Last Updated: April 24, 22:58
Wednesday, April 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (66)

(އެޕްރީލް 21، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ބައިނަލްއަގްވާމީ ޕްރެޝަރު

ސަރުކާރުން ވަނީ 12-13 ގެ އެއްވުމަކީ ބަޢާވާތެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. އެ ބަޢާވަތުގެ ބައިވެރިންގެ ގޮތުގައި ހައްޔަރު ކުރެެވުނު އެތައް ބަޔަކު ޖަލަށް ލެވިފައިވެ އެވެ. މި އެންމެން ޖަލު ބަންދުގައި ބައި ތިއްބައިގެން އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެއްވުމަށް ނިންމަވާފައިވެ އެވެ.

ނަމަވެސް ސުނާމީން މި ކުރި އަސަރުތަކާއި ބައިނަލްއަގްވާމީ ޕްރެޝަރާ އެކު ސަރުކާރުން 12-13ގެ ބައިވެރިންގެ މައްޗަށް އުފުއްލާފައިވާ ދައުވާތައް އަނބުރާ ގެންދެވި އެވެ.
އެ ހިނދަށް އެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ވެސް ނިންމެވި އެވެ.މިހާ ސަހަލު ގޮތަކަށް ސަރުކާރުން މި މައްސަލަ ދޫކޮށްލައްވަން ޖެހިވަޑައިގަތަސް ކޮޅުބުގައި ގާއިމުވެ ތިބި އެމްޑީޕީން ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު އޮތް ގޮތް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ ސިޔާސީ ކުށްވެރިންނާ މެދު އަމަލު ކުރެވެމުންދާ އިހާނެތި ގޮތުން ޔޫރަޕިން ޔުނިއަން (އީޔޫ) ގެ ޕާލަމަންޓަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންދުކޮށްފައިވާ ގައިދީންނާ މެދު އަމަލު ކުރައްވަމުން ގެންދަވާ ގޮތް ކުށްވެރިކޮށްފައިވެ އެވެ.
މިކަންތައްތައް އިސްލާހު ނުވެ ތަކުރާރު ވަމުން ދިއުމުގެ ސަބަބުން ރާއްޖެ އަށް ބައެއް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގަރާރެއް ފާސްކޮށްފައިވެ އެވެ.

ދެހާސް ފަސް ވަނަ އަހަރު ފެށުނީ ބައިނަލްއަގްވާމީ ދުނިޔެއިން މިފަދަ ގޮތަކަށް ރައީސް މައުމޫނުގެ ސަރުކާރާ މެދު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

މިފަދަ ވަގުތަކާ ދިމާކޮށް 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކުރީގެ މެމްބަރުންގެ ގޮނޑިކޮޅުތައް ގެއްލި ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގަތެވެ. މިކަންވީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުން ކަހަލަ ކަމަކަށެވެ.

އަދި ހަމަ އެހެންމެ މި ދުވަސްވަރަކީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑަލިން އޮލްބްރައިޓްގެ ބެއްލެވުމުގެ ދަށުން ހިންގަވާ ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓުން ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމް ތައާރަފް ކުރުމާ ބެހޭ ގޮތުން ދިރާސާއެއް ކުރައްވަމުން ގެންދެވި ދުވަސްވަރެވެ. އަދި ކޮމަންވެލްތުން ވެސް ރާއްޖޭގެ އިންތިހާބީ ގާނޫނުތައް ދިރާސާކޮށް ރިޕޯޓެއް އެކުލަވާލެއްވި ދުވަސްވަރެވެ.

މި އަހަރުގެ މާޗް މަހުގެ 28 ވަނަ އީޔޫ އިން ވެސް ރާއްޖެ އާ ބެހޭ ގޮތުން ވަރަށް ހާއްސަ ބަޔާނެއް ނެރުއްވި އެވެ. މިއީ ދާދި މިދާކަށް ދުވަހު ރާއްޖެ އަށް ޒިޔާރަތް ކުރެއްވި އީޔޫގެ ވަފުދުން ކުރެއްވި ދިރާސާއަކަށް ފަހު ނެރުއްވި ބަޔާނެކެވެ.
އޭގައި ވަނީ އިސްލާހު ކުރަން ހުށަހަޅާފައިވާ ގާނޫނު އަސާސީ، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އަޅައިފަ އެވެ.
ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުޅާ ކުރެއްވުމަށާއި އަދުލު އިންސާފު ހަރުދަނާ ކުރެއްވުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލެއްވުމަށް ބާރު އަޅައިފަ އެވެ.

މިކަންކަމަކީ މިހާރު އިސްލާހު ކުރަން މަސައްކަތް ކުރަމުންދާ ރާއްޖޭގެ ގާނޫނު އަސާސީގެ މަސައްކަތް ނިމުމުގެ ކުރިން ވެސް ހަރުދަނާކޮށް، އެއައަށް އަމަލު ކުރެވެން ވާނެ ބާރުތަކެއް ކަމަށެވެ. ފަސްނުކޮށް ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ފެށީ ހިސާބުގައި މިކަންކަން ތަންފީޒު ކުރުމަށެވެ. އެއީ ރައްޔިތުންނަށް މި ހައްގުތައް ލިބި ދިނުމަށް ރަނގަޅު ފުރުސަތެކެވެ. (ނުނިމޭ)


ނޯޓް:
މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.