Last Updated: April 25, 09:17
Thursday, April 25, 2024
ރިޕޯޓް

ކުނި ނައްތާލަން ބޮޑު މަޝްރޫއެއް

ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް

އައްޑޫގައި ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) މިއަދު ވިދާޅުވީ ހަ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގައި ކުނި ނައްތާލަން ބޮޑު މަޝްރޫއެއް ހިންގުމަށް ކައުންސިލުން ތައްޔާރު ވަމުން އަންނަ ކަަމަށެވެ.

އައްޑޫގެ ކުނި ކޮށި ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ސަދަން މޯލްޑިވްސް އާއި ދެމެދު ވެފައިވާ އެއްބަސްވުން އެޕްރީލް،10، 2014އަށް ހަމަ ވުމާއި ގުޅިގެން ކައުންުސިލުން ވަނީ އިއްލާން ކުރުމެއް ނެތި ސަދަން މޯލްޑިވްސްއަށް އިތުރު އެއް އަހަރަށް އެގްރިމެންޓް އާކޮށްދީފައެވެ.

ލިންކް ރޯޑާއި އިންވެގެން ރުއްޖެހެރަ ތެރޭގައި ގާއިމްކޮށްފައިވާ ކުނި ކޮށީގެ އެއްބަސްވުން ބިޑް ކުުރުމެއް ނެތި ދިނުމާއި ގުޅިގެން އެމައްސަަލަ ވަނީ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހުށަހަޅާފައެވެ.

ސޯބެ ވިދާޅުވީ އިއްލާން ކުރުމެއް ނެތި އެގްރިމެންޓް އާކޮށްދިނީ އައްޑޫގައި ކުނިކޮށި މެނޭޖް ކުރެވޭނެ އިތުރު ބަޔަކު ތިބިކަމަށް ފާހަނގަ ނުކުރެވޭތީއެވެ. އަދި މިފަހަރު އެގްރިމްންޓް އާކޮށްފައިވަނީ އިތުރު ޝަރުޠުތަކެއް ހިމަނައިގެން ކަމަށް ސޯބެ ވިދާޅުވިއެވެ.

އެގޮތުން ޕަބްލިކް ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ބަރާބަރަށް ހުސް ކުރަން ޖެހެއެވެ.

ސޯބެ ވިދާޅުވީ އެންވަޔަރްމަންޓް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ކުނި ނައްތާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ލިންކް ރޯޑާްއި އިންވެގެން އޮތް ކުނި ކޮށި މަރުކަޒީ އިންޖީނުގޭގެ ފުރަގަހަށް ބަދަލުކޮށް ޒަމާނީ މެޝިނަރީޒް އާއި އެކު ކުނި ނައްތާލާނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.