Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

އައްްޑޫ "ގަން" ހިންގުން (64)

(އެޕްރީލް 19، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސުނާމީ

ދެހާސް ހަތަރު ވަނަ އަހަރުގެ އެންމެ ފަހު ދުވަސްތައް ގުނެމުން ދަނީ އެވެ. ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގައި ޗުއްޓީ ހޭދަ ކުރަން އައިސް ތިބި ފަތުރުވެރިން އުފާވެރި ކްރިސްމަސް ދުވަހަކަށް ފަހު ނިދައި ހޭލީ އެވެ. ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

މާސިންގާ ކަނޑުން ނެގި ދެތިން ބޮޑު ރާޅެއް އަރައި ރާއްޖޭގެ މީހުން ދިރިއުޅޭ އެތައް ރަށެއް ދޮވެލި އެވެ. ފަންސާސް އަށް ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ހަ ރަށެއް މުޅިން ހަލާކުވެ ނުހިންގޭ ވަރުވުމުން ބައެއް ރިސޯޓްތައް ބަންދު ކުރަން ޖެހުނެވެ. އަށްޑިހަ ދެ މީހެއްގެ ފުރާނަ ނެތި ދިޔަ އެވެ. ސައްބީސް މީހަކު ގެއްލުނެވެ.

މި ހުރިހާ ކަމެއް ހިނގައި ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ރާޅު އަރައި ފެން ބޮޑުކޮށްލި ރަށްތައް ވަނީ ފެނު އަޑީގަ އެވެ. އެ ރަށްރަށުގައި ކަރަންޓެއް ނެތެވެ. މުއާސަލާތީ އެއްވެސް ވަސީލަތެއް ނެތެވެ. އެއްވެސް ބޭނުމެއް ހިފޭނެ ފެނެއް ނެތެވެ. ސިއްހީ ފަރުވާގެ އެއްވެސް މިންވަރެއް ފޯރުކޮށް ދެވޭކަށް ނެތެވެ. މިފަދަ ހާލަތެއްގައި ހަބަރެެއް ދަބަރެއް ނުވާ ކިތަންމެ ރަށެކެވެ.

ބައެއް ރަށްރަށުގައި މިފަދައިން ގޮތް ހުސްވެފައި އަދި ވީނުވީއެއްވެސް ނޭނގި އެތަކެއް ގަޑި އިރު ތިބެން ޖެހުނެވެ.
މި ބޮޑު ކާރިސާއަކީ ސުނާމީއެއްކަން އެނގުނީ މާ ފަހުންނެވެ. ނަސީބަކުން އައްޑު އަށް ސުނާމީގެ މާ ބޮޑު އަސަރެއް ނުކުރެ އެވެ. ސުނާމީގެ ބޮޑު ރާޅާ އެކު ޖަލުގައި ހައްޔަރު ކުރެވިފައިވާ "އޮގަސްޓް 12-13" ގެ ގައިދީން ދޫކޮށްލެއްވި އެވެ. އަދި މައްސަލަ އަނބުރާ ގެންދެވި އެވެ.

އެ ދުވަހުގެ ހާދިސާތަކަކީ ބަޢާވާތެއް ކަމަށާއި އެ ކަމުގައި ބައިވެރިވުމުގެ ކުށުގައި ޖަލުގައި ބަންދު ކުރެއްވި ސިޔާސީ ކުށްވެރިން ޖަލުގައި ބައިތިއްބައިގެން ޝަރީއަތްކޮށް ގާނޫނުގައި ދެވޭނެ އެންމެ މަތީ ދެއްވުމަށް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށުގެ ރައްޔިތުންނަށް އަވަސް ފަރުވާ އާއި އެހީތެރިކަން ދެއްވާނެ ގޮތެއް ހޯއްދެވުމުގެ ފިކުރުގައި އެންމެ ކަންބޮޑުވީ ވަގުތު ވެސް އައްޑޫގެ ބައެއް ރަށުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ބައެއް ބޭފުޅުން އުޅުއްވީ ވަރަށް އަވަދިނެތި ކެމްޕޭން މަސައްކަތުގަ އެވެ. ގޭގެ އަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރައްވަމުން ދިޔަ އެވެ.
އެ ބޭފުޅުންނަކަށް ސުނާމީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ހަބަރެއް ލިބިވަޑައިގެންނެވިހެނެއް ހީއެއްް ނުވެ އެވެ. އެންމެ ފަހުން މިކަމާ ހިތްހަމަނުޖެހިގެން މިކަން ހުއްޓުވީ އާންމުންގެ ބަޔަކު އިލެކްޝަން ކޮމިޝަނަށް ޝަކުވާކޮށްގެންނެވެ.

އޮކްޓޯބަރު މަހު ބޭއްވުމަށް އިއުލާން ކުރައްވާފައިވާ މި އިންތިހާބު ވެސް ފަސްކޮށްލެއްވީ އެވެ. ރާއްޖޭގެ އެތައް ހާސް ރައްޔިތުން ސުނާމީގައި ހާލުގައި ޖެހުމުގެ ސަބަބުންނެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.