Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ނޫރުގެ މައްޗަށް އިތުރު ދައުވާއެއް

ނޫރުﷲ ސައީދު.

މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކޮށް ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް އެސިސްޓަންޓް ޑިރެކްޓަރަކާއި އިތުރު ނުވަ މަގާމަކަށް މީހުން ހޯދިކަން ސާބިތުވާތީ ސަދަން ހެލްތު ސާވިސް (އެސްއެޗްއެސްސީ) ގެ ކުރީގެ މެނެޖިން ޑިރެކްޓަރު ނޫރުﷲ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އޭސީސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް އެސިސްޓަންޓް ޑިރެކްޓަރަކު ހޯދުމަށް އިއުލާން ނުކޮށް، އެމަގާމަށް ޏ. ފުވައްމުލަކު، ހަޒާރުމާގޭ، ސިޔާނާ ސައީދު އައްޔަނުކޮށްފައި ވަނީ ސަދަން ހެލްތު ސާވިސްގެ އެމްޑީ ސ. ފޭދޫ، ޗަނބޭލީގޭ، ނޫރުﷲ ސައީދު ކަމަށެވެ.

މި މަގާމަށް ސިޔާނާ ސައީދު ކުރިމަތިލިކަމުގެ ލިޔުމެއްވެސް ފެންނާން ނެތް ކަމަށާއި، މަގާމަށް ކުރިމަތިލުމަށް މެއިލް ފޮނުވާފައި ވަނީ ނޫރުﷲ ސައީދުގެ އަމިއްލަ މެއިލް އެކައުންޓަށް ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

އޭސީސީއން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް އެސިސްޓަންޓް ޑިރެކްޓަރަކު ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ސަދަން ހެލްތު ސާވިސްގެ ބޯޑަށް އެނގިގެން ނޫން ކަން ތަހުގީގުން ފާހަގަކުރެވޭ ކަމަށެެވެ.

އެސިސްޓަންޓް ޑިރެކްޓަރަކު ހޯދުމުގެ އެއްވެސް މަޝްވަރާއެއް ސަދަން ހެލްތު ސާވިސްގެ ބޯޑުން ކޮށްފައި ނުވަނީސް، މިމަގާމަށް ސިޔާނާ ސައީދު އައްޔަންކޮށްފައި ވަނީ ވެސް ނޫރުﷲ ސައީދު ކަމަށް ބަޔާނުގައި ބުނެ އެވެ.

އޭސީސީއިން ބުނީ ސިޔާނާ ސައީދު ފުވައްމުލަކު ހޮސްޕިޓަލުގެ އެސިސްޓަންޓް ޑިރެކްޓަރު ކަމާ ހަވާލުވުމަށް ފަހު އިތުރު ނުވަ މަގާމަކަށް އިންޓަވިއު މަރުހަލާއެއް ނެތި މުއައްޒަފުން ހޯދާފައިވާ ކަމަށެވެ. މިގޮތުން އިއުލާންކުރުމަށްފަހު އެޕްލައިކުރި މީހުންގެ ތެރޭގައި ތައުލީމީ ގޮތުން ގާބިލް މީހުން ތިއްބާވެސް އެއަށްވުރެ ދަށް ކޮލިފިކޭޝަންސް ހުރި ފަރާތްތައް އިންޓަވިއު ކުރުމެއް ނެތި މަގާމުތަކަށް ހޮވާފައިވާ ކަން އޭސީސީއިން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މީގެ ތެރެއިން ބައެއް މަގާމުތަކަށް އެޕްލައިކުރި ފަރާތްތައް އެމަގާމުތަކަށް ހޮވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ރެކޮމެންޑް ކޮށްފައި ވަނީ ކޮން އުސޫލަކުން ކަންވެސް ސާފުނުވާ ކަމަށް އޭސީސީއިން ބުނެ އެވެ. މީގެ އިތުރުން އެސިސްޓަންޓް ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރުގެ މަގާމަށް ކަނޑައަޅާފައިވާ މުއައްޒަފަކީ މިމަގާމަށް އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހެއް ކަމަށް އެނގިފައިވާ ކަަަމަށްވެސް ބަޔާނުގައި ބުނެ އެވެ.

މި ދެ މައްސަލާގައި އޭސީސީން ވަނީ ނޫރުﷲ ސައީދު އަދި ސިޔާނާ ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ދެ މީހުންގެ މައްޗަށް ވެސް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މީގެ އިތުރުން އޭސީސީން ވަނީ އެސްއެޗްއެސްސީގެ ކުރީގެ އެމްޑީ ނޫރުﷲ ސައީދު ފޭދޫ ސިއްހީ މަރުކަޒުގައި މެނޭޖަރުގެ މަގާމު ނޯންނަ އިރު އަދި 2012 ވަނަ އަހަރުގެ ބަޖެޓްގައި އެ މަގާމުގެ މުސާރަ ހިމަނާފައި ނުވާ އިރު އެސްއެޗްއެސްސީ ފޭދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ހުރި ފަރާތަށް ޕްރޮމޯޝަން ދީ މެނޭޖަރަކަށް ހަމައްޖެއްސި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.

އެމައްސަލާގައި އޭސީސީން ބުނީ އެ މުވައްޒަފަށް މެނޭޖަރުކަން ދީފައި ވަނީ ކޮން އުސޫލަކުންކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށާއި އޭނާ މެނޭޖަރަކަށް ހަމަޖައްސައި މަރުކަޒު ހިންގުން ހަވާލު ކުރުމާ ގުޅޭ ގޮތުން އެސްއެޗްއެސްސީ ބޯޑްގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.

އަދި ބުނީ އެ ނިންމުމަކީ ނޫރުﷲ ސައީދު އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެހެންވެ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާކޮށް ލެބޯޓަރީ ޓެކްނޮލިސްޓެއްގެ މުސާރައަށް ވުރެ އިތުރަށް 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް 10،639.18ރ. އެ މުވައްޒަފަށް ދީފައިވާތީ ނޫރުﷲ ގެ އަތުން އެ ފައިސާ ހޯދަން ނިންމީ ކަމަށެވެ.