Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

"އައްޑޫގައި މަޝްރޫއެއް ހިންގާކަށް އެދިފައެއް ނެތް"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް އައްޑޫގައި އެއްވެސް މަޝްރޫއެއް ހިންގުމަށް ކައުންސިލާ މަޝްވަރާކޮށްފައި ނުވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތަރައްޤީގެ ކަންކަމަށް ކައުންސިލުން ހުރަސް އަޅަނީކަ މަށް ބުނެ މި ސަރުކާރުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވައި ސޯބެ ވިދާޅުވީ ސަރުކާރުން އައްޑޫގެ ތަރައްޤީ އަށް ހިންގާ ހުރިހާ މަޝްރޫއުތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ނަމަވެސް ކައުންސިލަށް އެއްވެސް ކަމަކަށް ހުށަނާޅާ ހަގީގަތާ ހިލާފް ވާހަކަ ދައްކާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިތަދޫ އާރްއޭފް ސަރަހައްދުގައި ކޫއްޑޫ ފިޝަރީޒް އިން އަޅަން ނިންމާފައިވާ މަސް ފެކްޓަރީ މަރަދޫ އަށް ބަދަލު ކުރަން ސަރުކާރުން ވަނީ މަަސައްކަތް ފަށައިފަ އެވެ. އަދި އެމަ ސައްކަތް ފެށުމާއި އެކު ފިޝަރީޒް މިނިސްޓްރީން ވަނީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ހުރަސް އަޅާކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކަވާފައެވެ.

ސޯބެ ވިދާޅުވީ އަންނަ މަހު މާލެ އާއި އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ވަފުދެއް ކައުންސިލާއި ބައްދަލު ކޮށް މުބާރާތް ކާމިޔާބް ކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށެވެ.

ސޯބެ ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އެކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ދޯދިޔާ ގޮތަކަށް ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫގެ ކުރިމަގާ ގުޅިފައިވާ ގަމުގެ ވައިގެ ބަނދަރު ތަރައްޤީގެ މަޝްރޫއަށް ސަރުކާރުން އިސްކަމެއް ދެއްވާތަނެއް ނުފެންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސް އަޅާކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުން އައްޑޫގައި ކުރަން ނިންމާފައިވާ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ފެށުމަށް މަސައްކަތް ކުރަމުންދާ ތަނެއް ނުފެނެއެވެ. އެގޮތުން އަޅަން ކިޔާތާ އެތައް އަހަރެއް ވެފައިވާ 100 އެނދުގެ ހޮސްޕިޓަލާއި، އިސްމެހެލާ ރިސޯޓް ތަރައްޤީ އާއި އީސީސީ ފަދަ މަޝްރޫއުތައް ހިމެނެއެވެ. އަދި މިހާރު ބިން ބަދަލު ކުރަން ހުށަހަޅާފައިވާ މަސް ފެކްޓަރީއަކީވެސް އޭގެ ތެރެއިން ޕްރޮޖެކްޓެކެވެ.