Last Updated: April 25, 18:52
Thursday, April 25, 2024
ރިޕޯޓް

ފުލުސް ކައުންޓަރާއި ފަސް ފޫޓް ދުރުގައި ހުރި މީހެއްގައި "ރޯވުން". އެތައް ސުވާލެއް!

މުހައްމަދު ޖަބީން އާއި އޭނާގެ އަންހެނުންނާއި ދެމެދު ހިނގި ޒުވާބު ހޫނުވެގެން ގޮސް އެންމެ ފަހުން އޭނާ ވަނީ ތޫނު ވަޅިއެއް ނަގައި އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައެވެ.

މީގެ އަހަރަކާއި 4 މަސް ކުރިން ކުރި ކައިވެންޏަށް 4 މަހުގެ ތުއްތު ކުއްޖަކު ލިބިފަިއވާއިރު އަންހެނުންނާއި ދެމެދު ހިނގި ޒުވާބުގައި އަންހެނުން އުޅުނީ ތުއްތު ދަރިފުޅު ގޮވައިގެން އޭނާގެ އަމިއްލަ ރަށައް ދާށެވެ. ނަމަވެސް އެކަމާއި ޖަބީން ދެކޮޅު ހެދިއެވެ.

މި މައްސަލައިގެ ތެރޭގައި ޖަބީން އާއި އޭނާގެ އަންހެނުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ މާރާމާރީ ހިނގާފައިވާ ކަމަށް އާއިލާއިން "އައްޑޫލައިވް"އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

"ޖަބީން އާއި އެނާގެ އަންހެނުންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގައި ދެމީހުން އެކަކު އަނެކަކު 'ކޮއްޕާ' ހަދާ ކަމަށާއި އަދި އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ޖަބީންގެ އަތުގައި އޮތް ކަތުރެއް ހޫރާލުމުން އެއިން ޖެހިފައި އޭނާގެ އަންހެނުންގެ އަތުގެ ކުޑަ ތަންކޮޅެއްގެ 'ތެޔޮ ހަން' ގޮސްފައިވޭ"

ޖަބީންގެ ދެމަފިރިންގެ ދެމެދުގައި ޖެހެމުން ދިޔަ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޖެންޑާ އަށް މައްސަލަ ހުށަހެޅީ އާއިލާ އިން ކަމަށް އާއިލާގެ މެންބަރު ބުންޏަސް ޖެންޑާގެ އޮފިޝަލަކު "އައްޑޫލައިވް" އަށް ކަށަވަރު ކޮށްދިން ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ ޖަބީންގެ އަންހެނުންނެވެ.

ޖެންޑާގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޖަބީންގެ ދެމަފިރިންނަށް ސުލްހަވެރިވުމަށް ނަސޭހަތްތެރިވެފައި ވާނެ ކަމަށާއި ނަމަވެސް ޖަބީނުގެ އަންހެނުން ބޭނުންވީ އޭނާގެ ރަށަށް ދިއުމަށް ކަމަށެވެ.

ޖަބީން އަމިއްލަ އަށް މަރުވާން އުޅުން

ޖަބީންގެ އަންހެނުން އޭނާގެ ރަށަށް ދަރިފުޅު ގޮވައިގެން ދާން އުޅުމުން އެކަން އެގޮތަށް ނުކުރުމަށް އާދޭސް ކުރިކަމަށާއި އެހެންނަމަވެސް އެ ނިންމުން ބަދަލު ނުކުރި ކަމަށް ވެއެވެ. ދަރިފުޅު ގޮވައިގެން އަންހެނުން ރަށަށް ހިނގައްޖެ ނަމަ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ވަޅިއެއް ހިފައިގެން އައިސް ގޭތެރޭގައި ދެކޮޅަށް ހިނގަން ފެށި ކަމަށާއި އޭރު އޭނާގެ ވާހަކަތަކާއި އަމަލްތައް ހުރި ގޮތުން އޭނަގެ އެއްބަނޑު އެއްބަފާ ދެބެއިންނާއި ބައްޕަ ވެގެން އަތުގައި އޮތް ވަޅި އަތުލީ އެވެ. ވަޅި އަތުލަން އުޅުމުގެ ތެރޭގައި ޖަބީންގެ ކޮއްކޮ އެއްގެ އަތް ވަނީ ޒަޚަމްވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި

ޖަބީންގެ ފަރާތުން އަމިއްލައަށް މަރުވާން އުޅެ ފެނުނު ކަންތަކަށް ބަލާފައި އާޢިލާގެ ފަރާތުން ވަގުތުން ހިތަދޫ ޕޮލިހަށް ގުޅައި މައްސަލަ ހުށަހެޅިއެވެ. ފުލުހުން ޖަބީން ގޮވައިގެން ދިޔައީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަބީން ގެންދިއުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓަށް ގެންދިޔައީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރުއެވެ. ކޯޓަށް ގެންދިއުމުން ޖަބީން 10 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ހުއްދަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ.

ކޯޓުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ޖަބީންގެ މުއްދަތު އިތުރުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ހިންގިކަމުގެ ތަޙްޤީޤަށް ކަމަށެވެ.

ކޯޓުން މުއްދަތު އިތުރުކޮށްގެން އެނބުރި ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޖަބީން ބަހައްޓާފައި ހުރީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނުގެ ކަނާތް ފަރާތުގައި ހުންނަ ކުޑަ ކޮޓަރިއެއްގައެވެ. އެތަނަކީ އާންމުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ކަސްޓޯޑިއަލް ޔުނިޓަށް ގެންދިއުމުގެ ކުރިން ބައިތިއްބާ ތަނެވެ. ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނުގައި އިންނަވާ ބޭފުޅަކާއި އެތަނާއި ދޭތެރޭ ހުންނާނީ 5 ވަރަކަށް ފޫޓެވެ. ޖަބީން މި ކޮޓަރީގައި ބަހައްޓާފައި ހުރީ ފުރަގަހަށް ބިނޑި އަޅުވާފައިކަމަށް ވެސް ފުލުހަކު ވަނީ ބުނެފައެވެ.

އޭނާ ބުނިގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާ މީހުންގެ ފަރާތުން ފުލުހަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ބަންދުގައި ބެހެއްޓޭ ކޮންމެ މީހަކާއި މެދުވެސް އެގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

ޖަބީންގެ ގައިގައި  އަލިފާން ރޯވި އިރު އޭނާ ބަހައްޓާފައި ހުރިތަން
ޖަބީންގެ ގައިގައި އަލިފާން ރޯވި އިރު އޭނާ ބަހައްޓާފައި ހުރިތަން

ރޯވީ ކިހިނެތް ؟

ފަހަތަށް ބިނޑި އަޅުވާފައި ހުރި ޖަބީން އޭނާގެ އަމިއްލަ ގައިގައި 'ރޯކޮށްލާފައިވަނީ' ކަރުދާސް ގަނޑެއްގައި އަލިފާން ރޯކުރުމަށްފަހު އެ ކަރުދާސް ގަނޑު އޭނާ ބަހައްޓާފައި ހުރި ތަނުގެ ފާރާއި އޭނާގެ ބުރިކައްޓާއި ދެމެދަށް ލުމަށް ފަހުގައި ކަމަށް ނަން ހާމަކުރުމަށް ބޭނުންނުވާ ފުލުހަކުވަނީ ބުނަފައެވެ.

"އޭނާ މިހެދި ގޮތަކީ ކަރުދާސް ގަނޑެއްގައި ރޯކުރުމަށްފަހު ފާރާއި އޭނާގެ ބުރިކައްޓާ ދެމެދަށް ލީ. ދެން އަހަރުމެންނަށް ދުން އަރާތަން ފެނިގެން ހަޅޭއްލަވަން ފެށުމުން އޭނާ ވެސް ހަޅޭއްލަވަން ފެށީ. " ފުލުސް މީހާ ބުންޏެވެ.

ނަމަވެސް ސުވާލު އެފެދޭ ކަމަކީ ފުލުހުންގެ ހައްޔަރުގައި ތިބޭ މީހުންނަކީ ވަރަށް ރަނގަޅަށް ޗެކް ކުރެވޭ ބައެއް ކަމަށް ވާއިރު ޖަބީންގެ އަތުގައި ލައިޓަރެއް އޮތްކަން ފުލުހުންނަށް ނޭނގުނީ ކީއްވެގެން ކަމެވެ. ޖަބީން ބަހައްޓާފައި ހުރި ތަނުގެ ބިންމަތީގައި ހުސް ފޮށި ތަކުގެ ބައިތައް ހުންނަ ކަމަށާއި އެއީ ބަންދުގައި ބައިތިއްބާ ބައެއް މީހުން ކަސްޓޯޑިއަލް ޔުނިޓަށް ނުގެންގޮސް އެތަނުގައި ވެސް ބައިތިއްބާތީ އެމީހުން އޮށޯންނަން ބަހައްޓާ އެއްޗެއް ކަމަށް 'އައްޑޫލައިވް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖަބީންގެ ގައިގައި ރޯކުރީ ފުލުހުން ކަމަށް ކުރެވޭ ތުހުމަތު

ބައެއް ފަރާތްތަކުން ދަނީ ޖަބީންގެ ގައިގައި ރޯކުރީ ފުލުހުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޚަބަރު ފަތުރަމުންނެވެ. ނަމަވެސް ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އިސްބޭފުޅަކު ވިދާޅުވި ގޮތުަގައި އެއީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ގޯސްތަކެއް ހެދިފައިވާ ކަމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

" އަޅުގަނޑުމެން ފުލުހުން އާއްމު ރައްޔިތެއްގެ ގައިގައި އެހެން ރޯކޮށް ނުލާނެ ކަމުގެ ޔަޤީންކަން އަރުވަން. ނަމަވެސް މިކަމުގައި އަޅުގަނޑުމެންގެ ތެރެއިން ފުލުހަކަށް ނުވަތަ ފުލުހުންތަކަކަށް މިވަނީ ގޯސް ހެދިފައި. އޭނާ ރަނގަޅަށް ޗެކް ކުރެވުފައި ނުވާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. ޕްރޮފެޝެނަލް ސްޓޭންޑާޑް އިން މިކޮޅަށް އައިސް އެ މައްސަލަ ބަލާނެ. "

ސިޔާސީ އޮއިވަރުގައި ބައެއް ފަރާތްތަކުން ފުލުހުން ޖަބީންގެ ގައިގައި ރޯކުރި ކަމަށް ބުނާއިރު ފުލުހުންގެ އޮފިސަރަކާއި 5 ފޫޓް ދުރުން ހިނގި އެހާދިސާ ހިނގަން މެދުވެރިވި އެއްސަބަބަކީ ޑިއުޓީގައި ހުރި ފުލުހުންގެ އޮފިސަރު އޭނާގެ ޑިއުޓީ އަދާކުރުމުގައި އިހުމާލުވެފައިވުން ކަމަށް ބެލެވެއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހުލޫފްގެ ޖީބުން ފޯއްކޮޅެއް ފެނުނު މައްސަލައިގައި އޭނާއަށް އާއިލާއާއި ބައްދަލުވުމުގެ ފުރުސަތު ނުދޭން ނިންމައި ފުލުހުންގެ ބަންދުގައި ހުންނައިރު ދޭ ބައެއް އިނާޔަތްތައް މެދުކަނޑާލާފައި ވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ފުލުހުންނަށް ނޭނގި ލައިޓަރެއް ގެންގުޅެވުމަކީ ސުވާލު އެފެދޭ ކަމެކެވެ. ކަމުގެ ޙަޤީޤަތް އެނގޭނީ ރަސްމީ އިދާރާތަކުގެ ތަޙުޤީޤްތައް ނިމުމުންނެވެ.