Last Updated: March 29, 14:00
Friday, March 29, 2024
ސިޔާސީ

ނިހާދު ހުށަހެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފި

ރައްޔިތުން މަޖިލިސް އިންތިހާބުގެ ފޭދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް އެދައިރާއިން ނާކާމިޔާބްވި މުހައްމަދު ނިހާދު ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ނިހާދުގެ ވަކީލް އާދަމް ޝަމީމް ވަނީ މައްސަލަ ބާތިލް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ކޯޓަށް ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް ކޯޓަށް ހާޒިރުކޮށް ދިނުމަށް ވަކީލް އެދިވަޑައިގަތެވެ.

ޝަމީމް ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ނިހާދަށް ލިބިފައިވަނިކޮށް އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ލަސްވުމުގެ ސަބަބުން ނިހާދަށް އެކަށީގެންވާ ވަގުތު ކެމްޕެއިން ކުރުމަށް ލިބިފައި ނުވާ ކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝަމީމް ވިދާޅުވީ އިންތިހާބް ކާމިޔާބް ކުރެއްވި އިބްރާހިމް ދީދީ ކެމްޕެއިން ކުރުމުގައި މަނާކަން ކަން ކަން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ކެމްޕެއިން ކުރުމާއި ސިހްރު ހެދުމުގެ އިތުރުން ލައުޑް ސްޕީކަރު ބޭނުންކޮށްގެން އިސްލާމް ދީނާއި ހިލާފް އެއްޗެހި ޖަހާފައިވާކަމަށެވެ.

އަދި އިންތިހާބްތެރޭ ހިނގާފައިވާ ކަންކަން ކަމުގެ ތެރެއިން 7 މައްސަލައެއް އިލެކްޝަނަށް ހުށަހެޅިއިރު 37 މައްސަލައެއް އޭސީސީ އަށް ހުށަހެލި ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

މައްސަލައަށް ޖަވާބު ދާރީވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ހުސެއިން ސިރާޖު ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީއާ ގުޅިގެން ހުށަހެޅި މައްސަލަ ރައްދުވާ ފަރާތަކީ އެމްޑީޕީކަމަށްވާއިރު އެއީ ނިހާދަށް ކެމްޕެއިންކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް ނިހާދުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ހެކިން ހުށަހެޅުމެއް ނެތި ކަމަށާއި އެ މައްސަލަތައް ނުބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިން ބިއުރޯއިން ނިމްމާފައިވާ ކަމަށް ޗިރާޖު ވިދާޅުވިއެވެ. އަދި ސިހްރުހަދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ބޭނުން ކުރިކަމަށް ނިހާދުގެ ފަރާތުން ބުނެފައިވާއިރު އެކަން އެއީ ސިހުރުކަމާއި އޭގެ ސަބަބުން ވޯޓަށް ބަދަލުއައިކަން ޝަރީއަތަށް ސާބިތު ކޮށްދޭންވެސް ޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ ތެރެއަށް ތަދައްހުލް ވެފައިވި، އިބްރާހިމް ދީދީގެ ވަކީލުން ވިދާޅުވީ ނިހާދުކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.