Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

"ފަޓާސް ބަރިއެއް" ހެން ސްޓޭޑިއަމް ބޮލަށް ވެއްޓެނީ!

މަލީހް ސްޓޭޑިއަމްގައި ނަގާފައިވާ ސެލްފީއެއް

މި ސަރުކާރު އައި ފަހުން މުޅިން އައްޑޫގައި ހަދަނީ ކުޅިވަރު ކުޅޭ ތަންތަނެވެ. އެންމެ ފުރަތަމަ މި ދިޔަ އަހަރު މާލޭ އާއި އައްޑޫގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހިތަދޫ ސްޓޭޑިއަމްގައި ޖާގަބޮޑުކޮށް އިތުރު އިމާރާތުގެ މަސައްކަތެވެ. އޭގެ ފަހުން ފުޓްސަލް އެރީނާތަކެވެ.

އޭއެފްސީ ޗެލެންޖް މުބާރާތް ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް އަވަސް އަރުވާލައިގެން، ސްޓޭޑިއަމްގެ މަަސައްކަތް ފެށި އިރުވެސް ސަރުކާރުން ބުނަމުން އައީ އައްޑޫ ސްޓޭޑިއަމް އަކީ ފެންވަރު ރަނގަޅު ސްޓޭޑިއަމްއަކަށް ހައްދަވާނެ ވާހަކައެވެ. އަދި ޕްލޭނެއް ނެތި ކުރީގެ ރައީސް ނަޝީދު ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރަށް ވީ ގޮތަށް އެތަން ވީރާނާ ވެގެން ނުދާނެކަމަށެވެ.
maleeh

ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިހާރުގެ ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ޖަމާލް ވިދާޅުވީ، ހިތަދޫ ޒޯން ސްޓޭޑިއަމް އޭއެފްސީން ކަނޑައަޅާ މިންގަނޑަށް ތަރައްގީވެގެން ދިއުމަކީ އައްޑޫގެ އިތުރުން މި ސަރަހައްދުގެ އެހެން އަތޮޅުތަކުގެ ކުޅިވަރަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

77 މިލިއަން ދައުލަތުގެ ބަޖެޓުން ހޭދަކޮށް އިމާރާތް ކުރި ސްޓޭޑިއަމްގައި ފުރަތަމަ މެޗް ކުޅެމުން ދިޔަ ވަގުތު ވެހުނު ވާރޭގައި ވެސް ސްޓޭޑިއަމްގެ ޗޭންޖިން ރޫމް އާއި، ބައެއް ތަން ތަންތަނުގެ ތެރެއަށް ފެންލީކްވަމުން ދިޔައެވެ. އަދި ސްޓޭޑިއަމް ހިޔާކުރުމަށް ހެދި ފުރާޅުން ފެން ހިޔާ ނުވެ، ވީއައިޕީ އޭރިއާ ތެރެއަށް ކުޅިބެލުންތެރީން ވަދެ ބޮޑެތި މައްސަލަތައް އުފެދިގެން ދިޔައެވެ.

އޭގެ ފަހުން މިވީ ދުވަސް ކޮޅުގެތެރޭގައި، ސްޓޭޑިއަމްއަށް އަލަށް އިތުރު ކުރި ބައިގެ ބޮޑު ބައެެއްގެ ސިމެންތި ގަނޑު ކަޑައިގެން ބޮޑެތި ރެނދު ލާފައިވެއެވެ. ޗޭންޖިން ރޫމްގެ ސީލިންގެ ތެރެއަށް ފެންފޭދި ސީލިން އޮތީ ބޮލަށް ވެއްޓިފައެވެ. ތަނުގެ ފާޙާނާ ޖަންކްޝަން ތަކުން އަރާ ނަޖިސް ބޭރުވަނީ މަގަށެވެ. ބޯކޮށް ވާރޭ ވެހޭއިރު، ތަނުގެ ހުރިހާ ދިމާލެއަގައި ފެން ބޮޑުވެއެވެ.

މުޅި އިމާރާތް ރެނދުލައި، އެތަނަށް ވަންނަން ބިރުގަންނަ ހިސާބަށް އޮތީ ގޮސްފައެވެ. ތަނުގައި ޖަހާނެ ކަމަށް ބުނި ލައިޓަށް ވީ ނުވީއެއް ނޭގެއެވެ.

އެފަދަ ހާލެއްގައި ސްޓޭޑިއަމް ހުއްޓާ ދާދި ފަހުން އެތަން މަރާމާތު ކުރުމަށް އަމީންގެ ޓީމެއް އައިސްފައިވާ އިރު ގިނަ ކަންކަން އަދިވެސް ހައްލު ނުވެއެވެ. މަރާމާތުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ ސްޓޭޑިއަމްގެ ކުރިން ހުރި އިމާރާތާއި މިހާރު އަލަށް އިމާރާތް ކުރި ބައި ގުޅުވި ހިސާބުން އަދިވެސް ފެން ލީކް ކުރާނެ ކަމަށާއި، ތަނުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށެވެ.

ސްޓޭޑިއަމްގެ އަސްލު ހާލަތު މިގޮތައް ހުއްޓާ މިހާރު އަނެއްކާވެސް ކުޅިވަރާއި ބެހޭ ވަޒީރު އައްޑޫއަށް ވަޑައިގެން ވިދާޅުވަނީ "ފަޓާސް ބަރިއެއް" ހެން ފުޓްސަލް ދަނޑު ހުޅުވަމުން ދާނެ ކަމަށެވެ.

ދަންނަވަންތޯއެވެ؟ ކިތަންމެ ބާރަށް ވިދާޅުވިއަސް އައްޑޫ ސްޓޭޑިއަމްގެ ވެސް ޕްލޭނެއް ނެތެވެ. ހިތައް އެރިއެއްޗެއް ވިދާޅުވަނީ އެވެ. ސްޓޭޑިއަމްގައި ލައިޓް ޖަހަން ބުނި މުއްދަތު ވަނީ ފާއިތުވެ ގޮސްފައެވެ. ބާއްވަން ވިދާޅުވި ބައިނަލް އަގްވާމީ އެންމެ މެޗެއް ވެސް އަދި އައްޑޫ ސްޓޭޑިއަމް ކުޅެވިފައި ނުވެއެވެ.

ކުޅިވަރުގެ އެއްވެސް ޕްލޭނެއް ނެތި "ފަޓާސް ބަރިއެއްހެން" މިހާރު ހުޅުވަމުންދާ ފުޓްސަލް ދަނޑުވެސް އައްޑޫ ސްޓޭޑިއަމްއަށްވީ ގޮތަށް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.