Last Updated: April 19, 18:16
Friday, April 19, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(އެޕްރީލް 7، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

 

"ނޫން ތިހެން ނުބުނުއްވާ. ތި ކަމަކީ ހީނާ ގަޔާވެގެން ކޮށްފިއްޔާ މާ އުނދަގޫ ކަމަކަށް ނުވާނެ." އުލްފަތު ހިތްވަރު ދޭ ރާގެއްގައި ބުންޏެވެ. "ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. ތި ފޮތުގެ ފެށުން ނުލާހިކު އުނދަގޫ. އެކަމަކު ހީނާ ތި ވަނީ އެކަންވެސްކޮށްފަ. މިހާރު ތި ތަނުން ބައެއް އަޅުގަނޑުގެ ލައިޕްގަ ލިޔެވެސް ނިމިއްޖެ. އަޅުގަނޑު ބޭނުން މި ވާހަކައިގެ އަނެއް ބައިވެސް ލިޔަން."

"އަހަރެން މިވަގުތު ބޭނުމީ ޕިއްޒާ ހަދާލަން." ހީނާ ދެން ދެއްކީ މުޅިން އެހެން ވާހަކައެކެވެ.

"ދާދި ދެންމެ އަޅުގަނޑު އެ އޮތީ ޕިއްޒާ ހަދާފައި." ވަގުތުން އުލްފަތު ބުންޏެވެ.

"އަހަރެން މި ފޮތް ނުލިޔަން ބަހަނާއެއް ދެއްކިޔަކަ ނުދޭނަން ދޯ މާމަގަނޑާ؟" ހީނާ ހިނިތުންވެލި އެވެ.

"ބޭނުމިއްޔާ ހީނާ އަރާމުކޮށްލާ. އެއްވެސް މަސައްކަތެއް ކުރުމުގެ އަމުރެއް ދެވޭކަށް ނެތް." މޭޒުމަތީގެ އެއްޗިހިތައް ތަރުތީބުކޮށްލަމުން އުލްފަތު ހިނިތުން ވެލަމުން ބުނެލި އެވެ.

"އަހަރެން އެބަ އަރާމު ވެސް ކުރަމޭ. މާދަަމާ ނޫން އަނެއް ދުވަހު ޝާހިދު އަންނާނެ އަހަރެންގެ އާ ފިލްމުގެ ސްކްރިޕްޓް ހިފައިގެން. އޭރުން އޮންނާނެ މަށަށް ފޮތް ލިޔެވިފަދޯ؟" ޝާހިދަކީ ހީނާގެ ފިލްމުތަކުގެ ޕްރޮޑިއުސަރެެވެ.

ފާއިތުވެ ދިޔަ 32 އަހަރުގެ ފިލްމީ ކެރިއަރުގެ އެޖެންޓު ވެސް މެ އެވެ. ހަގީގަތަކީ ހީނާ ފިލްމީ ދުނިޔެ އަށް ނެރެދިނީ ޝާހިދު އެވެ. ޝާހިދާއި ހީނާ ދިމާވީ ހީނާގެ އުމުރުން އެންމެ 18 އަހަރުގަ އެވެ.

ރަށްފުށުގެ ކޮންމެވެސް ސްކޫލެއްގެ ޑްރާމާއަކުންނެވެ. އެ ދުވަހު ޝާހިދަށް ހީނާގެ ހުނަރާއި ފަރިކަމާއި ރީތިކަން ފެނިފައި އޭނާއަކީ ވިދާލެވޭނެ ތަރިއެއްކަން ޔަޤީންވި އެވެ. ޔަޤީނުން ވެސް ހީނާ މިއަދު އެ ހުރި މަގާމަށް ހީނާ ގެނައި އެއްވެސް ޝައްކެތް ނެތި ޝާހިދެވެ.

ހީނާގެ ފުރަތަމަ ފުރަތަމަ ފިލްމުން ވެސް ހީނާ ވިދާލީ ފިލްމީ ދުނީޔޭގެ މެދު އުޑުގަ އެވެ. މިއަދު ހީނާއަކީ ދުނިޔެ ގަބޫލް ކުރާ ވަރުގެ ތަރިއެކެވެ. ކާމިޔާބު އަންހެނެކެވެ. އޭނާގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ވެފައިވާކަ ހަލައެވެ. އެހެނަސް އޭނާ ލިޔަމުންދާ ފޮތުގެ ސޮފްހާތަކަށް ހުއްޓުން އަރަނީ ކީއްވެބާވަ އެވެ؟ މި ސުވާލު ކިތަންމެ ފަހަރަކު އޭނާ ވެސް އޭނާގެ ހިތާކޮށްލައިފި އެވެ.

އުލްފަތު ބުނާ ގޮތުން އޭނާވީ ބޮޑަށް ފޮތުގެ ތެރެއަށް ގެނބޭށެވެ. އެކަމަކު އޭނާގެ އަމިއްލ ހަޔާތުގައި އޭނާ އަށް ޖަވާބު ނޭނގޭ ސުވާލު ތަކެއް ހުރެގެން ނުވާނެ ނޫން ހެއްޔެވެ؟

މިކަމުގައި އޭނާ އަށް ކުރަން ޖެހޭ ކޮންމެ ކަމެއް އޭނާ ކުރާނެ އެވެ. އެކަމަކު އޭނާ ކުރަންވީ ކީއް ހެއްޔެވެ؟ މިހާރު އޭނާގެ އުމުރުން 50 އަހަރު ވީއެވެ.

އެންމެ ފަހުގެ އުފަން ދުވަސް އޭނާގެ ދެ ކުދިންނާއި އެކުވެރިންނާ އެކު އޭނާ ކުލަގަދަކޮށް ފާހަގަ ކުރި އެވެ. މިއަދު އާނާ ބޭނުން ވަނީ އޭނާގެ ހަޔާތުގެ 50 އަހަރު ވީއިރު އޭނާގެ ހަޔާތުގެ މި ދަތުރު ހޭދަވީ ގޮތުގެ ވާހަކަ ކުރު ގޮތަކަށް ލިޔެލާށެވެ.

ހަޔާތުގެ ފެށުމުގައިވި އުފާވެރި ސޮފްހާތަށް އުނދަގުލަކާ ނުލައި އޭނާ އަށް ލިޔެވުނެވެ. ދެން ތަފާތު ހާދިސާތަކާ ކާރިސާތަށް އޭނާގެ ހަޔާތުގައި ވަނީ ހިނގާފަ އެެވެ. އެއިން ކޮންމެ ކަމަކީ ބޮޑު ކާރިސާއެކެވެ. ރަނގަޅު ނަސީބާއި ހިތްދަތި ދުވަސްތަކެވެ. ގިނައީ ރަނގަޅު ދުވަސްތަކޭވެސް ދިރާސާ ކުރާ މީހަކު ބުނެފާނެ އެވެ. އޭނާއަށް ނިންމުނު ހުރިހާ ނިންމުމަކީ ރަނގަޅު ނިންމުމަށް ނުވެ ވެސް ހިނގައި ދާނެ އެވެ.

އޭނާގެ ފާއިތުވީ ދިގު މާޒީގެ ހިޔަނި ނުވާހެން އޭނާއަށް ކާމިޔާބު އަންހެނަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ މިއަދު އޭނާ އެންމެ ފުރަތަމަ ހޯދަން ބޭނުންވާ ސުވާލުގެ ޖަވާބެވެ. ކޮނުނު ކޮނުނު ހެން ފަސްއަރާ އުސޫލުން އޭނާ ކޮންނަން ފަށައިފި ނަމަ މާޒީގެ ސޮފްހާތަށް ހުޅުވުން ވެސް އެކަށީގެން ވެ އެވެ.

ރާމިޒް ނިޔާވި ފަހުން އޭނާގެ ހަޔާތުގެ އެއްވެސް ކަމެއްގަ އޭނާ އުފަލެއް ނުވެ އެވެ. ރާމިޒަކީ އޭނާ ފޮތް ލިޔާއިރު އެންމެ އެހީވެ ދިން މީހާ އެވެ. އެކުވެރިއެއް ފަދައިންނެވެ. ފިރިއެއްގެ ހައިސިއްޔަތުންނެވެ.

ފިރިޔަކަށް ވުރެ ރާމިޒް ވެގެން ދަނީ އޭނާގެ ގާތް ރަހްމަތްރިޔަކަށެވެ. މިއަދު ރާމިޒް ނެތި އޭނާ ލިޔަން ފެށި މިފޮތް މިއޮތީ ކުރިޔަށް ނުގެންދެވިފަ އެވެ.

އެކަހަލަ ފިކުރުތަކެއްގައި ހީނާ އިންދައި އުލްފަތު ދެ ތަށި ސައި ހިފައިގެން އަތުވެއްޖެ އެވެ. ވެނީލާ ސައިގެ މީރު ވަސް ދުވުމާ އެކު ވަރަށް ސައި ތައްޓަކަށް ބޭނުން ވެފައި އިންކަން އޭނާ އަށް އެނގުނެވެ. ހީނާ ޝުކުރުވެރި ނަޒަރަކުން އުލްފަތަށް ބަލާލި އެވެ. ހީނާ ވަނީ ވެނީލާ ސަޔަށް އެޑިކްޓް ވެފައިކަން އުލްފަތު ކުރިން ވެސް ދަނެ އެވެ. (ނުނިމޭ)

 

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.