ އެފަރާތްތަކަށް ރައްކާތެރިކަން ދޭން." ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އައްޑޫގައި ފުލުހުންގެ ހިދްމަތް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ޕްރޮފެޝަނަލް ކޮށްކަމަށެވެ. އަދި "އަފިރިންގެ އަމާން އައްޑޫ ސިޓީ"ގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް އަމާންކަން ލިބިގެން ދިޔަކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަަކަށް އަލިއަޅުއްވައި ސޯބެ ވިދާޅުވީ ކުރިމަގުގައި ސިޓީ ކައުންސިލާއި، ޓްރާސްޕޯޓް އޮތޯރިޓީ އަދި ފުލުހުން ގުޅިގެން މީހުން ހޭލުންތެރިކުރުމާއި، ޓްރެފިކް އޮޕަރޭޝަން ހިންގަންޖެހޭ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މާލެ ފިޔަވައި ރާއްޖޭގެ ފުރަތަމަ ޓްރެފިކް ޕޮލިހުންގެ ހިދްމަތް އައްޑޫގައި ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.