Last Updated: April 24, 16:49
Wednesday, April 24, 2024
ސިޔާސީ

ނިހާދު ހުށަހެޅި މައްސަލަ އަލުން ބަލައިގެންފި

ރައްޔިތުންގެ މަޖިލިސް އިންތުހާބްގައި ފޭދޫ ދާއިރާގެ ވޯޓު ރިޝްވަތުދީ، ނުފޫޒު ފޯރުވައިގެން ކާމިޔާބް ކުރި ކަމަށް ބުނެ އިންތިހާބް ބާޠިލް ކުރުމަށް އެދާއިރާއިން ނާކާމިޔާބްވި މުހައްމަދު ނިހާދު ހުށަހެޅި މައްސަލަ ކޯޓުން ބަލައި ނުގަންނަ ގޮތަށް ނިންމުމަށް ފަހު އަލުން ބަލައިގަންނަން ނިންމައިފިއެވެ.

މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރެޖިސްޓްރާ ކުރިން ނިންމެވި ނަމަވެސް އެ ނިންމުން ބަދަލު ކުރުމަށް، ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ނިހާދުގެ ފަރާތުން، ފަނޑިޔާރުންގެ މަޖިލީހުގައި އެކަން އިސްތިއުނާފް ކުރުމުންނެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ނިހާދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ފޭދޫ ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް ކޯޓަށް ހުށަހެޅީ ގިނަ މައްސަލަތަކެއް ހުރެ، އެކަންކަން އިލެކްޝަން ކޮމިޝަނާއި އޭސީސީ އަށް ހުށަހަޅައި ޖަވާބެއް ނުލިބެނީސް ދާއިމީ ނަތީޖާ އިއުލާން ކުރުމުން ކަަމަށެވެ.

ނިހާދު ވިދާޅުވީ ސަރުކާރުން ސީދާ ގޮތުން ނާއި ނުސީދާކޮށް އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ މައްސަލަވެސް ކޯޓަށް ހުށަހެޅުއްވި ކަމަށެވެ.

ފޭދޫ ދާއިރާގެ ގޮޑި ކާމިޔާބް ކުރައްވާފައިވަނީ ޕީޕީއެމް ކެންޑިޑޭޓް އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީއަށް 1299 ވޯޓު ލިބިލެއްވި އިރު މުހައްމަދު ނިހާދަށް ލިބިފައިވަނީ 1202 ވޯޓެވެ. މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް 95 ވޯޓު ލިބިލެއްވިއިރު އަމިއްލަ ކެންޑިޑޭޓް އިމާދު ސޯލިހްއަށް ލިބިފައިވަނީ 290 ވޯޓެވެ.