Last Updated: April 23, 12:16
Tuesday, April 23, 2024
މުނިފޫހިފިލުވުން

ރާނީ އާއި އާދީ ކައިވެނިކޮށްފި

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރި ދޭތެރެ ދޭތެރެ އިން ކައިވެނި ވެސް ކޮށްފައިވާ ކަމަށް ވާހަކަތައް ދެކެވެމުން ދިޔަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ އާއި ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ (އާދީ) ކައިވެނިކޮށްފި އެވެ.

"ކުޗްކުޗް ހޯތާ ހޭ" އިން ވިދާލި ރާނީ އާއިި "ދިލްވާލޭ ދުލްހަނިޔާ ލޭޖާ އޭގޭ" ޑައިރެކްޓަރު އަދީގެ ކައިވެނީގެ ހަފުލާ އޮތީ އިޓަލީގަ އެެވެ.

އެކަން އަދީގެ ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް(ވައިއާރްއެފް) އިން ވަނީ ކަށަވަރުކޮށްދީ އެވެ.

"އަދިތިޔާ ޗޯޕްޅާ ވެޑްސް ރާނީ މުކަރުޖީ" ޖަހާފައިވާ ޑިސްޕްލޭއަކާ އެެކު ވައިއާރްއެފްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އެ ދެ މީހުން ކައިވެނި ކުރީ އިއްޔެ އިޓަލީގައި ކަމަށެވެ. އަދި އެ ހަފުލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ވަރަށް ގާތް ރަހުމަތްތެރިން އެކަނި ކަަމަށް ބުނެފައިވެ އެވެ.

"އަހަރެންގެ ހަޔާތަށް މި އައި އުފާވެރިކަން ހުރިހާ ފޭނުންނާ ހިއްސާކޮށްލަން ވެސް ބޭނުން. އަހަންނަށް އެނގޭ ފާއިތުވެ މި ދިޔަ ދިގު މުއްދަތުގެ ތެރޭގައި އަހަރެންގެ ކައިވެންޏަށް ވަަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަކަން. އެ އިންތިޒާރަށް މިހާރު މި ވަނީ ވަރަށް އުފާވެރި ނިމުމެއް އައިސްފައި،" ސްޓޭޓްމަންްޓްގައި ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ރާނީ، 36، ބުންޏެވެ. "އެކަމަކު މިފަދަ އުފާވެރި ކަމެއް ލިބުނު އިރު، އެންމެ ދެރަވާ އަދި މިސްވާ ކަމަކީ މި އުފަލުގައި ބައިވެރިވާން އާދީގެ ބައްޕަ ޔާޝް އަންކަލް (މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ) ނެތްކަން."

ynews

ރާނީ އާއި އާދީ ކައިވެނި އިރު، މިއީ އާދީދެ ދެވަނަ ކައިވެންޏެވެ.

"ރަބްނެ ބަނާދީ ޖޯޅީ" އާއި "މުހައްބަތޭން" ފަދަ ހިތްގައިމު ފިލްމުތައްު ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އާދީގެ ފުރަތަމަ ކައިވެނި ވަނީ ރޫޅިގެން ގޮސްފަ އެވެ. އަދި އެއީ ރާނީގެ ސަބަބުން ކަމަށް ވެސް އަޑު އަރާފައިވެ އެވެ.

އެހެން ނަމަވެސް އުމުރުން 42 އަހަރުގެ އާދިއަކީ މީޑިއާ އާ ވަރަށް ދުރު މީހަކަށްވާތީ އޭނާގެ ހަޔާތާ ބެހޭ މާ ގިނަ ސިއްރުތަކެއް ހާމަވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ވައިއާރްއެފްގެ "ސާތިޔާ"، "ވީރް-ޒާރާ"، "ބަންޓީ އޯރް ބަބްލީ" އަދި "ދިލް ބޯލޭ ހަޑިއްޕާ" ފަދަ ފިލްމުތަކުގައި ލީޑް ރޯލް ކުޅެފައިވާ ރާނީ ރާނީ މިހާރު އަންނަނީ އެ ކުންފުނީގެ "މަރްދާނީ" ގައި ސިފައިންގެ މީހެއްގެ ރޯލުން ސްކްރީނަށް އަންނަން ތައްޔާރުވަމުންނެވެ. ޕްރަދީޕް ސަރުކާރު ޑައިރެކްޓް ކުރާ އެ ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް 22 ގަ އެވެ.

އާދީ ބަތަލާއަކާ ކައިވެނި ކުރި އިރު، އޭނާގެ ކޮއްކޮ އަދި "ދޫމް" ފްރެންޗައިޒްގެ "އަލީ" ގެ ކެރެކްޓާ ކުޅޭ އުދޭ ޗޯޕްޅާ އަންނަނީ "މޭ ތޭރާ ހީރޯ" ގެ ބަތަލާ ނަރުގިސް ފަޙްރީ އާ ޑޭޓް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ދެ މީހުން ވަނީ ދާދި ފަހުން އެކުގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.