Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

މަށަކީ ވެސް ޖިންސި އަނިޔާގެ ޝިކާރައެއް: ކަލްކީ

ކުޑަ އިރު ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޒުވާން އަދި ކުޅަދާނަ ބަތަލާ ކަލްކީ ކޮޗްލިން ބުނެފި އެވެ.

ޑައިރެކްޓަރު އަނޫރާގް ކޭޝަޕް އާ ކައިވެނިކޮށް، އެ ކައިވެނީގައި މިހާރު "މަރުތަޅު" އެޅޭ މަރުހަލާއަކަށް ގޮސްފައިވާ ކަލްކީ، 30، ބުނީ ކުޑަ އިރު އޭނާއަށް ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެކަމަކު އެކަމަކާ ކައިވެނީގައި މައްސަލަތަކެއް ޖެހުމާ އެއްވެސް ގުޅުމެއް ނެތެވެ. ކަލްކީއާ ކުރި ކައިވެންޏަކީ އަނޫރާގުގެ ދެވަނަ ކައިވެންޏެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.

އެހެން ނަމަވެސް އެއީ އުމުރުން ކޮން ދުވަސްވަރެއްގައި، ކިހިނެއް ހިނގައި ދިޔަ ކަމެއް ކަމަށް ކަލްކީ ނުބުނެ އެވެ. އެކަމަކު ކުޑަ އިރު ޖިންސީގެ އަނިޔާގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

އެކަމަކު މި ވާހަކަ މީގެ ކުރިން ކަލްކީ ދައްކައިފައެއް ވެސް ނެތެވެ. އެހެންވެ ކަލްކީ މިފަދަ ވާހަކައެއް ދެއްކުން ގިނަ ބަޔަކަށްވީ ހައިރާން ކުރުވަނިވި ކަމަކަށެވެ.

"ދޭވް ޑީ" އާއި "ޝައިތާން"، "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޔެ ޖަވާނީ ހޭ ދީވާނީ" ފަދަ ފިލްމުތަކުން ފެނިފައިވާ ކަލްކީ ބުނީ އިންޑިއާގެ ވަރަށް ގިނަ އަންހެން ކުދިންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީގެ އަނިޔާގެ ޝިކާރަަކަށް ހުށަހެޅިފައިވާ ކުއްޖެެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވަނީ މުޖުތަމައާއި މައިންބަފައިންގެ ހޭލުންތެރިކަން ވެސް ކުޑަވެގެން ކަމަށް ކަލްކީ ބުންޏެވެ.

"އަހަރެން ގަބޫލް ކުރާ ގޮތުގައި މިފަދަ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލަން ޖެހޭ ވަރުގެ މައްސަލަތަކެއް ނޫން. އެހެންވެ ހޭލުންތެރިކަން ވެސް ވަަރަށް މުހިއްމު. ތައުލީމު ހަމަހަމަ އަށް ދެ ޖިންސުގެ މީހުންނަށް ވެސް ލިބެން ޖެހޭ،" ކަލްކީ ބުންޏެވެ. "ކިޔަވައިގެންނާއި ހޭލުންތެރިކަން އުފައްދައިގެން މުޖުތަމައު ތެރޭގައި ހިނގާ މިފަދަ އަމަލުތަކުން އަންހެނުން ސަލާމަތް ކުރެވޭނީ."