Last Updated: April 24, 06:02
Wednesday, April 24, 2024
ސިޔާސީ

"މޯޑު ހުޅެއް ނުޖަހާ، އަލިފާން ނިއްވަން އެހީވި"

ފެބްރުއަރީ 8، 2012 ވަނަ ދުވަހުގެ ރޭ އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި، ކޯޓު އަންދާލި ހާދިސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ބައިވެރި ނުވާ ކަމަށާއި، ނަމަވެސް އަލިފާން ނިއްވުމުގައި އެހީތެރިވެފައިވާ ކަމަށް މޯޑްގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.

މޯޑުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ދައުވާއަށް އިންކާރު ކުރައްވައި މޯޑްގެ ވަކީލް ވިދާޅުވީ މޯޑު އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާ ކަމަށެވެ.

ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ނިކުމެ އައްޑޫގެ ތަން ތަން ހުޅުޖެހި އިރު މޯޑް މަސައްކަތް ކުރީ ފުލުހުންނާއި މަޝްވަރަކޮށްގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އަދި އެރޭ މޯޑް ސައިކަލްގައި ދަނިކޮށް ހިތަދޫ އޮޑިޓް އޮފިހުގައި ބަޔަކު އަލިފާން ރޯކޮށްފައިވަނިކޮށް އަލިފާން ނިއްވުމުގައި މޯޑް އަމަލީ ގޮތުން ބައިވެރިވިކަމަށެވެ.

ދައުލަތުން މޯޑްގެ މައްޗަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން މިއަދުގެ ޝަރީއަތުގައި 8 މީހަކު ވަނީ މޯޑް އާއި އެއްކޮޅަށް ހެކިބަސްދީފައެވެ.

ދައުލަތުން ވަނީ މޯޑު އާއި ދެކޮޅަށް 31 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މިއަދުގެ ޝަރީއަށް ނިންމަވަމުން ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީއަތެއްގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާނެކަމަށެވެ.

މޯޑުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާފައިވާ ކަމަށް ބުނެއެވެ.

އަދި ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މޯޑް ވަނީ އެމްޑީޕީ ވަކިވެ ޕީޕީއެމްއަށް ސޮއި ކުރުމަށްފަހު މަޖިލިސް އިންތިހާބްގެ ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ނަކާމިޔާބްވެފައެވެ.