Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މުދައްރިސުން ވެސް "ބުލީ" ކުރަނީ!

އައްޑޫގެ ޓީޗަރުންތަކެއް ހަފުލާއެއްގައި:

މަދުރަސާގެ މާހައުލަކީ ހުރިހާ ދަރިވަރުންނަށް އަމާން ތަނަކަށް ވާން ޖެހެ އެވެ. އެހެނަސް "ބުލީ" ކުރުމަކީ އަބަދުވެސް ވަރަށް ބޮޑު ވެފައިވާ މައްސަލައެކެވެ.

ޢާންމުކޮށް މިކަން ދިމާވަނީ ދަރިވަރުންގެ މެދުގައި ކަމަށް ވިޔަސް މިފަހަރު ކަންތައް ވަރަށް ތަފާތެވެ. މުދައްރިސުންގެ ފަރާތުން ވެސް ބުލީ ކުރުމުގެ ޢަމަލުތައް ފެންމަތިވަނީ އެވެ.

ދަރިވަރުން ތަކަކާއި މިކަމާ ބެހޭ ގޮތުން ސުވާލު ކޮށްލުމުން ލިބުނު ޖަވާބުތަކަކީ މުދައްރިސެއްގެ ފަރާތުން އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫނެވެ.

ބައެއް ދަރިވަރުން ބުނާ ގޮތުން އެކުދިންގެ އިނގިރޭސި މުދައްރިސުގެ ފަރާތުން ކޮންމެ ދުވަހަކުމެ އެކުދިންނަށް އަމާޒުވެގެންދާ ބަހެއް ކަމުގައި "ބްލަޑީ" ވަނީ ވެފަ އެވެ. އަދި "ޓު ހެލް ވިތު ޔުއާ.." އަކީ ވެސް ޢާންމު ބަހެކެވެ.
އަދި މިފަދަ ޝަކުވާތައް ސްކޫލަށް ލިބި މައްސަލަ ބަލާފައިވެސް ވެއެވެ. ދާދި ފަހުން އެފަދަ މައްސަލައެއް މަރަދޫ ފޭދޫ ސްކޫލަށް ވެސް ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރަށް ކުރީގެ ހިތަދޫގެ ސ. އަތޮޅު ތައުލީމީ މަރުކަޒު (މިހާރުގެ ޝަރަފުއްދީން ސްކޫލްގެ ޕްރައިމެރީ ވިންގް) ތަޢުލީމު ޙާސިލުކޮށްފައިވާ ދަރިވަރަކު ބުނިގޮތުގައި އެ ދަރިވަރަށް ވެސް ވަނީ އެ ދަރިވަރުގެ މުދައްރިސުގެ ފަރާތުން "ޔޫ އާ ޕީސް އޮފް ޑޯގް ޝިޓް" އަމާޒު ވެފަ އެވެ.

މިފަދަ ކަންކަން ޢާންމު ގޮތެއްގައި ހިނގަނީ ބިދޭސީ މުދައްރިސުންގެ ފަރާތުން ކަމުގައިވީ ނަމަވެސް ރާއްޖޭގެ މުދައްރިސުންގެ ފަރާތުން ވެސް މިފަދަ ޢަމަލުތައް ހިނގަމުންދާކަމީ ހިތާމަ ހުރި ކަމެކެވެ. އެގޮތުން އިސްލާމް މުދައްރިސު ދަރިވަރަކާ "ޝައިޠާނާ" މި ނަމުން މުޚާތަބުކޮށްފައިވާ ކަމަށް ބުންޏެވެ

މިފަދަ ކަމަކާއި ކުރިމަތި ލާފައިވާ ދަރިވަރަކު ބުނާ ގޮތުގައި "އަހަރެމެންނަށް މޮޅަށް ނުކިޔެވުނު ނަމަވެސް އަހަރެމެންނަކީ ވެސް އިންސާނުން. އެންމެން އެއްވަރެއް ނުވާނެ. ބައެއް މުދައްރިސުން އަހަރެމެންނާ ދޭތެރޭގައި ކަންތައް ކުރަނީ ޖަނަވާރުންނާއި މެދު ކަންތައް ކުރާ" ގޮތަށެވެ.

ދަރިވަރުންނަށް ހެޔޮ ވިސްނުންދީ ހެޔޮ މަގަށް އަޅުވަން ތިބި ފަރާތްތަކުގެ ކިބައިން މިފަދަ ޢަމަލުތައް ހިނގުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫނެވެ.

އެއްގޮތަކަށް ވެސް ދަރިވަރުންނަށް ގޯސް ކަމެއް ކުރުމަށް ހިތްވަރުދޭކަށް ޤަސްދެއް ނުކުރަމެވެ.

ތެދެކެވެ. މުދައްރިސުންނަކީ ވެސް އިންސާނުންނެވެ. ބައެއް ދަރިވަރުންގެ ފަރާތުން ކުރިމަތިވާ ކަންކަމުގެ ސަބަބުން މިފަދަ ކަމެއް އިންސާނަކަށްވީތީ ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. މުދައްރިސުންނަކީ ދުވާލާއި ރޭގަނޑު ކިޔަވައި ދިނުމުގެ މަސައްކަތުގައި އުޅޭ ބައެކެވެ.

ވަރުބަލި ވެސް ވާނެ އެވެ. ދުވާލަކު ހައެއް ނުވަތަ ހަތް ކުލާހަށް ކިޔަވައި ދެއްވަމުން، ކޮންމެ ކުލާހެއްގައި ތިބޭ ތިރީހަކަށް ދަރިވަރުން ބަލަހަށްޓަމުން އެންމެ އެކަށީގެންވާ ގޮތެއްގައި ކިޔަވާ ދެވޭތޯ ބެލުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެކަން ޔަޤީނެވެ. އެހެން ކަމުން މިފަދަ ހާދިޘާތައް މަދު ކުރުމަށްޓަކައި ދަރިވަރުންގެ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަމައެހެންމެ ސްކޫލުތަކުގެ މެނޭޖްމެންޓުގެ އިތުރަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް މިކަންކަން ބަލަހަށްޓާ ރަނގަޅުކޮށް، މަދުރަސާތަކަކީ ހުރިހާ ދަރިވަރުންނަށް ވެސް އަމާން، ކިޔަވަން ފަސޭހަ މާޙައުލުތަކެއްކަމުގައި ހެދުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހެ އެވެ.