Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ސްޓޭޑިއަމްގެ ލައިޓިން އަށް ވަގުތީ ހައްލެއް!

އަންނަ މެއި މަހު މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތައްޔާރު ކުރާއިރު ދަނޑުގެ ލައިޓިން ކަންތަކަށް ވަގުތީ ހައްލެއް ލިބިއްޖެކަމަށް ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހް ވިދާޅުވީ މުބާރާތް ފަށަންވާއިރަށް ލައިޓިން ކޮންމެހެން ދަނޑުގައި ޖެހިފައި ހުންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އޭއެފްސީ ގަބޫލް ކުރާ ފެންވަރުގެ "ވަގުތީ" ހައްލެއް ލިބިފައިވާ ކަމަށެވެ.

ލަންކާ ސަރުކާރުން ގާއިމް ކޮށްދޭ ލައިޓިން ސިސްޓަމާއި ގުޅޭ ގޮތުން މަލީހް ވިދާޅުވީ "ލައިޓިން މި ބަލަނީ މިންގަނޑަށް ފެތޭ ވަރަށްވުރެ ތަންކޮޅެއް ރަނގަޅުކޮށްލަން." ކަމަށެވެ.

ޒޯން ސްޓޭޭޑިއަމްގައި ލައިޓް ޖެހުމަށް ދެފަހަރެއްގެ މަތިން އިއްލާންކޮށް ކުރިމަތި ލާނެ ބަޔަކު ނުވެގެން އެންމެ ފަހުން ލަންކާ ސަރުކާރުގެ އެހީއަށް އެދުނެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް ޗެލެންޖް ކަޕަށް ތައްޔާރު ކުރަމުން އަންނަ އިރު ސްޓޭޑިއަމްގެ ފުރާޅު ހިޔާ ކުރަމުންދަނީ ހަމައެކަނި ވީއައިޕީން ތިބޭ ސަރަހައްދު އެކަންޏެވެ.
ޔޫތު މިނިސްޓްރީން ފާސްކޮށްފައިވާ ކުރެހުމުގައި މުޅި ސްޓޭޑިއަމް ހިޔާކުރަން އޮތް ނަމަވެސް އެމަސައްކަތް ވަނީ ފަހަތަށް ޖައްސާލާފަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗް ކުޅުމަށް ހަަމަޖެހިފައިވާ ސްޓޭޑިއަމްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ނިންމަން އެއްބަސްވެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހަށެވެ.