Last Updated: April 25, 11:25
Thursday, April 25, 2024
ކޮލަމް

ސިންގަޕޫރަށް ވާން ބޭނުން ހެއްޔެވެ؟ ފުރަތަމަ އިންސާފު ކަށަވަރު ކޮށްދޭށެވެ.

މި ސަރުކާރުންވެސް ވަރަށް އަޑުގަދަކޮށް ދައްކާ ވާހަކައެވެ. ދިވެހިރާއްޖެ ސިންގަޕޫރަށް ހަދާލާނަމެވެ. ރަށްފުށުގެ ފަޤީރު އަވަށްގަނޑެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އޮތް ރަށެއް އޭޝިޔާގެ އަދި ދުނިޔޭގެ ވަރުގަދަ އިޤްތިޞާދަކަށްވަނީ ބަދަލުވެފައެވެ.

ސިންގަޕޫރުގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭހާ ތަރައްޤީ ގެނުވައިފިއެވެ. އަވަށްޓެރިންނާއި ދުނިޔެ ސިއްސުވާލި އަދި އެއީ ނަމޫނާ ތަރައްޤީއެއްކަމަށް ދުނިޔެވެސް ބަލައިގެންފައިވާ ތަރައްޤީއެވެ. ރާއްޖެއަށްވުރެ އެއްމަސްފަހުން މިނިވަންކަން ލިބުނު ސިންގަޕޫރަށް ފަތުއަޑުކިޔާފައި ލިބުނު ތަރައްޤީ ރާއްޖެއަށް ނުލިބޭންވީ ކީއްވެހެއްޔެވެ؟ ރަނގަޅު ސުވާލެކެވެ. ޖަވާބުވެސް އެހާމެ ސާދާއެވެ. އިންސާފެވެ. އިންސާފަށް އޮތް އިތުބާރެވެ.

ސިންގަޕޫރު ކޯޓްތަކުގެ އިންސާފުވެރިކަން

ސިންގަޕޫރުގެ ކޯޓުގެ ތަކުގެ ތަޞައްވުރަކީ ނަތީޖާނެރެވޭ އަދި އެންމެނަށްވެސް ފަސޭހައިން މައްސަލަ ހުށަހުޅޭ ނިޒާމެއްގެ ދަށުން ޢާއްމުންނަށް އިތުބާރާއި ޔަޤީންކަން ލިއްބައިދިނުމެވެ. ކޯޓްތަކުގެ މަޤްޞަދަކީ ފޭރާންހެޔޮ އިންސާފުުވެރި ޙުކުމްތަކަށްވުމާއި، އަވަސްކަމާއެކު މައްސަލަތައް ހައްލުކުރުމާއި، އާދަޔާ ޚިލާފު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީގެން ރައްޔިތުންނަށް ޚިދުމަށް ދިނުމެވެ.

ކޯޓުތަކުގެ އަސާސީ ވެލިއުސްއަކީ ހަމަހަމަކަމާއި، އެންމެނަށް ފަސޭހައިން މައްސަލަ ހުށެހެޅޭނެގޮތް އޮތުމާއި، މިނިވަންކަމާއި، ނަޒާހަތްތެރިކަމާއި، ތަޢައްޞުބެއްނެތުމާއި، އިޖާބީގޮތުން ޢަމަލުކުރުމެވެ. ކޯޓުތަކުގެ ޚިދުމަތް އަބަދުވެސް އަމާޒުކޮށްފައިވަނީ ކޯޓްތަކުގެ ބޭނުން ހިފާ ފަރާތްތައް ހޯދަން އެދޭ ޚިދުމަތަށް ފޯކަސް ކުރުމެވެ. ކޯޓްތަކުގެ ޙުކުމްތަކަކީ އިންސާފުވެރި އަދި ތަޢައްޞުބެއްނެތް ޙުކުމްތަކަށް ވުމެވެ.

ކޯޓްތަކުގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބައެއްކަމަށް ޔަޤީންކުރުމެވެ. އަދި ކޯޓްތަކުގެ ރިކޯޑްތަކަކީ ފުރިހަމަ އަދި ޞައްޙަ މަޢުލޫމާތުތައްކަމަށް ގައިމުކުރުމެވެ.

ފޯބްސް ރިސަރޗް ޕްރައިވެޓް ލިމިޓެޑުން 2013 ގައި ކުރި ދިރާސާގައި %90 މީހުން ބުނެފައިވަނީ ސިންގަޕޫރު ކޯޓްތަކުން އިންސާފު ގާއިމުކޮށްދޭކަމަށެވެ. އަދި %96 މީހުން ބުނެފައިވަނީ ކޯޓްތަކުން ހަމަހަމަ، ފަސޭހައިން މައްސަލަ ހުށަހެޅޭ، މިނިވަން މުސްތަޤިއްލު، ތަޢައްޞުބެއްނެތް އަދި އީޖާބީގޮތެއްގައި ޢަމަލުކުރާ ކަމަށެވެ.

އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓްގެ "ވޯލްޑް ކޮމްޕެޓިޓިވްސްނެސް އަހަރީ ފޮތް 2013" ގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުތަކެއްގެ ޤާނޫނީ ނިޒާމަށް ބަލައި ކުރި ދިރާސާގައި ޤާނޫނީ އޮނިގަނޑު އޮންނަ ގޮތުން ވިޔަފާރީގެ ވާދަވެރިކަން އޮންނަ މިންވަރު ދަރަޖަކުރުމުގައި ސިންގަޕޫރުގެ ޤާނޫނީ އޮނިގަނޑަށް 2 ވަނަ ދަރަޖަވަނީ ލިބިފައެވެ.

އަދި ޢަދުލުވެރިކަމާއެކު ޙުކުމް ކުރުމުގައި ސިންގަޕޫރު ކޯޓްތަކަށްވަނީ 5 ވަނަ ދަރަޖަ ލިބިފައެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގެ "ގްލޯބަލް ކޮމްޕެޓިޓިވްނެސް ރިޕޯޓް 2013-2014" ގައި ކޯޓްތަކުން ކުރާ ޙުކުމްތަކުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން އަދި އިޤްތިޞާދީ މަސައްކަތްކުރުމުގައި ހަމަޖެހުމާއި އިތުބާރު ލިއްބައިދިނުމުގައި ސިންގަޕޫރުގެ ކޯޓްތައް އޮތީ 148 ޤައުމުތަކުގެ ތެރެއިން 12 ވަނަ ދަރަޖައިގައެވެ.

ފްރޭސަރ އިންސްޓިޓިއުޓްގެ "އިކޮނޮމިކް ފްރީޑަމް އޮފް ދި ވޯލްޑް ރިޕޯޓް 2013" ގައި، ޢަދުލުއިންސާފާއި ޤާނޫނީ ނިޒާމު އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މިނިވަންކަމަށް ބަލާއިރު، 52 ޤައުމުގެ ތެރެއިން ސިންގަޕޫރުގެ ކޯޓްތަކުގެ ޢަދުލުއިންސާފާއި އެ ޤައުމުގެ ޤާނޫނީ ނިޒާމް 5 ވަނަށް ދަރަޖަކުރެވޭއިރު، އޭޝިޔާ ޤައުމުތަކުގެ ތެރެއިން ސިންގަޕޫރު އަންނަނީ 1 ވަނަ ދަރަޖައަށެވެ.

ވޯލްޑް ބޭންކްގެ ސްޓަޑީ "ޑްއިންގ ބިޒްނެސް ރިޕޯޓް" ގައި 189 ޤައުމުތަކުގެ ތެރެއިން ވިޔަފާރި ކޮންޓްރެކްޓްތައް ތަންފީޒުކުރުމުގައި ސިންގަޕޫރުގެ ޢަދުލުއިންސާފުގެ ނިޒާމު އަންނަނީ 12 ވަނަ ދަރަޖައަށެވެ. ދަ ވޯލްޑް ޖަސްޓިސް ރިޕޯޓްގެ "ރޫލް އޮފް ލޯ އިންޑެކްސް" ގައި 97 ޤައުމުގައި ޤާނޫނީ ޙުކޫމަތައް ޢަމަލުކުރުމުގައި ދަރަޖަކުރެވުނުއިރު، ސިންގަޕޫރުގެ ޖިނާޢީ ޢަދުލުގެ ނިޒާމު 3 ވަނަ ދަރަޖާގައިހުރިއިރު، މަދަނީ ޢަދުލުގެ ނިޒާމުއޮތީ 4 ވަނަ ދަރަޖާގައެވެ. ސިންގަޕޫރުގެ ކޯޓްތަކަށް މައްސަލަ ހުށަހަޅާތާ 3-8 ހަފްތާތެރޭ މައްސަލަތައް ނިންމުމަށް އަމާޒްކުރެވިފައިވެއެވެ. 2012 އިން 2013 އަށް ކޯޓްތަކުން ބެލި މައްސަލަތަކުގެ %93 އަށްވުރެ ގިނަ މައްސަލަތައް މި ދެންނެވި މުއްދަތުގައި ނިންމައި ޙުކުމް ކުރައްވާފައިވެއެވެ.

މިދެންނެވި ކަންތައްތައް ހެކި ދެނީ ސިންގަޕޫރުގެ ޢަދުލުގެ ނިޒާމުގެ އިންސާފުވެރިކަމަށާއި، އެ ނިޒާމަށް އޮތް އިތުބާރެވެ. ސިންގަޕޫރު ކޯޓްތަކުން އިންސާފު ގާއިމުކޮށްދޭނެކަމަށް އޮންނަ އިތުބާރުގެ ސަބަބުން އިޤްތިސާދީ މަސައްކަތްކުރުމަށް ފަހި ވެއްޓަކަށް ސިންގަޕޫރުވަނީ ވެފައެވެ.

އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ ރައުސްމާލު ސިންގަޕޫރުގެ އިޤްތިސާދަށް ލައި، އެއިން ނަފާ ހޯދުމަށް އަންނަނީ އިންސާފުން މެނުވީ ވިޔަފާރީގެ މުޢާމަލާތްތައްވެސް އަދި އެނޫން މުޢާމަލާތްތައްވެސް ރޫޅާ ނުލާނެކަމުގެ ޔަޤީންކަން އޮވެގެންނެވެ. ސިންގަޕޫރުގެ ސަރުކާރުން ނުވަތަ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުވައްޒަފަކުވެސް ޤާނޫނާ ޚިލާފަށް ކަންކަން ކޮށްފިނަމަ، އިންސާފު ގާއިމުކޮށްދޭނެ ކަމުގެ އިތުބާރު އޮވެގެންނެވެ.

ސިންގަޕޫރު ކޯޓްތަކުގެ ޢަދުލުވެރިކަމުގެ ސަބަބުން ސިންގަޕޫރު ސަރުކާރަށް، މުއައްސަސާއަކަށް، ކުންފުންޏަކަށް، އަދި މުވައްޒަފަކަށްވެސް ޤާނޫނީ ރޮނގު ހުރަސްކުރުމަށް ނުވަތަ ރިޝްވަތުގެ ޢަމަލު ހިންގުމަށް ފަސްޖެހެއެވެ. އަދި ޤާނޫނީ ރޮނގު ހުރަސްކޮށްފިނަމަ ނުވަތަ ފަސާދައިގެ ޢަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅައި، އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ދެއެވެ. ޤާނޫނަށްވުރެ ސަރުކާރު ނުވަތަ އެއްވެސް މީހަކު އިސްނުވާނެކަމާއި، ޤާނޫނާ އެއްގޮތަށް ކޯޓްތަކުން ކަންކަން ކުރާނެކަމުގެ ޔަޤީންކަށަވަރުކަން ހުރިހާ ފަރާތްތަކަށްވެސް ލިބިފައިވެއެވެ.

މިދެންނެވި ޔަޤީންކަމަކީ ސިންގަޕޫރު، ސިންގަޕޫރަކަށް ވެގެންދިޔަ މައިގަނޑު އަސާސެވެ. މިޔަޤީންކަމުގެ ދަށުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން ސިންގަޕޫރު ޚިޔާރުކޮށް، ފަޤީރު އަވަށްގަނޑެއް ދުނިޔޭގެ އިޤްތިޞާދީ ބާރަކަށް ވީއެވެ. ތަރައްޤީ އާއި ވިޔަފާރީގެ ނާރެހަކަށް ވީއެވެ.

ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް ހެއްޔެވެ؟

އިޤްތިޞާދެއް ބިނާކުރެވޭނީ ވިޔަފާރީގެ އިންވެސްޓްމަންޓް އިތުރުކުރެވިގެންނެވެ. އިޤްތިޞާދުގައި ނެތްނަމަ ބޭރުން އިންވެސްޓްމަންޓްތައް ގެނެސްގެންނެވެ. އިންވެސްޓްތަކަށް ފަހި މާހައުލެއް ޤާއިމުވެގެންނެވެ. އެކަމަށް ބޭނުންވަނީ އެކަށޭނަ ޤާނޫނީ އަދި ޢަދުލުވެރި ނިޒާމެކެވެ. ރަނގަޅު ޤާނޫނުތަކުގެ އިތުރުން ޤާނޫނާ އެއްގޮތަށް އިންސާފު ގާއިމުކުރެވޭނެ ކަމުގެ އިތުބާރު އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށާއި، މަސައްކަތްތެރިންނަށް ލިބިގެންނެވެ.

ދައުލަތާ ނުވަތަ ސަރުކާރާއެކު ކުރެވޭ ކޮންޓްރެކްޓްތަކާމެދު ދައުލަތުން ދެކޭގޮތަކީ، އެފަދަ ކޮންޓްރެކްޓްތަކަކީ ސަރުކާރުން ބޭނުންއިރަކު ބޭނުންވުމުން ސަރުކާރުން އަމިއްލައަށް ބާޠިލުކުރެވޭނެ ކޮންޓްރެކްޓްތައް ކަމަށެވެ. މިއީ ދައުލަތުގެ ބަންޑާރަނައިބު ބަހެވެ. ސަރުކާރާއެކު ވެފައިވާ ކޮންޓްރެކްޓްތައް ސަރުކާރުން ބާޠިލުކުރުމުން، އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން، ކޯޓްތަކަށް ހާޒިރުވެ ބަންޑާރަނައިބްގެ ފަރާތުން ދައްކާ ހުއްޖަތަކީ ކޮންޓްރެކްޓް ސަރުކާރުން އަމިއްލައަަށް ބާޠިލުކުރެވޭނެކަމެވެ.

ސްޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ޤަޟިއްޔާއިން ސަރުކާރަށް އެބާރު ލިބޭކަމަށް ބަންޑާރަނައިބް ޒުވާބުދެއެވެ. މިގޮތުން ބަލާއިރު، ޙައްޖަށް މީހުން ގެންދިއުމަށް ގްރޫޕްތަކަށް ހުއްދަ ދޫކުރުމަށް ސަރުކާރުން ހުޅުވާލި ބިޑާ ގުޅިގެން ސަރުކާރުން ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ހުށަހެޅުނު މައްސަލައިގެވެސް ސަރުކާރުގެ ޖަވާބަކީ ސަރުކާރަށް އަމިއްލައަށް ކޮންޓްރެކްޓް ބާޠިލުކުރުމުގެ ބާރު ލިބިގެންވާކަމަށެވެ.

އިސްލާމީ މަރުކަޒުގައި ކާޕެޓް އެޅުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތަކާއެކު ވެވުނު ވިޔަފާރީގެ އުޞޫލުން ޚިދުމަތެއް ދިނުމުގެ ކޮންޓްރެކްޓް ސަރުކާރުން ބާޠިލުކުރި މައްސަލާގައިވެސް ސަރުކާރުގެ ބަހަކީ އެފަދަ ކޮންޓްރެކްޓް ސަރުކާރު އަމިއްލައަށް ބާޠިލުކުރެވޭނެ ކަމާއި، ކޮންޓްރެކްޓް ބާޠިލުކުރީ ޞައްޙަ މަގުން ކަމަށެވެ. ރިސޯޓް ހެދުމަށް ރަށްތަކެއް ދިނުމަށްފަހު، އެރަށްތަކުގެ ކުލީގެ ކޮންޓްރެކްޓް ސަރުކާރުން ބާޠިލުކުރި މައްސަލާގައިވެސް ބަންޑާރަނައިބުގެ ބަހަކީ އެފަދަ ކޮންޓްރެކްޓްވެސް ސަރުކާރުން އަމިއްލައަށް ބާޠިލުކުރެވޭނެ ކަމަށާއި، ސަރުކާރުގެ އެ ޢަމަލު ޞައްޙަކަމާއި، ގެއްލުމުގެ ބަދަލު ދޭންނުޖެހޭނެ ކަމަށެވެ.

އެހެންކަމުން ވިޔަފާރި ކުރުމުގެ ނިޔަތުގައި ސަރުކާރާއެކު ވެވޭ ކޮންޓްރެކްޓްތަކަކީ ސަރުކާރުން ބޭނުންވުމުން އަމިއްލައަށް ބާޠިލުކުރުމުގެ ޤާނޫނީ ޙައިޞިއްޔަތު ސަރުކާރު އޮތްކަމާއި، އެކަމުގެ ސަބަބުން ގެއްލުމުގެ ބަދަލު ދޭންނުޖެހޭނަކަމަށް ވިދާޅުވާ ސަރުކާރެއްގެ ނުވަތަ ދައުލަތަކީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ފަހި އަދި އިތުބާރުއޮތް ވެއްޓަކަށްވާނެ ހެއްޔެވެ؟

ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކީ ބޭރުގެ އިންވެސްޓަރުން ބޭނުންވާ ޔަޤީންކަމާއި އިތުބާރު ޤާއިމުކޮށްދޭ އޮނިގަނޑެއްބާވައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަކީ ބޭރުގެ އިންވެސްޓަރުން ގެނައުމަށް އަމާޒުހިފި އެންމެ މުހިމު ޤާނޫނެވެ. މި ޤާނޫނުގެ ފުރިހަމަ ފައިދާ ލިބިގެންދާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްރޮސިޖަރތަކުންނެވެ.

އެ ޤާނޫނުގެ ދަށުން އިންވެސްޓްމަންޓް ގެނެވޭއިރު، ދެފުށްފެންނަ ސިފަ ނެތްނަމަ އުފެދޭ ޝައްކުތަކާއި ވަހުމުތައް ގިނަވާނެއެވެ. ދެން އަންނަ ސަރުކާރަކުން އެފަދަ އިންވެސްޓްމަންޓްތަކަށް އިތުބާރުނުކޮށް، އެ އިންވެސްޓްމަންޓްތައް ގައުމުން ބޭރުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. މިޤާނޫނުގެ ދަށުން އައިކަމަށްބުނާ ފުރަތަމަ އިންވެސްޓްމަންޓް ކަމުގައިވާ ދުބާއީ ޕޯރޓުން ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓް ދިނުމުގައި ދެފުށްފެންނަގޮތް ނެތުމުންނާއި ފަސާދައިގެ ޢަމަލުތައް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ޝައްކުކޮށް، އެފަރާތްތަކުން ސަރުކާރާ ޙަވާލުވާ ދުވަހެއްގައި އެ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ނުހިތާނެކަމަށް މިހާރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އެސް.އީ.ޒެޑް. ޤާނޫނުގެ ދަށުން އިންވެސްޓްކުރުމަށްތިބި ފަރާތްތައްވެސް އެތިބީ ހަތަރުއަނގޮޅިއެއްގައެވެ.

ވިޔަފާރިއަށް ފަހި މާހައުލެއްގައި ހުރުން ލާޒިމު އަނެއްކަމަކީ އުފެދޭ ދެބަސްވުންތައް ހަލުވިކޮށް އަދި އިންސާފުވެރިކޮށް ނިންމޭނެކަމުގެ ޔަޤީންކަމާއި އިތުބާރު އޮތުމެވެ. ކޯޓްތަކުން ލިބިދޭ އިންސާފުގެ ބަދަލުގައި އެހެންގޮތަކުން މައްސަލަތަކަށް ހައްލު ހޯދުމުގެ ނިޒާމަކީ (އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން) ތަރައްޤީވެފައިވާ ޢަދުލުއިންސާފުގެ ނިޒާމު އޮންނަ ޤައުމުތަކުން ބަލައިގެންފައިވާ ނިޒާމެވެ.

ސަރުކާރާއި ބޭރު ޤައުމުތަކާމެދު ކުރެވޭ ކޮންޓްރެކްޓްތަކާއި، ސަރުކާރާއި ބޭރުގެ ވިޔަފާރިތަކާމެދު ކުރެވޭ ކޮންޓްރެކްޓްތަކުގައި މައްސަލަ ހައްލުކުރުމަށް ބޭރުގެ ތަޙްކީމީ އިދާރާތަކަށް ހުށަހެޅުމަށް ލިޔުމަކީ، އެފަރާތްތަކުން ކޯޓްތަކަށް އޮތް އިތުބާރު އޮތް މިންވަރު އަންގައިދޭ ކަމެކެވެ. އިންޑިޔާގެ ޖީ.އެމް.އާރ އާއި ސަރުކާރާ ދެމެދު ކޮށްފައިވާ ކޮންޓްރެކްޓް ސަރުކާރުން ރޫޅާލުމުން، މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހެޅުން މިކަމުގެ މިސާލަކަށް ފުދެއެވެ. ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް ރާއްޖޭގެ ޤާނޫނީ ވަކީލުން ދޭ ޤާނޫނީ ލަފާތަކުގައިވެސް މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ކޯޓްތަކާއި ޤާނޫނު ޚިޔާރުކުރުމުގެ ބަދަލުގައި ސިންގަޕޫރު ނުވަތަ އެނޫންވެސް ޤައުމެއްގެ ތަޙްކީމީ އިދާރާއެއް ޚިޔާރުކުރުމަށް ލަފާދެއެވެ.

ރާއްޖޭގައިވެސް ކޯޓްތަކުގެ ބަދަލުގައި މައްސަލަ ހައްލުކުރުމުގެ ނިޒާމެއް އުފެއްދުމަށްވަނީ ތަޙްކީމާބެހޭ ޤާނޫނެއް (ޤާނޫނު ނަންބަރު 2013/10) ހަދާފައެވެ. ނަމަވެސް ހިތާމައަކީ އެ ޤާނޫނުގެ ދަށުން ގާއިމުކުރަންޖެހޭ ތަޙްކީމީ އިދާރާ (އާރބިޓްރޭޝަން ސެންޓަރ) ގާއިމުކުރުމާއި ބޯޑަށް މެމްބަރުން ޢައްޔަނުކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިޔަތާ ދެ އަހަރާ ގާތްކުރާއިރުވެސް އެ އިދާރާ އުފެއްދިފައިނުވެއެވެ. ނަތީޖާއަކީ ތަޙްކީމީ ނިޒާމުގެ ދަށުން ވިޔަފާރީގެ މައްސަލަތައް އަވަހަށް ނިންމުމަށް އޮތް ޤާނޫނީ ނިޒާމުވަނީ ބައިގެން ގޮސްފައެވެ.

ރާއްޖޭގައި މަދަނީ އިޖްރާއާތުގެ ޤާނޫނެއް ނެތުމަކީ ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް ދާންޖެހޭ މަގު މައްސަލާގައި ހިމެނޭ ފަރާތްތައް ސާފުނުވާ ސަބަބެކެވެ. އަދި އެހެންމެ ކުރެވޭ ޙުކުމްތައް ތަންފީޒުކުރުމަށް ބޭނުންވާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުމުން، ބޮޑެތި ޢަދަދުގެ ފައިސާ ދެއްކުމަށް ކޯޓުން ކުރާ ޙުކުމްތައް ތަންފީޒުވުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އެހެންކަމުން މައްސަލައެް ބަލައި ނިމި ޙުކުމެއް އައިނަމަވެސް މައްސަލަ ކާމިޔާބުވި ފަރާތަށް މަޢުނަވީ ނަތީޖާއެއް ނުލިބެއެވެ.

ރާއްޖޭގެ ފަނޑިޔާރުންނަކީ ކުޑަމިންވަރަށް ޤާނޫނީ/ޤަޟާޢީ ތަމްރީން އަދި ތަޖްރިބާ ލިބިފައިވާ ފަރާތްތައްކަމާއި، ރާއްޖެއަށް އަންނަ އިޖްތިމާޢީ އަދި އިޤްތިޞާދީ ބަދަލާގުޅިގެން ޢަދުލަށް ޙުކުމްކުރުމަށްޓަކައި ރާއްޖޭގެ ޖުޑިޝަރީ އިޞްލާޙްކުރަންޖެހޭ ކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އިންޑިޔާގެ ޗަންދިގާރުގައި މާރޗް 12-13 އަށް އޮތް "އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް ޖޫރިސްޓިސް އެންޑް ޖުޑީޝަލް ރިފޯރމްސް" ގައި ވަނީ ވިދާޅުވެފައެވެ. އިތުރަށް އެމަނިކުފަނު ފާހަގަކުރައްވާފައިވަނީ ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ލިބެންޖެހޭނެކަމާއި، އިޤްތިޞާދު ފުޅާވަމުން އަންނައިރު، ވިޔަފާރީގެ ބޮޑެތި މައްސަލަތައް ބެލުމަށް ފަނޑިޔާރުން ތަމްރީން ކުރަންޖެހޭނެ ކަމަށެވެ.

ފަނޑިޔާރުންނާއި ޤާނޫނީވަކީލުންގެ އދ. ގެ ރެޕޮޓަޔަރ ގަބްރިއެއްލާ ކުނާލް ރާއްޖެއާބެހޭގޮތުން 21 މެއި 2013 ގައި ނެރުއްވާފައިވާ ރިޕޯޓްގައި މިހާރުގެ އިޤްތިޞާދީ މާހައުލަށް ނިސްބަތްކޮށް ބަލާއިރު ބޭނުންވާ ވިޔަފާރިއާއި ކޯޕަރޭޓް ގަވާއިދުތައް ހެދުމަށް ސަމާލުކަންދީފައިނުވާކަމެވެ. އަދި ޢަދުލުވެރި ޙުކުމްކުރުމަށްޓަކައި ވަށާޖެހޭ، އެއްގޮތަކަށް ޢަމަލުކުރާ ފުރިހަމަ ޤާނޫނީ ނިޒާމެއް ގާއިމުކުރުމަށް އާ ޤާނޫނުތައް ހަދައި، މިހާރު ހުރި ޤާނޫނުތަކަށް އިޞްލާޙް ގެންނަންޖެހޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ސިންގަޕޫރު ދަސްކޮށްދިން ފިލާވަޅަށް ޢަމަލުކުރުން

އެހެން އިޤްތިޞާދު ފަދައިން، ރާއްޖޭގައިވެސް އިންވެސްޓަރުންނަށް ފަހި މާހައުލެއްނެތީސް، އެތެރެއިންވެސް ބޭރުންވިޔަސް އިންވެސްޓްމަންޓެއް ނާންނާނެއެވެ. އަސާސީ ކަމަކީ އިންވެސްޓަރުންނަށް އިތުބާރު ޤާނޫނީ ނިޒާމަކާއި އިންސާފު ލިބިދެވޭނެ ނިޒާމެއް އޮވެގެންނެވެ. ސިންގަޕޫރަށް ތަރައްޤީ އައީ މިދެންނެވި ކަންކަން ރޭވި، ގައިމުކުރެވިފައި އޮތުމުންނެވެ. އިންސާފެއް ނެތި އިންވެސްޓްމަންޓެއް ނާންނާނެކަން ސިންގަޕޫރު އެވަނީ ދަސްދީފައެވެ. ސިންގަޕޫރު ލިޔެދިން ފިލާވަޅު ރާއްޖެއިން ދަސްކޮށް އެއަށް ޢަމަލުކުރުމުން މެނުވީ ސިންގަޕޫރު ހޯދި ތަރައްޤީ ނުލިބޭނެއެވެ. ހަޤީޤަތަކީ މިއެވެ.