Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ޗެލެންޖް ކަޕް ކައުންޓްޑައުން ހަމައެކަނި މާލޭގައި!

މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ކައުންޓް ޑައުން މިއަދު ހަވީރު ރަސްމީކޮށް މާލޭގައި ފަށާފައިވާ އިރު ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫގައި އަދި ކައުންޓް ޑައުންގެ އެއް ވެސް ހަރަކާތެއް ނެތެވެ.

މުބާރާތް ރާއްޖޭގެ ދެ ދަނޑެއްގައި ބާއްވާއިރު އައްޑޫގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ މެޗްތަކެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ގަލޮޅު ސްޓޭޑިއަމްގައެވެ.

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްއިން މުބާރާތުގެ ކަންކަން މާލޭގައި ކުރިއަށް ގެންދާއިރު މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް އައްޑޫގެ އެއްވެސް ބަޔަކަށް ނޭގެއެވެ. އެހެންވެ މުބާރާތުގެ ފޯރިއެއް އައްޑޫގައި ނެތެވެ.

އައްޑޫ ސިޓީ ކައުންސިލުން މުބާރާތުގެ ކަންކަން އިންތިޒާމް ކުރުމަށް ސްޓިއަރިން ކޮމެޓީއެއް ނަގާފައިވާއިރު ކައުންސިލުގެ ވިސްނުން ހުރީ މުބާރާތަށް އަންނަ ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިއުމާއި އައްޑޫ ރީތި ސާފުތަނަކަށް ހެދުމަށެވެ.

މާލޭގައި ހާއްސަ ވެހިކަލް ބުރެއް ބާއްވާއިރު މުބަރާތުގެ އެއްބައި ކުޅުމަށް ހަމަޖެހިފައިވާ އައްޑޫގައި ހަރަކާތެއް ނެތުމުން މުބާރާތުގެ ކަންކަން އެއްފަރާތަކަށް ޖެހިފައިވާ މިންވަރު ސާފުކޮށް ފެނެއެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރަމުން އަންނަ އިރު ޔޫތު މިނިސްޓްރީއަށް މަސައްކަތް ކުރިއަށްދާ ގޮތް ރަނގަޅަށް މޮނިޓާރ ކުރެވިފައި ނުވާ ކަން ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސުން އެކަނިވެސް ފެނެއެވެ.

ގްރޫޕް ބީގެ ޓީމް ތައް ހެރެތެރޭގައި ތިބުމަށް ނިންމާފައިވާ އިރު ޓީމް ތައް ޕްރެކްޓިސް ކުރާނެ ދަނޑެއް ތައްޔާރު ކުރުމަށްވެސް މިނިސްޓްރީއަކަށް މަސައްކަތެއް ނުކުރެވެއެވެ. މީދޫ ދަނޑު ޒުވާނުން ތައްޔާތުކޮށް ނިމުނު ފަހުން މިނިސްޓަރ ޝުކުރު ދެންނެވުމަށް ފަހު ދަނޑުގައި ޕްރެކްޓިސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު މުބާރާތެއްގެ އެއްބައި މެޗްތައް އައްޑޫގައި ބާއްވާއިރު އައްޑޫގައި މުބާރާތުގެ ފޯރި ގަދަ ކުރުމަށް މިނިސްޓްރީއަކަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

މާލޭގައި ވެހިކަލް ބުރާއި، މިއުޒިކް ޝޯވް އާއި މުބާރާތާއި ގުޅޭ ފްލެއާ ތައް ބަހަން ފެށިއިރު މިކަން އައްޑޫގައި ފަށާނެ ތާރީހެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.