Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (60)

(އެޕްރީލް 15، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

މުޅި ދުނިޔޭގައި ވެސް ޑިސެމްބަރު 10 ވަނަ ދުވަހަކީ އިންސާނީ ހައްގުތަކުގެ ދުވަހެވެ. ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރެވޭ ދުވަހެކެވެ. ނަމަވެސް ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަމުން އަންނަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރެވެ.

އެހެން ކަމުން މަސްވެރިކަމަށް ދީފައިވާ އަހައްމިއްޔަތުކަން ވަނީ އިންސާނީ ހައްގުތަކަށް ވުރެ މާ ބޮޑު ދަރަޖައަކަށް އުފުލިގެން ގޮސްފަ އެވެ. އެ ދުވަސްވަރު މި ރާއްޖޭގެ ގިނަ މީހުން އިންސާނީ ހައްގުތައް ވާހަކައެއް ނުދައްކަ އެވެ.

އަޅުގަނޑަށް މި ދުވަސް މުހިއްމުވީ ޑިސެމްބަރު 10 އަކީ އަޅުގަނޑުގެ އުފަން ދުވަހަށް ވުމުންނެވެ.

ޑިސެމްބަރު 10، 2003 މި ފަހަރު މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއްވިއަސް ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދު ރާއްޖޭގައި އަލަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފައްދަވައި އެކަން އިއުލާން ކުރައްވާފަ އެވެ. އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށެވެ. މިއީ އިސްލާހީ ހެޔި ބަދަލުތަކުގެ ފުރަތަމަ ވާހަކަ އެވެ.

މާފުށީ ޖަލުގައި ބަޑި ޖަހައި، އެއްވެސް ރަހުމެއް ނެތް ގޮތުގައި މަރާލައި ޒަހަމްކޮށްލެވުނު މީސްތަކުންގެ ހަށިގަނޑުގެ އަގެއް ނެރް ޖިސްމުތަކުގެ ހަނދާންތައް، ތާ އަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމި ދިޔައީ އެވެ.

އެކަމާ އިހުތިޖާޖުކޮށް ނުރުހުން ފާޅު ކުރުމުން މަގުތަކަށް ނިކުތް މީހުން ގޮވަމުން ދިޔަ ޖަލުގެ އަނިޔާވެރިކަމުގެ ވާހަކައިން ދިވެހިން ފިއްކަނޑައިގެން ދިޔަ އެވެ. މިފަދަ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވީ ގައުމަަށް ސިޔާސީ ހެޔޮ ބަދަލުތައް ގެންނެވުމުގެ ނިޔަތުގައި ކަމަށް ވިދާޅުވިޔަސް ފާޑު ކިޔާ ފަރާތްތަކަށް އެއީ ގަބޫލް ކުރަން އެހާ ފަސޭހަ ވަގުތަކަށް ނުވި އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވަމުން ރައީސް މައުމޫން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ހުށަހަޅުއްވާފަ އެވެ.

ސަތާރަ އަހަރުން އެކުލަވާލެވުނު މަޝްހޫރު "ގާނޫނު އަސާސީ" އަލުން އިސްލާހު ކުރެއްވުމަށް ރިޔާސީ ބަޔާނުގައި ހުށަހެޅުއްވި އެވެ. އެ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށިތާ ހަތް އަހަރު ވެސް ނުވަނީހެވެ. ނަމަވެސް އެއީ ސިޔާސީ ހެޔޮ ބަދަލުތަކެއް ގެންނެވުމުގެ އަޑުތަކާއި ހުށަހެޅުންތައް އެތެރެ އާއި ބޭރުން އެ މަނިކުފާނުގެ ސިކުނޑިފުޅު ވަށާލުމުން ކަމުގައި ވިޔަސް އެޅުއްވި ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލް ކުރެވުނެވެ.

މި ހިސާބަށް އާދެވުނު އިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ވައްޓަފާޅި އަށް ގެންނަން ރައްޔިތުން އެދެމުންދާ ބަދަލުތަކާ އެކުގަ އެވެ. އެ މަނިކުފާނުގެ 2020 ތަސައްވުރު ހަގީގީ އިސްލާހީ އެޖެންޑާއަކަށް ހެދެން އޮތީ ވެސް ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށްވާތީ އެވެ.

ނަމަވެސް ވަރަށް ގިނަ ތުހުމަތުތައް ކުރަމުން ދިޔައީ އެއީ އަނެއްކާވެސް ރައްޔިތުން އެދޭ ޑިމޮކްރަސީ އަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ވަގުތު ބޭކާރުކޮށްލުމަށްޓަކައި ޖެއްސެވި ސިޔާސީ މަޅިއެއް ކަމަށެވެ. ތަސްދީގު ކުރެވުނު ގާނޫނު އަސާސީ އެކުލަވާލަން 17 އަހަރު ހޭދަކޮށްފައިވާތީ އެވެ.

ކޮންމެއަކަސް ގާނޫނު ހަދާ މަޖިލިސް އެކުލަވާލުމަށް ބޭއްވުނު ހާއްސަ މަޖިލީހުގެ އިންތިހާބް ވަރަށް ފުރިހަމަ އަޢުލަބިއްޔަތަކާ އެކު ކާމިޔާބް ކުރައްވައި އައްޑޫގެ ދެ ގޮނޑި އަށް ހޮވިވަޑައިގެންނެވި އިސްލާހަށް މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ. އެއީ ގާނޫނ މާހިރެއް ކަމަށްވާ އަލްއުސްތާޒު ހުސްނުއްސުއޫދު އާއި އިބްރާހީމް ތޯހިރެވެ. (ނުނިމޭ)

 

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.