Last Updated: March 29, 17:30
Friday, March 29, 2024
ވިޔަފާރި

ބީއެމްއެލް، އެސްޓީއޯ އަދި ޗަމްފާ އައްޑު އަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގުކޮށް އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ބަލާލުމަށް އެސްޓިއޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އިސްވެރިންގެ އިތުރުން ޗަމްޕާ ހުސެއިން އަފީފް އައްޑު އަށް އިއްޔެ ޒިޔާރަތްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ވަރު ބެލުމަށް ކުރެއްވި ދަތުރެކެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގު ކުރުމަށް ހިންގާ މަޝްރޫއަށް ބޭންކް އޮފް މޯލްޑިވްސް އިން 8 މިލިއަން ޑޮލަރުގެ ލޯނެއް އެއާޕޯޓް ކޮމްޕެނީން ވަނީ ނަގައިފަ އެވެ. އަދި އެ ލޯން އިތުރު ކުރުމަށް ހުށަހަޅާފައިވާކަ މަށް މައުލޫމާތު ލިބެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މިދަތުރުގައި ވަޑައިގެންފައި ވަނީ ދާދި ފަހުން ސީއީއޯއަކަށް އައްޔަން ކުރި އެންޑްރޫ ހީލީ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ރަންވޭ ދިގުކުރުމަށް ހިއްކަން ޖެހޭ ބިން ގަލްފް ކޮބްލާއިން ނިންމާފައިވާ އިރު ކޮނުނު ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާސްޓަޕްލޭނެއްގެ ދަށުން، ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަންވޭ ދިގު ކުރުމާއި އޯވަލޭ ކުރުމާއި އެއާ ގުޅުން ހުރި މަސައްކަތްތަކެވެ.

ދެވަނަ ފިޔަވަހީގައި ހިމެނެނީ ޓާމިނަލް އަދި ހެގަރުތަކުގެ މަސައްކަތްތަކާއި ފެސިލިޓީތައް ތައްޔާރު ކުރުމުގެ މަސައްކަތްތަކެވެ.

ގަމުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ސްޕީޑާއި މެދު ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ ގަމުގެ އެއާޕޯޓް މަސައްކަތަކީ އަވަސް އަރުވާލައިގެން ފަށާފައިވާ މަަސައްކަތެއް ކަމަށެވެ.