Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ޕްރާގުގެ ގަން ޗާޓަރު ދަތުރުތައް މެދުކަނޑާލައިފި

ޗެކް ރިޕަބްލިކްގެ ޕްރާގުން ގަމަށް ކުރި ފުރަތަމަ ޗާޓަރު ފްލަިއޓަށް މަރުހަބާ ކިޔަނީ. މި ދަތުރުތައް މިހާރު ވަނީ މެދު ކެޑިފައި. ފޮޓޯ: އައްޑޫލައިވް

ޗެކްރިޕަބްލިކުގެ ޕްރާގުން ގަމަށް ކުރި ޗާޓަރު ފްލައިޓްތައް މެދުކަނޑާލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރަމުން އައި ދަތުރުތައް ނިންމާލުމަށް އެންމެ ފަހު ފްލައިޓް ބާއްވާފައި ވަނީ އިއްޔެ އެވެ.

ޗެކް ރިޕަބްލިކްގެ އެގްޒިމް ޓުއާޒް އޮޕަރޭޓާސް އިން ބުނީ މީގެ އިތުރު ފްލައިޓްތަކެއް މިއަހަރު ނޮވެމްބަރު މަހު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގަމުގެ އީކްއޭޓަރ ވިލެޖުން ބުނީ ޗަޓަރު ފްލަިއޓްގެ ސަބަބުން ގިނަ ބަޔަކަށް އީކްއޭޓަރ ވިލެޖްގައި މިފަހަރު ޗުއްޓީ ހޭދަކުރެވުނު ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު އައްޑޫއަށް ޝައުގުވެރިވެ ދެވަނަ ފަހަރު އައުމަށް ގަސްތުކުރާކަމަށް ބުނެފައިވާކަމަށެވެ.

ޗާޓަރު ފްލައިޓްގެ ކުރޫންގެ ކަންކަން ބެލެހެއްޓި މީދޫ ޗާމިން ހޮލިޑޭއިން ބުނީ ޗާޓަރު ފްލައިޓް ބޭއްވުމުގެ ސަބަބުން އެ ގެސްޓް ހައުސްއަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ފްލައިޓް މެދު ކަޑާލުމާއި އެކު އެތަނުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށެވެ.

ޗެކް ރިޕަބްލިކްގެ ޕްރާގާއި ގަމާއި ދެމެދު 14 ފްލައިޓެއް ވަނީ ބާއްވާފައެވެ. އަދި މިފަދަ އިތުރު ޗާޓަރު ފްލައިޓެއް މިއަހަރު މާޗް މަހު ބޭއްވުމަށް ސްޕްލެންޑިޑް އޭޝިއާ އިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަދި އެކަން ކާމިޔާބް ވެފައި ނުވެއެވެ.