Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އައްޑޫ އަމާން ކުރަން މަޝްވަރާކޮށްފި

އައްޑޫގައި އެކްސިޑެންޓް މަދު ކުރުމަށާއި، މަސްތުވާ ތަކެއްޗާއި، ގޭންގް ކުށް ހުއްޓުވައި އައްޑޫ އަކީ އަމާން ތަނެއް ކަމަށް ހެދުމަށް އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫގައި ތިބޭ ފުލުހުން މަޝްވަރާކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މިދުވަސްކޮޅު އާދަޔާ ހިލާފަށް އެކްސިޑެންޓް ގިނަ ވުމާއި ގުޅިގެން ޓްރެފިކް ހާއްސަ އޮޕަރޭޝަން ހިންގުމަށް ފުލުހުނާއި ކައުންސިލުން ވަނީ އެއްބަސްވެފައެވެ.

އަދި ދުރު މުސްތަގްބަލަށް ރާވައިގެން މީހުން ހޭލުން ތެރިކުރުމާއި، މަގުމަތި ޓްރެފިކް ގަވާއިދުތަކަށް ފެއްތުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

އިއްޔެގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ހިތަދޫ ޕާކް ސަރަހައްދުގެ ބިންމަތީ މަސްތައް ބަހައްޓައިގެން ވިއްކާ މައްސަލައަށް ފުލުހުންގެ އެހީއަށް އެދިފައެވެ. އަދި ރެސްޓޯރެންޓް، ހޮޓާ ހިންގާ ފަރާތްތަކުން އެކި ތަންތަނަށް ކުނި އުކާ މައްސަލަ ހައްލުކުރުމަށްވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

ފުލުހުންވަނީ ފާއިތުވި ދުވަސްތަކުގައި އައްޑޫގައި ހިނގާފައިވާ ކުށްތަކާއި ގުޅޭ ޕްރެސެންޓޭޝަނެއް ކައުންސިލަށް ދައްކާފައެވެ. މި ބައްދަލުވުމަށް ފަހު ކައުންސިލަރު ހުސެއިން ހިލްމީ ވިދާޅުވީ ފުލުހުންނާއި އެކު ބެއްވި ބައްދަލުވުމަކީ ކާމިޔާބް ބައްދަލުވެއް ކަމަށެވެ.