Last Updated: April 24, 17:40
Wednesday, April 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (58)

(އެޕްރީލް 14، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ރިޔާސީ ކޮމިޝަނުގެ ބަޔާނުގައި ވަނީ ރައީސް މައުމޫނުގެ ވާހަކަފުޅާ ތަފާތު ގޮތަކަށެވެ. މާފުށީ ޖަލުގައި ބަޑި ޖަހައި، މީހުން މަރާފައި ވަނީ ބަޑި ބޭނުން ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. އަދި އިންޒާރު ދީ އެ އިންޒާރުތަކަށް އަމަލު ކުރުމަށް ފުރުސަތެއް ވެސް ދީފައި ނުވާ ކަމަަށެވެ.

ރައީސް މައުމޫން ގައުމާ މުހާބަތު ކުރައްވައިސ މި ހާދިސާގެ ތަފުސީލް ދެއްވި ރޭ ވިދާޅުވި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލިސް އާ މުހާތަބް ކުރައްވައި އެ މަނިކުފާން ވިދާޅުވެފައި ވަނީ "ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހަތިޔާރު ބޭނުންކޮށްފައި ވަނީ ސިފައިންގެ ތެރޭގައި އަމަލު ކުރަން ޖެހޭ، އިމަޖެންސީގައި ހަތިޔާރު ބޭނުން ކުރުމާ ބެހޭ ގަވައިދާ ހަތިޔާރު ހިފައިގެން ޑިއުޓީ މަރާ ތަންތަނުގައި ހަތިޔާރު ބޭނުން ކުރަން ޖެހޭ ހާލަތުތައް، މި ދެ ގަވައިދާ މުޅިން ހިލާފަށް އަދި ހުއްދަ ހޯދަން ޖެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމެއް ނެތި އެއިން ފަރާތަކަށް ނުވެސް އަންގާ" ކަމަށެވެ.

މާފުށީ ޖަލުގައި ބަޑި ޖަހައި ޖަލުގެ ގައިދީންތަކެއް މަރާލުމުގެ ބިރުވެރި ހާދިސާ މި ހިނގީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ވަރަށް ކައިރިވެފައި ވަނިކޮށެވެ.
ވުމާ އެކު މި މައްސަލައިގެ ތަހުގީގު ރައްޔިތުން ރުހޭ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުން މި ވަގުތަށް ވަރަށް މުހިއްމު ވާނެކަން ކަށަވަރެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް ބަލައި ތަހުގީގު ކުރުމުގެ ކަންތަކުގައި އިންސާފުގެ ކުލަ ޖެއްސުމަށެވެ. ނަމަވެސް ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔައީ ސިފައިންގެ އެންމެ އިސް ވެރިއަކަށް ރައީސް މައުމޫން ވެވަޑައިގަންނަވާ އިރު، މިފަދަ އަމަލެއް ހިންގުމުގައި ހަތިޔާރުގެ ބޭނުން ހިފުމުގެ އަމުރު ނެރުއްވުމުގެ ބާރު ލިބިވަޑައިގެންފައި ވަނީ އެމަނިކުފާނަށް ކަމަށެވެ.

އެހެން ކަމުގައިވާ ނަމަ މި މައްސަލަ ތަހުގީގު ކުރެއްވުމަށް އެ މަނިކުފާން އުފައްދަވާ ރިޔާސީ ކޮމިޝަނަކުން މައްސަލަ އިންސާފުވެރި ގޮތަކަށް ބައްލަވާނީ ކިހިނެއްތޯ އެވެ؟

ކޮންމެއަކަސް މައްސަލަ ހިނގި ތަހުގީގުކޮށް ޝަރީއަތަށް ފޮނުއްވި ސިފައިންނަކީ މާފުށީ ޖަލުގެ ގަތުލުއާންމުގައި ބައިވެރިވި ކަމަށް ފެނިވަޑައިގަތް އޮފިސަރުންނެވެ. މި އެންމެންގެ މައްޗަށް ޝަރީއަތް ހިންގައި ދިގު މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި އެވެ. ނަމަވެސް އެހާ ގިނަ ދުވަހެއް ނުވެ އެވެ. މި އެންމެން ޖަލުން ދޫކޮށްލެެއްވީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިފަދަ ގޮތަކަށް ބަދަލުވެގެން ދިޔައީ ރައީސް މައުމޫން ނުހަނު އަބުއިކޮށް ކުރެއްވި ނިޔަނެތި ވެރިކަމަށް ބުރޫ އަރުވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ވޯޓްލާ ދުވަސް ދާދި ގާތްވެފައި ވަނިކޮށެވެ.

ވުމާ އެކު ސަރުކާރަށް ފާޑު ކިޔާ މީހުން އިންޓަނެޓް ސައިޓްތަކުން ބޭރަށް ނިކުމެ ފާޅުގައި ވެސް ބަސް ބުނާން ފެށީ އެވެ. އެހެން ކަމުން މި ފަހަރު ރިޔާސީ އިންތިހާބު ބޭއްވުނީ ވަރަށް ބޮޑު ބެލެހެއްޓުންތެރި ކަމެއްގެ ތެރޭގަ އެވެ. (ނުނިމޭ)

 

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.