Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (65)

(އެޕްރީލް 20، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

16 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރައީސް މައުމޫނާ ދެކޮޅަށް

ރާއްޖޭގެ ހާލަތު މިފަދައިން އޮތްވައި 2005 ވަނަ އަހަރު ފެށުމާ އެކު ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް، ގަމުގައި ހިންގި ހުރިހާ ފެކްޓްރީތައް ބަންދުވެ، އެންމެ ފަހަށް ގަމުގައި ތިބި ލީނިއާ ކްލޯތިން ފެކްޓްރީގައި މަސައްކަތް ކުރި ބޭރު މީހުން ވެސް ފުރައިފި އެވެ.

މިއީ އައްޑު އަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް ބޭއްވުނީ އައްޑޫ މީހުން ބޮޑު ހިތްހަމަނުޖެހުމެއްގެ ތެރޭގައި ވަނިކޮށެވެ.
އައްޑޫ މީހުން ވަރަށް ކަންބޮޑުވެފައި ވަނިކޮށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދެ ގޮނޑި އަށް ކުރިމަތިލެއްވި އިސްލާހަށް މަސައްކަތް ކުރައްވާ މުހައްމަދު އަސްލަމާއި އިބްރާހީމް ޝަރީފް އެ ދެ ގޮނޑި ކާމިޔާބް ކުރެއްވުމެވެ.

ކެމްޕޭންގެ ދުވަސްވަރު އައްޑޫގެ ހުރިހާ ރަށަކުން ރައްޔިތުން ނިކުމެ، އިސްލާހަށް ގޮވަމުން ދިޔަ ފަރާތްތަކުގެ ކެންޑިޑޭޓުންނަށް ދިން ތަރުހީބަކީ ދުވަހަކު ވެސް ރާއްޖޭގެ އަތޮޅަކުން ފެނިފައި ނުވާ ފަދަ ބޮޑު ތަރުހީބެކެވެ.
އެތައް ސަތޭކަ އެއްގަމު އުޅަނދާާ އެކު އެތައް ހާސް ބަޔަކު ނިކުމެ، މަގުތައް ފުރާލައިގެން ބޭއްވި ބޮޑެތި ރެލީތަކާއި ޝޯތައް މުޅި އަތޮޅަށް ގައުމީ އީދެއް ގެނުވި އެވެ. ހަމަ މި ހަރަކާތްތަކާ އެކު އައްޑޫ މީހުން މާލޭގެ ބޮޑެތި މަގުތަކުގައި ވެސް ކެމްޕޭން އީދެއް ފާހަގަ ކުރި އެވެ.

މި އިންތިހާބަށް ކުރިމަތިލެއްވި ސަރުކާރުގެ ވަޒީރުންނާއި މަތީ ދަރަޖައިގެ އެތައް ވެރިންގެ ގޮނޑިކޮޅު ގެއްލުނެވެ. އިސްލާހަށް މަސައްކަތް ކުރައްވާ އެތައް ބޭފުޅުންނަކަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ލިބިވަޑައިގަތެވެ. މި އިންތިހާބު ވެގެން ދިޔައީ އެތައް ގޮތަކުން ތާރީހީ އިންތިހާބަކަށެވެ.
ރަށްފުށުގެ ރައްޔިތުން އަމިއްލަ އިހުތިޔާރާއި ބާރު ލިބިގަތް ވޯޓަކަށެވެ. އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރާ އެކު އިންތިހާބުގެ ކަންތައްތައް ބެލެހެއްޓެވުމާ ހަވާލުވެގެން ތިއްބެވި ކަތީބުންނަށް ވޯޓް ފޮށި މަތިން އަތް ނަގަން މަޖުބޫރު ކުރުވި އިންތިހާބަކަށެވެ.

އައްޑޫގެ ބައެއް ވޯޓްލާ ދާއިރާތަކުގެ މަސްލަހަތު ބެލެހެއްޓުމަށް ފުލުހުންގެ ސްޓާފޯސް ގެންނަން ޖެހުނެވެ. ނަމަވެސް ވޯޓްގެ ނަތީޖާ ދެއްކީ ފުރަތަމަ ފަހަރަށް ފާޅުގައި އައްޑޫ މީހުން ރައީސް މައުމޫނުގެ ސަރުކާރަށް ނޫނެކޭ ބުނެ ޖަވާބު އެރުވުމުންނެވެ. (ނުނިމޭ)