Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އެކްސިޑެންޓްވި ޒުވާނަކަށް ފަރުވާ ދެނީ

މިރޭ އިރާކޮޅު ހަންކެޑާއި މަރަދޫ ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އެ ބަގެންދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫން މަރަދު އަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ޕޭވްމަންޓްގައި ޖެހި ހިނގި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނީ ހިތަދޫ، ކަށިސުތިލިގެ، މުހައްމަދު އިމާދު (34އ)އެވެ.

މިހާދިސާގައި އިމާދު ވިއްސައިގެން ގޮސް ޖެހި ބޯފަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާއަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އިމާދުގެ ބޯފަޅައިގެން ދިޔުން ފިޔަވައި ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އައްޑޫގައި މި ދުވަސްކޮޅު އެކްސިޑެންޓްތައް ގިނަ ވެފައިވާއިރު ޓްރެފިކް އޮޕަރޭޝަންތައް ވެސް ފުލުހުން އަންނަނީ ހިންގަމުންނެވެ.