Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (61)

(އެޕްރީލް 16، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

2020ގެ ތަސައްވުރާއި އިސްލާހީ އެޖެންޑާ

 

ދެހާސް ހަތަރު ވަނަ އަހަރުގެ މެދުތެރެއަށް އައި އިރު، ރައީސް މައުމޫނުގެ އައި ދައުރުގެ ވަޒީރުންގެ މަޖިލީހަށް ބާރު ބޮޑުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އެތެރެއިންނާއި ބޭރުން އެކިއެކި ސިޔާސީ ފިއްތުންތައް ކުރިމަތިވުމާ އެކުގަ އެވެ.

ރަޖިސްޓްރީކޮށް ނުދެއްވިއަސް ބޭރު ގައުމުތަކުގައި ވަނީ މި ހިސާބަށް އާދެވުނު އިރު އެމްޑީޕީން ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. ހަރަކާތްތައް ހިންގަމުންދާ އެމްޑީޕީން ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ޔޫރަޕް އިއްތިހާދާއި ހާއްސަކޮށް އިނގިރޭސީން ސަރުކާރާއި ކޮމަންވެލްތަށް ރައީސް މައުމޫންގެ ސަރުކާރުގެ ދޯދިޔާ ސިޔާސަތު ބަޔާންކޮށް ދިނުމުގަ އެވެ.

ސަރުކާރަށް ފާޑު ކިއުމުގައި ދެމިއޮތް "ދިވެހި އޮބްޒާވާ" ގެ އުނދަގޫ ބޮޑުވެގެން މި ސައިޓަށް ރައްދި ދިނުމަށް އުފެއްދި "ދި މޯލްޑިވިއަން" ވެބްސައިޓުން ފިލައި ތިބެގެން ނަމަވެސް ހަމަލާ ބަދަލު ކުރަމުން ދިޔަ އެވެ.

ނަމަވެސް "މިނިވަން ރޭޑިއޯ" ގެ ނަމުގައި އިނގިރޭސިވިލާތުގެ ސޯލްސްބަރީގެ ޖައްވުން ދިވެހި ބަހުން ރޭޑިއޯ ޕްރޮގްރާމެއް ފޮނުވަން ފެށި އެވެ. މިކަން ވެގެން ދިޔައީ ސަރުކާރަށް އިންތިހާއަށް އުނދަގޫ މައްސަލައަކަށެވެ.

މި ހުރިހާ ދިމާކުރުންތަކާ ކުރިމަތިވެ ވަޑައިގަތުމުން ސަރުކާރަށް ދުއްތުރާތަކުން މިންޖުވާނެ ގޮތެއް ހޯއްދެވުމަށް މަޖުބޫރުވި އެވެ. ބައިނަލްއަގްވާމީ ޕަބްލިކް ރިލެޝަންސް ކުންފުންޏެއްގެ އެހީ ހޯއްދަވަން މަޖުބޫރުވެ ވަޑައިގަތީ އެހެންވެގެންނެވެ.

މިކަމަށް ސަރުކާރުގެ ބަޖެޓުން ނުހަނު ބޮޑު ހަރަދެއް ކުރައްވައިގެން މަޝްހޫރު ކުންފުޏެއް ކަމަށްވާ ހިލް އެންޑް ނޯޓަންގެ އެހީތެރިކަން ހޯއްދަވަން ވެސް ފެއްޓެވި އެވެ.

ޖޫން 9، 2004 ގައި ރައީސް މައުމޫން ވަނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރައްވައިފި ކަމަށް އިއުލާން ކުރައްވާފަ އެވެ. ޑިމޮކްރަސީ އަށް މަގުފަހިކޮށް ދެއްވުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ކަމަށެވެ. ރައްޔިތުން މި އެދޭ އިސްލާހީ ބަދަލާއި ދިމާއަށް ދީލާލެއްވުމުންނެވެ.

އެއްތިރީސް ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ އިސްލާހީ އެޖެންޑާއަކާ އެކުގަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި ވަނީ ދައުލަތުގެ ބާރުތައް މިނިވަން ކުރެއްވުމަށެވެ. ބޮޑު ވަޒީރަކު އައްޔަން ކުރެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާ ކުރެއްވުމަށެވެ. ސިޔާސީ ޕާޓީ ހުއްދަ ކުރެއްވުމަށެވެ.

ރައީސުލްޖުމްހުރިއްޔާ ހޮއްވުމުގައި ރައްޔިތުންނަށް ލިބިދޭ އިހުތިޔާރު ފުޅާ ކުރެއްވުމަށެވެ. އަދި މިނިވަންކަމާ އެކު ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ހުޅުއްވާލުމަށެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.