Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (59)

ި(އެޕްރީލް 14، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

ޑރ. މުނައްވަރު ހަފޮޅުން ބޭރަށް

 

ދެހާސް ތިން ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ނިމިގެން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައި ޑރ. މުނައްވަރު ހިމެނިވަޑައެއް ނުގަންނަވަ އެވެ.

އޭނާއަކީ 10 އަހަރު ވަންދެން ސަރުކާރަށް ލަފާ އަރުއްވައި، ދައުލަތަށް ވަކާލާތުކޮށް ދެއްވި ބަންޑާރަ ނައިބެވެ. އެ މަނިކުފާން އެކަހެރިކޮށްލެއްވީ ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ދެއްވަން ފެނިވަޑައި ނުގަންނަވާ ކަމަށް ލަފާފުޅު ހޯއްދެވުމަށް ބޭނުން ކުރައްވާފަ އެވެ. އެއަށް ފަހުގައ ރައީސްގެ ލީގަލް އެޑްވައިޒަރުކަން ދެއްވަން ހުށަހެޅުއްވުމުން ގަބޫލްފުޅު ނުކުރައްވައި ދޫކޮށްލެއްވީ އެވެ.

ޑރ. މުނައްވަރު ގެންނެވި ތަން ދެން ފެނިގެން ދިޔައީ ރައީސް މައުމޫނުގެ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާ އިދިކޮޅު ފަރާތްތަކާ އެވެ. އެ ބޭފުޅާ އާ އެކު ވަޒީރުންގެ މަޖިލީހުން ދެން ބޭރުކޮށްލެއްވި އިބްރާހީމް ހުސައިން ޒަކީ އާ ވެސް އެކުގަ އެވެ. އޭނާއަކީ އެތައް އަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގުމުގެ ހުއްދަ ނުދެއްވި އެމްޑީޕީގެ ހަރަކާތްތައް ކޮޅުބުގައި ފެށިގެން ހިނގަމުން ދަނީ އެވެ. އެމްޑީޕީން ވަނީ ކޮމަންވެލްތާއި އިނގިރޭސިވިލާތަށް ދިވެހި ރާއްޖޭގެ ވެރިކަމުގެ ދޯހަޅި ސިޔާސަތު ހިނގަމުންދާ ގޮތް އަޮޅުން ފޮލުވައި ދީފަ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކަށް ޖަލުގެ އަނިޔާވެރި ކަމުގެ ވާހަކަތަކުގެ މައުލޫމާތު އަރުވަން ފަށައިފަ އެވެ.

ރާއްޖޭ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތަށް ވެސް އެހީތެރިކަން ހޯދައިފަ އެވެ. މިފަދަ ދަނޑިވަޅެއްގައި ވަޒީރުންގެ މަޖިލީހުން ޑރ. މުނައްވަރު ބޭރުކޮށްލެއްވުމާ އެކު އެ ބޭފުޅުން އެމްޑީޕީ އަށް އެހީތެރިކަން ދެއްވަން ފެއްޓެވުން ވެގެން ދިޔައީ އެ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

 

އިސްލާހީ ހެޔޮ ބަދަލުތަކުގެ ވާހަކަ

 

އިސްލާހީ ހެޔޮ ބަދަލުތަކުގެ ވާހަކައަކީ މި އިވެން ފެށީ ކީއްވެގެން ހެއްޔެވެ؟ ޑިމޮކްރަސީ އަށް މަގުފަހިވާން ފެށުމުންނެވެ. ހާލަތު ބަދަލުވާން ފެށީ އެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ އެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހެޅީ އެވެ. ސޯޝަލް މީޑިއާ އިން ރައީސް މައުމޫންގެ ޒައާމަތަށް ފާޑު ކިއުމުގައި ހައްދެއް ނެތްހާ ބޮޑު މިނިވަންކަމެއް ލިބިގެންފައި ވަނިކޮށެވެ.

މިފަދަ ދަނޑިވަޅެއްގައި މާފުށީ ޖަލުގައި ޖަލު ބަލަހައްޓަން ތިބި ސިފައިން ބަޑި ޖަހައި، ގައިދީން މެރި މައްސަލައިގެ ސަބަބުން މުޅި ގައުމު ނަފުރަތުކޮށްފި އެވެ.

މިފަދަ ވަގުތަކާ ދިމާކޮށް ޑރ. މުނައްވަރާއި ޒަކީ ފަދަ ބޭފުޅުން ކެބިނެޓުން ބޭރުކޮށްލައްވަން ޖެހިވަޑައިގަތުން އެއީ މިފަދަ ބޮޑު ޖަރީމާއެއްގެ ސިޔާސީ ހައްލަކަށް ވާނީ ކިހިނެއްތޯ އެވެ؟ އެކަންވި އިތުރު ބޭޒާރަކަށެވެ. އިސްލާހީ ހެޔޮ ބަދަލުތަކުގެ ވާހަކަ އައީ މި ހުރިހާ ސަބަބުތަކާ އެކުގަ އެވެ.

 

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.