Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާ ފިލައިފި

މަރަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދަނީ.---ފޮޓޯ: ކިޔުންތެރިއެއް

މަރަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެރަށު، ކާރުނޭޝަންގޭ، ހުސެއިން ނަސީރު، (65އ) އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވި މީހާ ފިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލް ދުއްވި ޒުވާނާ ފިލައިގެން ގޮސްފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އަލީ ފާއިގް/އައްޑޫލައިވް
މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ:/އައްޑޫލައިވް

މަރަދޫ ބޮޑުމަގުގައި ހުންނަ "ރޫޓް" ފިހާރައާ އިން ވެގެން ހުރި، ނަސީރުގެ ގެއަށް ސައިކަލުގައި ވަންނަން ހުރަސް ކުރަން އުޅެނިކޮށް، ފޭދޫ ކޮޅުން މަރަދޫގެ އުތުރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހި ހިނގި އެކްސިޑެންޓްގައި ނަސީރުގެ ބޯފަޅައިގެން ގޮސް އޭނާގެ ފައި ތަބި ކަށިން ވަނީ ބިނދިފައެވެ. ނަސީރުއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އަލީ ފާއިގް/އައްޑޫލައިވް
މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: އައްޑޫލައިވް

މަންޒަރު ދުށް މީހަކު ބުނީ ނަސީރުގެ ސައިކަލުގައި ޖެހުނު ސައިކަލު ދުއްވަން އިން ޒުވާނާ އަށް ވެސް ކުދިކުދި އަނިޔާވި ނަމަވެސް ސީރިއަސް ގެއްލުމެއް ނުވާ ކަމަށެވެ. އަދި މީހުންގަނޑުގެ ތެރެއިން އޭނާ ހެދި ނެހެދިއެެއް ނޭގުނު ކަމަށެވެ. އަދި އެ ޒުވާނާ ސައިކަލް ދުއްވީ ފުދޭ ވަރަކަށް ބާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.