Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (62)

(އެޕްރީލް 17، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މިނިވަން ބަހުސް

މި އިސްލާހީ އެޖެންޑާގެ ސަބަބުން ލިބުނު ހިތްވަރުގައި ފުރުސަތުގެ ބޭނުން ހިފަން ނިކުތް މީހުން އިސާހިތަކު "މިނިވަން ބަހުސް" ގެ ނަމުގައި މާލެތެރޭގައި އެއްވުންތައް ބާއްވަން ފަށައިފި އެވެ. މި އެއްވުންތަކަށް އާންމުންގެ ތަރުހީބު ލިބެމުން ދިޔައީ ރައީސް މައުމޫނުގެ ސަރުކާރަށް ސިހުން ލިބިގެންދާ ފަދަ ދަރަޖައަކަށެވެ.

އެއްވުންތައް ބޭއްވި ހޯލްތައް ފުރި ބާރުވެގެން މަގުތަކަށް މީހުން ޖަމާވާ ހިސާބަށް ދިޔަ އެވެ. ވަރަށް އަވަހަށެވެ. މި އެެއްވުންތަކުގައި ތަގުރީރު ކުރައްވާ ބޭބޭފުޅުން ހައްދެއް ނެތްހާ ބޮޑު މިނިވަންކަމަކާ އެކު ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ.
އޭގެ ސަބަބުން މިކަން ބަލައި ގަންނާކަށް އެހާ ފަސޭހައެއް ނުވި އެވެ. އެހެންކަމުން ސަރުކާރަށް މަޖުބޫރުވެވަޑައިގަތީ މި އެއްވުންތަކަށް ސަރުކާރުގެ އިމާރާތްތައް ދޫކުރެއްވުން ހުއްޓާލައްވާށެވެ.

ދެންވީ އަދި މާ ދެރަ ގޮތެކެވެ. ދެން ފެނުނީ ބޮނޑިބަތާ އެކު ލޮނު ޒިޔާރަތްކޮޅަށް އެތައް ސަތޭކަ ބަޔަކު ޖަމާވަމުން ދިޔަ ތަނެވެ. ހަމަ ކޮންމެ ރެއަކު އެވެ. މި އެއްވުންތަކަށް ނިކުތް އާންމުންނާއި ފުލުހުން ކުރިމަތިލާން ފެށި ހިސާބަކީ އެއީ އެވެ. ފުލުހުން ހަމަ ކޮންމެ ރެއަކުހެން މި އެއްވުންތަކަށް ނިކުތް އެތައް ބަޔަކު ހައްޔަރު ކުރަން ފެށި އެވެ. އެ މީހުންނާ އެކު ކެއްކި ބޮނޑިބަތް ތެލިތައް ވެސް ގެންދަވަ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރެއްވުމަށް އިންތިހާބް ކުރެވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާ ފެށިގެން ދަނިކޮށެވެ. މިނިވަން ބަހުސްގެ ފޯރި ނަގަމުން ދަނިކޮށެވެ. އެ ފޯރީގައި ހައްޔަރު ކުރި އެތައް ބަޔަކު ޖަލު ބަންދުގައި ތިއްބަ އެވެ. ވުމާ އެކު މި ޖަލްސާވެގެން ދިޔައީ އިސްލާހަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ވަރަށް ހާއްސަ ޖަލްސާއަކަށެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އަަލްއުސްތާޒް އަބްދުﷲ ހަމީދެވެ. އެ ބޭފުޅާ މި ހާއްސަ މަޖިލީހުގެ ރައީސަކު ހޮވުމަށް ވޯޓްލުން ބޭއްވުމަށް ނިންމެވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރެއްވުމަށް 23 މެމްބަރަކު މަޖިލިސް ކުރާ ގެއިން ނިކުމެ ވަޑައިގަތެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން މިކަމާ މެދު ޝަކުވާ ދެންނެވި އެވެ. (ނުނިމޭ)