Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކައުންސިލްގެ ބިންތައް ސަރުކާރަށް ނަގަނީ !

އައްޑޫ ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައިވާ ބައެއް ބިންތައް ސަރުކާރަށް ނެގުމަށް ނިންމާފައިވާ ކަން ވަރަށް މުޢުތަބަރު ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބިންތައް ސަރުކާރަށް ނެގުމަށްޓަކައި ޚާއްސަ ގަރާރެއް ފާސްކުރައްވާފައެވެ.

މި ގަރާރު ފާސްކުރައްވާފައި ވި ނަމަވެސް މި ގަރާރާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ރައީސް އޮފީހުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް އަންގާފައި ނުވާކަމަށް ވެއެވެ.

ރައީސް ޔާމީން ކައުންސިލްގެ ބާރުގެ ދަށުގައިވާ ބައެއް ބިންތައް ނެގުމަށް ނިންމާފައިވާއިރު ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ވަނީ ކައުންސިލް ތަކާއި ގުޅުމެއް ނެތް ކަންކަމުގައި ނޫސްބަޔާން ނެރެ އެފަދަ މައްސަލަތަކުގައި ބަސް ބުނާ ކައުންސިލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް އިމާރާތެއް ހޯދުމުގެ މައްސަލައިގައި މީގެ ކުރިން ކައުންސިލާއި ސަރުކާރާއި ދެމެދު ދެބަސްވުން އުފެދިފައިވާއިރު ދާދި ފަހުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތުގެ އަގަށް ފެނަކައިން ގެނައި ބަދަލުގެ ސަބަބުން އުފެދިފައިވާ މައްސަލައިގައި ފެނަކައަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ވެސް ކައުންސިލުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުރީގެ އަތޮޅު އޮފީސްތައް ހިންގި އިމާރާތްތަކާއި ބައެއް ބިންތައް އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ޙާއްސަ ގަރާރަކުންނެވެ.