Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ޗެލެންޖް ކަޕްގެ ސެކިއުރިޓީ "ހާއްސަ"

އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ކުޅުންތެރި ތިބުމަށް ހަމަޖެހިފައިވާ ތަންތަނާއި ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ދަނޑުތަކުގެ ސަލަމާތީ ކަންތައްތައްތަކާ މުބާރާތުގެ އެހެނިހެން ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އައްޑޫގެ ކަމާބެހޭ ފަރާތްތަކާ ފުލުހުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ބޭއްވީ މި މަހުގެ 9-11 އަށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އައްޑު އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި މުބާރާތުގެ އެންމެހައި ކަންކަން ކުރިޔަށްދާ އިރު ކުޅުންތެރިންނާއި އޮފިޝަލުންނާއި އައްޑޫ ސިޓީއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާ ސަލާމަތީ ކަންކަން ކުރިޔަށް ގެންދިއުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން މި ދަތުރުގައި ވަނީ އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން މި މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމަށް ހަމަޖެހިފައިވާ ހެރަތެރަ ރިސޯޓްގެ އިސް ފަރާތްތަކާ އެކު ވެސް މި ދަތުރުގައި ފުލުހުން ވަނީ މަޝްވަރާކޮށްފަ އެވެ.

އައްޑޫގައި މިކަމަށްޓަކައި ފުލުހުން ހިންގާ އޮޕަރޭޝަން ކުރިޔަށް ގެންދިއުމާ ބެހޭ ގޮތުން އައްޑޫގައި މަސައްކަތް ކުރާ ސިފައިންގެ އިސް ފަރާތްތަކާއި އައްޑޫ ގައި މަސައްކަތް ކުރާ ފުލުހުންނާ ވެސް ނަވީން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ދަނޑުގެ ސަލާމަތީ ކަންކަމާއި ދަތުރު ކުރާނެ މަގުތައް ކަނޑައެޅުމާއި މަގު ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި މަގުތައް ބަންދު ކުރާނެ ގޮތްތަކާއި ފަރިތަކުރުންތައް ކުރިޔަށްދާ ދަނޑުތަކުގައި ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ކުރަން ޖެހޭ ކަންކަމާ މެދު ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުންތަކުގެ އިތުރުން ވެސް ހިތަދޫގެ ޒޯން ސްޓޭޑިއަމްއަށާއި ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވާ ހެރަތެރަ ރިސޯޓާއި ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ދަނޑަށް ޒިޔާރަތްކޮށް އެތަނުގައި ހުރި ސަލަމާތީ ކަންތައްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވައި ސަލާމަތީ ގޮތުން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ބަލަން ޖެހޭ ކަންކަން ވެސް ވަނީ ބަލައިފަ އެވެ.